އެޗް9 ފްލެޓް ވަގުތީ ލިސްޓް އެކުލަވާލާފައިވާ ގޮތާއިމެދު ޑރ.މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި

20 Sep 2020 | 22:11

ހިޔާ މަޝްރޫއުގެ އެޗް9 ކެޓަގަރީގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް މިއަދު އާންމުކޮށްފައިވާއިރު، އެ ލިސްޓާއި މެދު ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޑރ.މުއިއްޒު ވިދާޅުވީ އެކުގައި އެއްތަނެއްގައި އުޅޭ ދެމަފިރިންނަށް އެކަކު އަނެކަކަށް ތަފާތުކޮށް މި ސަރުކާރުން ދިރިއުޅުމުގެ ހާލަތުގެ ޕޮއިންޓް ދީފައިވާކަމަށެވެ. އެއީ ކޮންގޮތަކުން ބެލުމަށްފަހު ކުރި ކަމެއްތޯ އެބޭފުޅާ ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން ޑރ.މުއިއްޒު ވަނީ މިއަދު ނެރުނު ލިސްޓްގައި މިކަން ވަރަށް ގިނަ ރައްޔިތުންނަށް ދިމާވެފައިވާކަމުގެ ކަންބޮޑުވުން ލިބެމުންދާ ކަމަށެވެ.

ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީއިން މިއަދު ނެރުއްވާފައިވާ އިޢުލާނާއިއެކު H09 ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރެއްވުމަށްފަހު، އެ ކެޓެގަރީއަށް ޝަރުތު ހަމަވާ ފަރާތްތަކާއި، ޝަރުތު ހަމަނުވާ ފަރާތްތަކުގެ (ޝަރުތު ހަމަނުވާކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާ ސަބަބާއިއެކު) ވަގުތީ ލިސްޓުތައް ޝާއިޢުކުރައްވާފައިވެއެވެ. އަދި، މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ވެސް، އެ ކަމުގެ ސަބަބާއިއެކު ވަގުތީ ލިސްޓުގައި ހާމަކުރައްވާފައިއެވެ.

"ހިޔާ" މަޝްރޫޢުގެ H09 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު، 2020 ސެޕްޓެންބަރު 21 ވާ ހޯމަ ދުވަހުން ފެށިގެން 2020 އޮކްޓޫބަރު 04 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ ހުޅުވައިލައްވާފައެވެ.

Advertisement

ކޮމެންޓް