ދިވެހިރާއްޖޭގައި އިންޑިއާގެ ކޮވިޑް-19 ވެކްސިން ޓްރަޔަލް ބުރެއް ނުބާއްވާނެ: އިންޑިއާގެ ހައިކޮމިޝަން

21 Sep 2020 | 03:27

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންކުރެވޭނެ ވެކްސިނެއް ހޯދުމަށް އަވައްޓެރި އިންޑިއާގެ ސިރަމް އިންސްޓްޓިއުޓް އޮފް އިންޑިއާއިން ހިންގަމުންދާ މެޑިކަލް ޓްރަޔަލްގެ ބުރެއް ދިވެހިރާއްޖޭގައި ކުރިއަށް ނުގެންދާނެކަމަށް އެގައުމުގެ ހައިކޮމިޝަނުން ބުނެފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮވިޝީލްޑް ވެކްސިންގެ ޓްރަޔަލްގެ ތިންވަނަ ނުވަތަ ފަހު މަރުހަލާ އަންނަ ހަފްތާގައި ފެށުމަށް ވަނީ ތާވަލްކުރެވިފައެވެ. މިކަމަށް ޕޫނޭގެ ހޮސްޕިޓަލެއްގައި 200 އެއްހާ ވޮލަންޓިޔަރ މީހުންގެ ގަޔަށް މި ވެކްސިން ޖެހުމަށް ވަނީ ނިންމާފައެވެ.

މި ވެކްސިންގެ ޓްރަޔަލްގެ ތިންވަނަ މަރުހަލާގެ ބައެއް ދިވެހިރާއްޖޭގައިވެސް ކުރިއަށް ގެންދަން ނިންމާފައިވާކަމަށްބުނެ މީސް މީޑިޔާގައި ދަނީ ޓްވީޓެއް ދައުރުވަމުންނެވެ. އެ ޓްވީޓްގައިވާ ގޮތުގައި މި ހަފްތާގެ ތެރޭގައި ދިވެހިންނާ އެކު މި ޓްރަޔަލް ކުރިއަށް ގެންދެވޭނެއެވެ. އަދި އިންޑިއާގެ ހައިކޮމިޝަނުން މިކަމާއި މެދު ކަންބޮޑުވުން ފާޅުކުރި ސިއްހީ ޚިދުމަތްތެރިންނާ އެކު މާދަމާ ދަރުބާރުގޭގައި ބައްދަލުވުމެއް ބާއްވާނެކަމަށްވެސް ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާއި ގުޅޭގޮތުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި "ވޮއިސް"ގެ ފަރާތުން ސުވާލުކުރުމުން އެކަން ވަނީ ދޮގުކޮށްފައެވެ.

އިންޑިއާގެ ހައިކޮމިޝަނުން ބުނީ އެއީ ދޮގު ވާހަކައެއް ކަމަށާއި ހައިކޮމިޝަނުން އެފަދަ ބައްދަލުވުމެއް ނުބާއްވާ ކަމަށެވެ. އަދި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ރާއްޖޭގައި އެފަދަ ޓްރަޔަލްއެއް ނުބާއްވާނެކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement