އެކައުންޓްގައި 100 މިލިޔަން ރުފިޔާ ހުރުމުން ކަންބޮޑުވާކަށް ނުޖެހޭ: ރައީސް ޔާމީން

23 Sep 2020 | 08:34

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްގައި 100 މިލިޔަން ޑޮލަރު ހުރުމުން އެކަމާއި މެދު ކަންބޮޑުވާކަށް ނުޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފްރީޒްކޮށްފައި ވަނިކޮށް ހައިކޯޓުން ދޫކޮށްލި އެމަނިކުފާނުގެ ބޭންކް އެކައުންޓުތަކުގެ މައްސަލައިގައި، ދައުލަތުން ސުޕްރީމްކޯޓުގައި ކުރި އިސްތިއުނާފު މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުންނެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ މި މައްސަލައިގައި ފުލުހުން އަމަލުކުރެއްވި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ އެކައުންޓްގައި 100 މިލިޔަން ޑޮލަރު ހުރުމާއި މެދު ފުލުހުން ކަންބޮޑުވާން ނުޖެހޭ ކަމަށާއި، ފްރީޒްކުރީ ފުލުހުން ބަލަމުންދާ އެއް މިލިޔަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައާއި ނުގުޅޭ ފައިސާ ކަމަށެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އިސްލާމިކް ބޭންކް އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރުގައި އަތް ނުލުމަށް އޭސީސީއިން ކުރިން އެންގިކަމަށް ފާހަގަކުރައްވާފައެވެ.

އެފަދައިން އަންގާފައިވުމުން، އެހެން ގޮތަކަށް އެއް މިލިއަން ޑޮލަރު ހޯދައި ކުރި އެސްކްރޯ އެކައުންޓަކަށް ޖަމާކުރި މުއާމަލާތާއި ގުޅިގެން ހުރިހާ އެކައުންޓުތަކެއް ފްރީޒްކުރަން ޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ފުލުހުންނަށް ވިސްނިފައި އޮތް ގޮތަކީ މީހެއްގެ އެކައުންޓުގައި ހުންނާނީ އެމީހަކަށް މުސާރައިގެ ގޮތުގައި ލިބޭ އެއްޗެއްކަމަށެވެ. އެހެނަސް މީހަަކަށް މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކީ އެމީހާގެ ފުރިހަމަ އާމްދަނީ ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި ހުކުމް ކުރާނެކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާންކޮށްފައެވެ. މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދެވެ.

ފޮޓޯ: އަވަސް

Advertisement

ކޮމެންޓް