ފްލައިދުބާއީން ދިވެހިރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފަށަނީ

22 Sep 2020 | 22:27

އެކުވެރި އަރަބި އިމާރާތުގެ ލޯ-ކޯސްޓް އެއާލައިނެއްކަމަށްވާ ފްލައިދުބާއީން ދިވެހިރާއްޖެއަށް އަނެއްކާވެސް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

އެގައުމުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ފްލައިދުބާއީއިން އޮކްޓޯބަރު މަހުގެ 29ވަނަ ދުވަހުން ފެށިގެން ދުބާއީ އަދި މާލެއާއި ދެމެދު ޝެޑިއުލް ދަތުރުތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ފްލައިޓްތައް އޮންނާނީ ހަފްތާއަކު ހަތަރު ދުވަހުގައެވެ.

ފްލައިދުބާއީއިން ކުރާ މި ދަތުރުތަކުގައި އިކޮނޮމީ ކްލާހާއި ބިޒްނަސް ކްލާސްގެ ސީޓްތައް ޚިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެ އެއާލައިނުން އެންމެ ފަހުން ދެގައުމުގެ ދެމެދުގައި ދަތުރުތައް ބާއްވަނީ 2018ވަނަ އަހަރުގައެވެ. 

ފްލައިދުބާއީން ބުނިގޮތުގައި މި ދަތުރުތައް އަލުން ފެށުމަށް ނިންމާފައިވަނީ ދަތުރުވެރިންގެ މެދުގައި ދިވެހިރާއްޖެއަށް އޮތް ބޮޑު ޑިމާންޑްގެ ސަބަބުންނެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރުތައް ހުޅުވާލުމާ އެކު، ގިނަ އެއާލައިންތަކުން ދަނީ ދިވެހިރާއްޖެއަށް ދަތުރުތައް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ދާދިފަހުން ރާއްޖެއިން ވަނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާ ނުލައި ރާއްޖެއަށް ނާދެވޭނެ ގޮތަށް އުސޫލުތައް ބަދަލުކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement