ރައީސް ޞާލިހް ރައްޔިތުންނާއި ބައްދަލުނުވެ "ތަދުމަޑު 3 މަސް" ނިންމާލައިފި!

23 Sep 2020 | 09:27

"އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ކުރިއަށް މިއޮތް ހައެއްކަ މަސްދުވަހަކީ ދަތި އުނދަގޫ ހަ މަހަކަށް ވެގެންދާނެއޭ. ހަމައެކަނި ދައުލަތުގެ ޚަރަދުތަކަށް އެކަންޏެއް ނޫން. ބަޖެޓަކަށް އެކަންޏެއް ނޫން. މީގައި ޢާންމު ރައްޔިތުންނަށާއި، ޢާންމު ވިޔަފާރިތަކަށްވެސް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ. އެހެންވީމާ، ކުރިންވެސް ދެންނެވި ފަދައިން، މިކަމަށް އަޅުގަނޑުމެންނަށް ޙައްލެއް ހޯދެން އަންނާނީ، ހަމަ އެންމެން އެކީގައި މަސައްކަތް ކޮށްގެން"

މިއީ 23 ޖޫން 2020 ވަނަދުވަހު "ކޯވިޑް 19" އާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ނޫސްވެރިން ދެންނެވި ސުވާލަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދެއްވި ޖަވާބެވެ.

މާދަމާއަކީ ޤައުމުގެ އެންމެ އިސްވެރިޔާ ދިވެހިރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅުދެއްކެވިތާ 3 މަސްވާ ދުވަހެކެވެ. އެމަނިކުފާނު ވިދާޅުވިފަދައިން ރާއްޖޭ މިހާތަނަށް ފަހުގެ ތާރީހެއްގައި ދެކިފައިނުވާފަދަ ދަތި އުނދަގޫދުވަސްތަކެއް ދިވެހި ރައްޔިތުން މިދަނީ ތަހައްމަލް ކުރަމުންނެވެ. ސަރުކާރުގެ އެންގުންތަކާއި، އިރުޝާދަށް ބޯލަނބަމުންނެވެ.

ވިޔަފާރިތައް ބަނގުރޫޓުވެ، ވަޒީފާ ގެއްލިފައިވާ އެތަކެއް ރައްޔިތުންނަކަށް މި ދަނޑިވަޅުގައި ޤައުމުގެ އެންމެ އިސްވެރިޔާގެ ބައްދަލުވެ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބެއް ލިބުން މިއީ ދެވޭ ސަބްސިޑީއަކަށްވުރެން ރަނގަޅު ފަރުވާއެއްކަން ސާބިތުވަނީ ރާއްޖެއަށްވުރެން ބޮޑެތި ޤައުމުތަކުގެ ވެރިން، ދުވާލަކު އެއްފަހަރު، ހަފްތާއަކު އެއްފަހަރު ނުވަތަ އެއަށްވުރެންވެސް ގިނައިން ބައްދަލުކުރައްވާ ބައްދަލުކުރެއްވުމުންނެވެ. އާދެ ނޫސްވެރިންގެ ބައްދަލުވުންތަކުން ރައްޔިތުންގެ އެތަކެއް ކަންބޮޑުވުންތަކާއި، ޤައުމުގެ މިސްރާބާއި ސަރުކާރުގެ ސިޔާސަތުތައް ހާލަތާއި ގުޅިގެން ކުރިއަށް ގެންދަން ވިސްނަވާފައިވާގޮތް ސީދާ ޤައުމުގެ އެންމެ އިސްވެރިޔާ ސާފުކޮށްދެއްވާ ދެއްވުން މިއީ މި ދަނޑިވަޅައް އެހާމެ މުހިންމުކަމެއްކަމަށް ދެކެމުއެވެ.

ވުޒާރާތަކުގެ ވެރިން މި ދަތި ދަނޑުވަޅުގައި ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ކޮށްލާ ޓުވީޓަކުން ފަރުވާއެއް ނުލިބޭނެ ކަމަކީ ފެންނަން އޮތް ހަޤީގަތެކެވެ. ދަތި 3 މަސްތެރޭ އެތަކެއް ކަމެއް، އެތަކެއް ގޮތަކަށް ބަދަލްވެގެން ހިނގައްޖެއެވެ. ރައްޔިތުންގެ ދިރިއުޅުމާއި، ވިޔަފާރިވެރިންގެ ވިޔާފާރިއަށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ. ސަރުކާރުގެ އައު ސިޔާސަތަތުތައް ރައްޔިތުންނަށް ސާފެއްނޫނެވެ. ސާފު ވާނެއް ގޮތައް ކުރާނެ ގޮތެއް ސާފުނުވާހިސާބަށް ކަންކަން ގޮސްފައިވާ ކަމީ މަޖިލީހުގެ މަހުސްތަކަށް ބަލާލުމުންވެސް އެނގިގެންދާނެކަމެކެވެ.

ރައީސް ޞާލިހް ވިދާޅުވި 6 މަހުގެ ތެރެއިން 3 މަސް ނިމިގެން ދިޔައީ ރައީސް ޞާލިހްގެ ހިލަމެއް ރައްޔިތުންނަށް ނުވއެވެ. މިކަމާއި ބެހޭގޮތުން ސަރުކާރުގެ ތަރުޖަމާނު ހޫދު "ވޮއިސް" އަށް މައުލޫމާތު ދެއްވިގޮތުގައި ރައީސް ޞާލިހް ނޫސްވެރިންނާއި ވަރަށް އަވަހަށް ބައްދަލުކުރައްވާނެއެވެ. ބައްދަލުނުވެ ލަސްވަނީ މަސައްކަތްޕުޅުގެ ބުރަކަމުންނާއި މަސައްކަތް ހުރިގޮތުންނެވެ.


Advertisement

ކޮމެންޓް