Advertisement

އީސާގެފާނުކަމަށް ދައުވާކުރި ރަޝިޔާގެ ކަލްޓް ލީޑަރު ހައްޔަރުކޮށްފި

23 Sep 2020 | 23:28

ރަޝިޔާގައި އީސާގެފާނުކަމަށް ދައުވާކޮށްގެން، އަދި އޭނާއަށް ތަބާވި އެތައްބަޔަކު ތިބި ކަލްޓު ލީޑަރަކު ރަޝިޔާ ސިފައިން ހައްޔަރުކޮށްފިއެވެ. ރަޝިޔާގެ އިދާރާތަކުންވަނީ ކުރިން ރަޝިޔާގެ ޓްރެފިކް ޕޮލިސް އޮފިސަރަކަށް އުޅުމަށްފަހު، އީސާގފާނުގެ ރޫހު އޭނާގެ ހަށިގަނޑުގެތެރެއަށް ވަދެފައިވާކަމަށް ދައުވާކުރަމުންދިޔަ މިމީހާ ހައްޔަރުކުރުމަށް އޭނާއަށް ތަބާވެގެން އުޅޭ މީހުން ދިރިއުޅޭ ކޮމިއުނިޓީގައި ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.

ޓޮރޮޕް ނަމަކަށްކިޔާ ދިގު، ނުރައިސްތަށިގަޑަކާއި ތުބުޅިއެއް ހުންނަ އުމުރުން 59 އަހަރުގެ މިމީހާއަށް އޭނާއަށް ތަބާވެގެންއުޅޭ މީހުންކިޔަނީ ވިސަރެއަންއެވެ. 1989 ވަނަ އަހަރު އޭނާގެ ވަޒީފާ ގެއްލި އެހެންއުޅުމުގެތެރޭގައި އޭނާ ދައުވާކުރަންފެށީ އީސާގެފާނުގެ ރޫހާއެކު އޭނާ އަލުން ދުނިޔެއަށް ވުޖޫދުވެފައިވާކަމަށެވެ.

ސޮވިއެޓް ޔުނިއަން 1991 ވަނަ އަހަރު ރޫޅެމުންދިއައިރު އޭނާވަނީ ޗާޗް އޮފް ލާސްޓް ޓެސްޓްމަންޓް ކިޔާ ޖަމާއަތެއް އުފައްދާފައެވެ. ރަޝިޔާގެ ސައިބީރިއާގެ ސަރަހައްދެއްގައި އޭނާ އުޅެމުންދިޔައިރު އެތައްހާސް ބަޔަކު އޭނާއަށް ތަބާވެގެން އުޅެއެވެ. އޭގެތެރޭގައި ރަޝިޔާގެ ޕްރޮފެޝަނަލިސްޓުންނާއި ގައުމުން ބޭރު މީހުންވެސް ހިމެނެއެވެ. އޭނާ ބުނަމުންދިޔައީ އޭނާއަކީ އިލާހެއްނޫންކަމަށެވެ. އީސާގެފާނު އިލާހެއްކަމަށް ހެދުމަކީ ގޯހެއްކަމަށެވެ. އެކަމަކު އޭނާއަކީ މިބިމުގައިވާ ގޯޑްގެ ބަސްފުޅުކަމަށެވެ. ގޯޑް އަންގަވާ އެންގެވުންތައް ދަނީ އޭނާމެދުވެރިކޮށްކަމަށެވެ.

ރަޝިޔާގެ މީޑިއާ ރިޕޯޓްތައްބުނާގޮތުގައި މި ވަސެރެއަން އެންމެ ފުރަތަމަ ދައުވާކުރީ ދުނިޔެއާއި ގާތުގައިވާ އޯބިޓުން އީސާގެފާނު ދުނިޔެއަށް ބައްލަވަމުންގެންދަވާކަމަށް ބުނެއެވެ. ރަޝިޔާގެ ކަންކަން ހިންގަވަމުންގެންދަވަނީ މަރިޔަމްގެފާނުކަމަށްވެސް އޭނާ ބުނަމުންދިޔައެވެ.

އޭގެފަހުން އޭނާ އަމިއްލައަށް ތިމަންނާއީ އީސާގެފާނުކަމަށް ދައުވާކުރީއެވެ. އޭނާ ދިރިއުޅޭ ރަށުގައި އެއްގަމުމަހުން އުފައްދާފައިވާތަކެތި ކެއުން ހުއްދަވެގެންނެއް ނުވެއެވެ. އަދި ފައިސާމާރުކޮށްހެދުން ވެސް މަނަލެވެ. ކްރިސްޓިއަނުންފާހަގަކުރާ ކްރިސްމަސްޑޭ ވެސް އޭނާވަނީ އޭނާ އުފަންވި ޖެނުއަރީ 14 ވަނަ ދުވަހަށް ބަދަލުކޮށްފައެވެ. އޭނާ ކުރާ އަޅުކަންއެއީ ކްރިސްޓިއަން އޮތޮޑޮކްސްގެތެރެއިން މައްސުނިކުރެވިފައިވާ ވައްތަރެއްގެ އަޅުކަމެކެވެ. ރަޝިޔާގެ ރަސްމީ އޮތޮޑޮކްސްޗާޗުން އޭނާގެ މިއަމަލުތައް ކުށްވެރިކުރާތާ ކިތަންމެ ދުވަހެކެވެ. އެކަމަކު ރަޝިޔާގެ ކަމާއިބެހޭ ފަރާތްތަކުން މިހާތަނަށް ވަސެރެއަންއާއި އޭނާއަށް ތަބާވާ މީހުންގެ ގައިގައި އަތެއްނުލައެވެ.

ވަސެރެއަން ހައްޔަރުކުރުމަށް ރަޝިޔާގެ އިންވެސްޓިގޭޓަރުން އޭނާގެ މައްޗަށް ތުހުމަތުކުރަނީ ގާނޫނާއި ޚިލާފަށް ދީނީ ޖަމާއަތެއް ހަދައިގެން ހިންގުމާއި ނަފްސާނީގޮތުން މީހުން ވާވައްދައި އެމީހުންގެ މައްޗަށް ނުފޫޒު ހިންގައި އެމީހުންގެ އަތުން އޭނާގެ ކަލްޓް ގްރޫޕް ހިންގަން ފައިސާ ނަގަމުންދާކަމަށެވެ.

އޭނާ ހައްޔަރުކުރުމަށް ރަޝިޔާގެ އެފްއެސްބީ ސެކިއުރީޓީ ސާވިސްގެ ހަތަރިޔާރުއަޅައިގެން ތިބި އެޖެންޓުންނާއި ފުލުހުންނާއި އެހެން އެޖެންސީތައް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހެލިކޮޕްޓަރުތައް ބޭނުންކުރިއެވެ. އޭނާ ހައްޔަރުކުރުމުން އޭނާއަށް ތަބާވީ މީހުންނަށް ވާނެގޮތެއް ނޭގެއެވެ.

އެމީހުން ގަބޫކުރި އީސާގެފާނު ބިޑިއަޅުވާފައި ޖަލުގެ ގޮޅިއަކަށްލީއެވެ. މީގެކުރިން 1993 ވަނަ އަހަރު އެމެރިކާގައިވެސް މީހަކު ނަބީކަމަށް ދައުވާކޮށް ޔަހޫދީން އުއްމީދުކޮށްގެން ތިބި ދާއޫދުގެ ފާނުގެ ކިންގްޑަމް ފުރިހަމަކުރުމަށް ފޮނުއްވީކަމަށް ކިޔައި އެމީހުންގެ ފޮތުގައިވާ ގޮތަށް 24 ޒުވާން އަންހެންކުދިންނާއިއިދެ، އެތައްބަޔަކު އޭނާއަށް ތަބާވެ އުޅެނިކޮށް އެމެރިކާގެ ފުލުހުން އޭނާ އަތުލުމަށްޓަކައި ޚާއްސަ އޮޕަރޭޝަނެއް ހިންގުމުގެތެރޭގައި އޭނާއާއި އޭނާއަށް ތަބާވި މީހުންތިބި ތަނުގައި އަލިފާންރޯވެ އަދައިގެންދިޔައީއެވެ. 

Advertisement

ކޮމެންޓް