Advertisement

އިންޑިއާގައި ބީޖޭޕީ ރާއްޖޭގައި އެމްޑީޕީ

22 Sep 2020 | 16:40

ބްލޫމްބާގުގައި އިންޑިއާގެ މަޝްހޫރު ނޫސްވެރިޔަކު ލިޔެފައިވެއެވެ. އިންޑިއާގައި ކޮވިޑްކޭސްތައް ރޮކެޓް ސްޕީޑްގައި މައްޗަށް އަރައި މީހުން މަރުވެ، އިގްތިސާދު ފުންވަޅުގަނޑެއްގެތެރެއަށް ވެއްޓިއްޖެއެވެ. ޗައިނާ ސިފައިން ދެގައުމުގެ ދެމެދުގައި މައްސަލަ އުފެދިފައިވާ ސަރަހައްދީ އިމުގައި ކުރިއަރައި ވިއްސަކަށް އިންޑިއާ ސިފައިން މަރާލައިފިއެވެ. އިންޑިއާގެ 21 މިލިޔަން މީހުންގެ ވަޒީފާތައް ގެއްލިއްޖެއެވެ. އެކަމަކު ގަނޑުވަރުކޮޅުގެ ބަގީޗާގައި ސާމަރާދޫންޏަށް ކާންދެއްވާ މަންޒަރު ފޮޓޯނަންގަވައި އަމިއްލަފުޅަށް ޕޯސްޓްކުރައްވައި ރައްޔިތުންނަށް ދައްކަވައި، ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުންނެވީ ރައްޔިތުންގެ ކުރިމަތީގައި އެފަދަ ދެވަނައެއް ނުވާފަދަ ބޮޑު މަގްބޫލުކަމެއްގައެވެ.

މޯދީ އެހާބޮޑު މަގްބޫލުކަމެއް އެހޯދަނީ ކިހިނެތްހެއްޔެވެ. އޭނާކަހަލަ އެހެންގައުމުތަކުގެ ލީޑަރުން ރައްޔިތުންގެ ކުރިމަތީގައިވަނީ އަޑިއަޅާލާފައެވެ. އެކަމަކު އާދޭހެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ކެމްޕެއިންގައި އާއްމުކޮށް ދައްކަވާ މަންޒަރަކީ ކޮރޯނާ ބައްޔަކީ އެމެރިކާގައި ނެތްއެއްޗެއް ކަމެވެ. ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ އޭނާއަށް ތާއީދުކުރާމީހުންނަށް ސަރުކާރުގެ ތެރެއިން ފައިސާ ޓްރާންސްފަރކޮށްލައިގެން އެތާއިދު ދަމަހައްޓައެވެ. ވޯޓްދޭ މީހުންގެ ކައިރީގައި މަގްބޫލުކަން ހޯދަން ކުރަންވީ ކަންކަން މޯދީއަށް އެގެއެވެ. އިންޑިއާގައި އަޑުއަރުވަނީ ސަރުކާރުން ކްރޯޑުންކްރޯޑުން ފައިސާތައް ބޭނުންޖެހިފައި ތިބޭމީހުންނަށް ބަހާކަމާއި ކޮރޯނާގެތެރޭގައި ބޮޑުވަޒީރު މޯދީގެ ދީލަތިފުޅުކަމުން ޚާއްސަ ފަންޑެއްވެސް ހުޅުވައިގެން ރައްޔިތުންނަށް ފައިސާ ބަހާކަމެވެ.

2016 ވަނަ އަހަރު އިންޑިއާގައި އިދިކޮޅު ސިޔާސީ މީހުން ވަގުފައިސާ މާގިނައިން ގެންގުޅޭކަމަށާއި ކޮރަޕްޝަން ހުއްޓުވަންކަމަށް ވިދާޅުވެ ހަމަ މަދުގަޑިކޮޅެއްގެ ނޯޓިސްއަކާއެކު އިންޑިއާގެ ކަރަންސީގެ 86 އިންސައްތަ ސަރުކާރުން ވިތުޑްރޯކުރުންވީ އިންޑިއާ ރައްޔިތުންނަށާއި ގައުމުގެ އިގްތިސާދަށް ކުރިމަތިވި ބޮޑު މުސީބާތަކަށެވެ. ކުރިމަތިވި ދަތިތަކުން އަރައިނުގަނެވި ބައެއް މީހުން އަމިއްލައަށް މަރުވިއެވެ. އެކަމަކު އޭގެކުޑދުވަސްކޮޅެއްފަހުން ބޭއްވި އިންތިޚާބު ބޮޑު އަޣްލަބިއްޔަތަކުން މޯދީ ކާމިޔާބުކުރިއެވެ. ކޮރޯނާވައިރަސް އިންޑިއާގައި ފެތުރެންފެށުމުންވެސް މަދުގަޑިކޮޅެއްގެ ނޯޓިސްއަކާއެކު މުޅިން އިންޑިއާ ލޮކްޑައުންކޮށް، ޖެހުނު މުސީބާތް އަދި މާބޮޑެވެ. އެމީހަކު ހުރިތަނެއްގައި ދެމަސްދުވަހަށްވުރެ ދިގުމުއްދަތެއްގައި ހުންނަންޖެހި، ހަތަރު އުދަރެސް ފެނުޖެހި، ބަނޑަށް މަރުވި މީހުންމަރުވީއެވެ. މެދުފަންތީގެ ހުރިހާ ވިޔަފާރިއެއް ބަގްރޫޓްވެ އިގްތިސާދު މިއިން ޒަމާނަކުވެސް އަޑިނާޅާ ވަރަށް އަޑިއަޅައިފިއެވެ. އެކަމަކު އެންމެންވެސް ދަންނަނީ މޯދީއެވެ. މިފިޔަވަޅު އިންޑިއާލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުން ތަސައްވުރުކުރަން އެގެނީ އިންޑިއާގެ މަދު ބަޔަކަށެވެ. ޕީޖޭޕީގެ ޕްރޮޕެގެންޑާއިން ރައްޔިތުންނަށް ވިސްނުވައިދިނީ އެފިޔަވަޅު ނޭޅިނަމަ އެތައް މިލިޔަން ބަޔަކު މަރުވެދިޔައީސްކަމަށެވެ. މުޅި ގައުމުގެ މީޑިއާ އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައެވެ. ހުރިހާ މީޑިއާއަކުން ގޮވަނީ މޯދީގެ މޮޅުކަމެވެ. އޭނާގެ ދީލަތިކަމެވެ. ވަތަނީކަމެވެ. ހިންދިއުޒަމް ދިރުވުމުގައި އެފަދަ ދަރިއަކު މުޅި އިންޑިއާއަށްވެސް ނުލިބޭނެއެވެ. މަހާތުމާގާދީއާއި ޖަވާހިރުލާލް ނެހެރޫއަށްވުރެ އޭނާގެ ހިއްވަރުގަދަކަމެވެ. އޭނާ މަތިވެރިކުރަމުންކުރަމުންގޮސް އޭނާގެ ބުދުހަދައިގެން އަޅުކަންވެސް ކޮށްފިއެވެ.

މޯދީގެ ޝަޚްސިއްޔަތު މިގޮތަށް މަތިވެރިކުރަމުންދާއިރު ވަރަށް ފުރިހަމައަށް ރޭވުންތެރިކަމާއެކު ބީޖޭޕީން ކުރާކަމަކީ މޯދީގެ މަޝްހޫރުކަމަށް ފަނޑުކަމެއް ގެނެސްފާނެހެން ހީވާކޮންމެ މީހެއްގެ އަބުރުކަތިލައި ވަގު އިލްޒާމު އަޅުވައި އެމީހަކަށް މުޖްތަމައުގައި ނުދިނޭނެ ވަރަށް ދަށްކޮށްލުމެވެ. މިކަންކުރަނީ އިންޑިއާގެ މީޑިއާއިންނާއި ބީޖޭޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނެވެ. ކޮންގްރެސްޕާޓީގެ ޒުވާން ލީޑަރ ރާހުލްގާދީއަށްވެސް ޖެހުނީ މިހާލެވެ. ޕައްޕޫގެ ނަމުން ވަނަމެއް ހަރުކޮށް އެއީ ވިރާސީވެރިކަމެއް ދަމަހައްޓަން އުޅޭ އާއިލާއެއްކަމަށް ކިޔައި، އިންޑިއާގެ މިނިވަންކަމުގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހިރުލާލް ނެހްރޫގެ ދަރިފަސްކޮޅުގެ އަގު ވެއްޔާއިވަނީ މޮޑެލާފައެވެ. މަހާތުމާގާދީއެއް، ޖަވާހިރްލާލް ނެހްރޫއެއް އެއީ ބީޖޭޕީ އައިޑިއޮލޮޖިސްޓުންގެ ގާތު އެއްވެސް އަގެއް ހުރިބައެއް ނޫނެވެ. ހުރިހާވެސް މީހަކީ މޯދީއެވެ. އޭނާގެ ފައިންޕުޅުގައި އަތްލައި ކުރުނީސްކޮށް އުފަންދުވަހުގެ ތަހުނިޔާ ނުފޮނުވާ ބޮލީވުޑްގެ ތަރިއަކަށްވެސް ސަލާމަތެއް ނެތްކަން އެމީހުންނަށް އެގެއެވެ.

ދިވެހި ރާއްޖެއިންވެސް މިފެންނަނީ ހަމަ އެއް މަންޒަރެކެވެ. ދިވެހި ރާއްޖޭގެ މޯދީއަކީ މުހައްމަދު ނަޝީދެވެ. ކުޑަ ތަފާތަކާއެކުއެވެ. މޯދީއަކީ ހަރުކަށި ހިންދޫއެކެވެ. ހިންދީދީނުގެ މީހުން ނޫންބަޔަކު އިންޑިއާގައި ތިބެގެން ނުވާނެކަމަށް ވިދާޅުވެ ގައުމުގައި ހުޅުޖަހައި މުސްލިމުންގެ މުދާތައް އަންދައި ހިންދީވަންތަކަމުގައި ހައްދު ފަހަނައަޅާފައިވާ ބޭފުޅެކެވެ. މުހައްމަދު ނަޝީދަކީ ސައްތައިން ސައްތަ އިސްލާމް ގައުމެއްގައި ލާދީނީ ބޭފުޅެކެވެ. އެއީ އިސްލާމަކަށް ނުވުމެއްނޫނެވެ. ލާދީނީ އެބަސް ނަޝީދު މާނަކުރައްވަނީ ހުޅަގުގެ ފަލްސަފާއެއްކަމަށްވާ ދީނާއި ދުނިޔެ ވަކިކޮށްގެން އުޅުމަށެވެ. ތުރުކީގައި އުޅުނު އަތާތުރުކު އުޅުނުގޮތެވެ. މުހައްމަދު ނަޝީދު ލޯބިކުރައްވަނީ މިލާދީނިއްޔަތަށެވެ. ހުރިހައި އެއްޗަކަށްވުރެ މަތިވެރިވެގެންވަނީ އިންސާނީ ހައްގުތަކެވެ.

މުހައްމަދު ނަޝީދުގެ ވަށައިގެން އެބުރޭ މީހުން އޭނާގެ ޝަޚްސިއްޔަތު މަތިވެރިކުރަމުން، އޭނާގެ މައުސޫމްކަމާއި، ދިވެހި ރައްޔިތުންނަށް އޮތް ލޯތްބާއި، ރައްޔިތުންގެ ހައްގުގައި އޭނާ ވަމުންދާ ގުރުބާން މީހުންގެ ސިކުނޑިތަކަށް ވައްދައިދެމުން ނެލްސަން މަންޑޭލާއާއި މަހާތުމާގާނދީގެ ދަރަޖައަށް އޭނާ އުފުލައެވެ. މީހުންގެ ހިތާއި ކުޅެލާފަދަ ރީތި ތަސައްވުރުތައް މުހައްމަދު ނަޝީދާއި ގުޅުވައެވެ. ރައްޔިތުންގެ އަތުން އިންތިހާއަށް ޓެކްސްނަގައިގެންވިޔަސް އިންޝުއަރެންސް ނިޒާމެއް ގާއިމުކޮށްދިން ވެރިޔަކު ނަޝީދު ނޫނީ ނެތްކަމަށް އޭނާއަށް ތާއީދުކުރާ މީހުން ރައްޔިތުންނަށްދައްކައެވެ. މައުމޫން ގައުމަށް އެއްވެސް ޚިދުމަތެއް ކޮށްނުދޭފަދައެވެ. ގުދުރަތުން ނަޝީދަށް ލިބިފައިވަނީ ޑޮނަލްޑް ޓްރަމްޕާއި ނަރެންދުރަ މޯދީއާއި ބްރެޒިލްގެ ބޮލްސޮނާރޯފަދައިން ވާހަކަދައްކައިގެން މީހުންގެ ހިތް އަބުރައިލުމުގެ ގަދަ ބާރެކެވެ. މިހުރިހައި ލީޑަރުންނަކީވެސް ރައްޔިތުން ވާވެއްދުމަށް ދޮގު ހެދުމުގައި މަޝްހޫރުބޭފުޅުންނެވެ.

މުހައްމަދު ނަޝީދުގެ ނަން މަތިވެރިކުރަމުން އިންޑިއާގެ ބީޖޭޕީފަދައިން ޕްރޮޕެގެންޑާ ކުރާނެ ނެޓްވާކެއް އެމްޑީޕީން އުފައްދައި ނަޝީދާއި ވާދަވެރި ސިޔާސީމީހުންގެ އަބުރުކަތިލައި، މީހުންގެ ކުރިމަތީގައި އަގުވަށްޓައި ލުމަށްޓަކައި ޚާއްސަ ތީމްތަކެއް ވުޖޫދުކުރެއެވެ.

ރައީސް މައުމޫންގެ އަގު ވަށްޓައިލީ ދިވެއްސަކު ދެން އަލުން މައުމޫނާއި ދިމާއަށް ނުބަލާނެފަދަ މިންވަރަކަށެވެ. ޑިކްޓޭޓަރެއްގެ ލަގަބުދީ، ނޮގޮވާ ވައްކަމެއް ނުގޮވާ ހުތުރުއެއްޗެއް ބޭނުންނުކުރާ ހުތުރުނަމެއް ނެތެވެ. ރައީސް މުހައްމަދު ވަހީދު ބާޣީއަކަށް ހަދައި، ކާޅުގެ ނަމުން ވަނަމެއް ހަރުކޮށް އެމްޑީޕީގެ ޕްރޮޕެގެންޑާ ފަތުރާމީހުން ރާއްޖޭގެ އެންމެންގެ ދޫދޫމަތިން ކިޔޭ ނަމަކަށް ހެދިއެވެ. ރައީސް އަބްދުﷲ ޔާމީންގެ ޝަޚްސިއްޔަތު ކަތިލާލުމަށްޓަކައި ބޭނުންކުރެވުނު ތީމަކީ ވައްކަމާއި އަނިޔާވެރިކަމެވެ. 30 އަހަރު ވެރިކަންކުރި ކާމިނީގޭ އާއިލާއިން ވެރިކަމަށް އާދެވޭވަރުގެ ހަމައެކަނި މީހަކަށްހުރީ އަބްދުﷲ ޔާމީންކަން މުހައްމަދު ނަޝީދަށް އެގިވަޑައިގަންނަވައެވެ. އެހެންވީމާ އެމްޑީޕީގެ ވެރިކަން ފުރަތަމަ ފެށުނީއްސުރެ ޔާމީނަކީ ވަގެއްކަމަށް ދެއްކުމަށް އޭނާއާއި ދެކޮޅަށް ކިތަންމެ ކަމެއް ހިންގިއްޖެއެވެ. އެމްޑީޕީގެ އެކްޓިވިސްޓުން މެރުގެ އަޑީގައި ހުރި މީހަކީ އަބްދުﷲ ޔާމީންކަމަށް ދެއްކުމަށް ތިޔަރީތައް އުފެއްދުނެވެ. މީހުންގެ ހިތުގައި އެމްޑީޕީން ކުރަހަންބޭނުންވާ ސޫރަ ރަގަޅަށް ހަރުލައްވައިލެވިއްޖެއެވެ. ކިރިޔާވެސް މުހައްމަދު ނަޝީދުގެ ޕޮޕިއުލަރިޓީއަށް ގުޑުމެއް އަރާކަމަށް ހީވާނަމަ މާޒީގެތެރެއަށް ރުޖޫއަވެ މައުމޫނާއި ޔާމީންގެ އަނިޔާވެރިކަން މީހުންނަށް ހަދާންކޮށްދިނުމުގެ ކެމްޕެއިން ޖައްސައެވެ. މުހައްމަދު ނޝީދު ދެނެވަޑައިގަންނަވާ އެއްކަމެއް އޮވެއެވެ. އެއީ އޭނާގެ ފަހަތުން ހިގާބަޔަކު ތިބޭކަމެވެ. އޭނާ ދައްކަވާހާ މަގަކުން އެމީހުންތިބޭނީ ހިގަންތައްޔާރަށެވެ. ރައްޔިތުންގެ މަޖިލީހުގައި އިންނަވާފައި ކުރީގެ ހައުސިން މިނިސްޓަރާއި ދިމާލަށް ހޮޅި މުއިއްޒޭ ވިދާޅުވެ ފުރައްސާރައިގެ ބަހެއް ވިދާޅުވުމުން ފަހަތުން އެންމެން ގޮވަނީ ހޮޅި މުއިއްޒުއެވެ. އެހާވެސް އޭނާގެ ޖާދޫ އޭނާއަށް ތަބާވެތިބި މީހުންގެ މައްޗަށް އޮވެއެވެ. ކަށިކުބުރު ޖަންގައްޔަކަށް ވަންނަންޖެހުނަސް ލޫދެމުން ވީދެމުން އެމީހުން ދާނެއެވެ. އެއީ ހިތާއި ހިތުގެ ގުޅުމެއްކަމަށް ނަޝީދު ސިފަކުރައްވައެވެ.

ބްލޫމްބާގުގައި ލިޔުނު އިންޑިއާގެ ނޫސްވެރިޔާ ސިފަކުރިގޮތަށް މޯދީގެ ސަބަބުން މުޅި ގައުމަށް ގެއްލުމާއި ހަލާކު ކުރިމަތިވެއްޖެއެވެ. އެކަމަކު އޭނާދެކެ މީހުން އޭނާވަރުގެ މީހަކު ނެތިގެން އުޅޭ ސަބަބެއް ވިސްނާވިސްނާ އެނޫސްވެރިޔާއަށް ނޭގުނެވެ. ހަމަ އެގޮތަށް ދިވެހި ރާއްޖޭގައިވެސް މުހައްމަދު ނަޝީދުގެ ސަބަބުން ގައުމަށް ލިބުނު ފައިދާއަށްވުރެ ގެއްލުން ބޮޑެވެ. ރިސޯޓަކާއި ލެޕްޓޮޕަކުން ސަރުކާރެއް ނުހިންގޭނެކަމަށް އެންމެންނަށްވެސް މިހާރު ގަބޫލުކުރވެއެވެ. އޭނާގެ ކިބައިގައި ގައުމުގެ ވެރިކަން ކުރެވޭފަދަ ސިކުޑީގެ ގާބިލްކަމެއް، ހިންގުންތެރިކަމެއް ނެތްކަންވެސް އެގެއެވެ. އިސްލާމްދީނާއި ގުޅޭކަންކަމުގައި އޭނާ އަމަލުކުރައްވާގޮތް މީހުންނަށް އެގެއެވެ. އޭނާ ނޫން އެހެންމީހަކަށް ވެރިކަމެއް ކުރައްވަން ފުރުސަތެއް ނުދެއްވާނެކަންވެސް މީހުންނަށް އެގެއެވެ. އެކަމަކު އޭނާވަރުގެ މީހަކު ނެތިގެން މީހުން އޭނާގެ ފަހަތުން ގައުމީ ލަވަތައް ޕާޓީލަވަތަކަށް ބަދަލުކޮށް ބެރުޖަހައި ސަނާކިޔަމުން ދާންވީ ސަބަބެއް ނުވިސްނެއެވެ.

Advertisement

ކޮމެންޓް