ކޮވިޑުން އަރައިގަތުމަށް ގައުމުތަކުން ކުރާ މަސައްކަތުގައި އދ.ގެ ޗާޓަރު އިސް ދައުރެއް އަދާކުރޭ: ރައީސް ޞާލިހް

22 Sep 2020 | 12:06

ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔެއަށް މި ވަގުތު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމުގައި އ.ދ.ގެ ދައުރާއި، އެ ޖަމުޢިއްޔާގެ ޗާޓަރުގެ މުހިންމުކަން ވަރަށް ބޮޑުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، އ.ދ.އަށް 75 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ވަރޗުއަލްކޮށް ބޭއްވި ޚާއްޞަ ޖަލްސާގައި ދެއްވި ޚިޠާބުގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައި އެ މަނިކުފާނު ވަނީ، އ.ދ.އަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ އެންމެ މުހިންމު އެއް ބައިވެރިޔާގެ ގޮތުގައި ސިފަކުރައްވައި، އެ ޖަމުޢިއްޔާގެ ގުނަންތަކުގެ ބޭނުން ރާއްޖެއިން ހިފަމުންދަނީ ބައިނަލްއަޤްވާމީ މުޖުތަމަޢާއިއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، މައްސަލަތަކާއި ދަތިތަކަށް ހައްލު ހޯދުމަށްކަމުގައި ވިދާޅުވެފައެވެ. މިގޮތުން، މޫސުމީ ބަދަލުތަކުން ފެށިގެން ނިރުބަވެރިކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާއި، ވިޔަފާރީގެ ދާއިރާގެ އިތުރުން ސަރަޙައްދީ ގުޅުންތައް ހަރުދަނާކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެ މަނިކުފާނުގެ ޚިޠާބުގައި އަލިއަޅުއްވައިލެއްވިއެވެ.

މި ވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތައްކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ބަލިމަޑުކަމުން އަރައިގަތުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރާ އެކައްޗަކީ އ.ދ.ގެ ޗާޓަރު ކަމުގައެވެ. އަދި، ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި ޢަމަލު ކުރަމުންދާ ސިޔާސަތުތަކަކީ، އެ ޗާޓަރުގައި އެކަށައަޅާފައިވާ އަސާސްތަކާއި އެއްމަގުން ކުރަމުންދާ މަސައްކަތްތަކެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މަސައްކަތަކީ ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގެ ބުރަ މަސައްކަތް ކަމުގައެވެ. މި ކަމުގައި ރާއްޖެ ފަދަ މި ބަލީގެ ނުރައްކާތެރިކަން ބޮޑެތި ޤައުމުތަކަށް، އެ ޤައުމުތަކުގެ އިޤްތިޞާދު ނަގަހައްޓައި ސިނާޢީ ދާއިރާތައް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ މުޖުމަތަޢުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މިކަމާއި، ދުނިޔެއަށް ކުރިމަތިވެފައިވާ މި ފަދަ އެހެނިހެން މައްސަލަތަކާއި ކުރިމަތިލައި، އެ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢާއި ގުޅިގެން މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް އ.ދ.ގެ ސަލާމަތީ މަޖިލީހުން ނިންމާފައި ވަނީ 1965 ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު ފާސްކުރި އެ މަޖިލީހުގެ ރިޒޮލޫޝަން 212 ގެ ދަށުންނެވެ. ދިވެހިރާއްޖެއަކީ އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ ދެ މަސް ފަހުންކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އ.ދ.ގެ މެންބަރު ޤައުމެއްގެ މަޤާމު ރާއްޖެއަށް ލިބުމަކީ، އަދި އެ މަޤާމުގައި ދެމިއޮތުމަކީ ރާއްޖެއަށް ލިބިފައިވާ ޝަރަފެއް އަދި ފަޚުރެއްކަމުގައެވެ.

ދިވެހިރާއްޖެއަށް ރަސްމީކޮށް އ.ދ.ގެ މެންބަރުކަން ލިބުނީ 1965 ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

Advertisement

ކޮމެންޓް