Advertisement

ބަޔާން މިއުނިކް ޔުއެފާ ސުޕަ ކަޕްގެ ޗެންޕިއަންކަން ހޯދައިފި

25 Sep 2020 | 07:15

ޔުއެފާ ޗެންޕިއަންސް ލީގް ކާމިޔާބު ކުރި ބަޔާން މިއުނިކް އަދި ޔުއެފާ ޔޫރޯޕާ ލީގް ކާމިޔާބު ކުރި ސެވިއްޔާ ވާދަ ކުރި ޔުއެފާ ސުޕަ ކަޕްގެ މެޗުން ބަޔާން މިއުނިކް ކުރި ހޯދައިފިއެވެ.

20،000 ސަޕޯޓަރުން ދަނޑަށް ވައްދާައިގެން ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި ކުޅުނު މި މެޗު ބަޔާން ކާމިޔާބު ކުރީ 2-1 ކުންނެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑް ނަގާފައިވަނީ ސެވިއްޔާއެވެ. މި ގޯލް އެޓީމަށް ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން އޮކަމްޕޮސްއެވެ. ސެވިއްޔާއަށް މި ޕެނަލްޓީ ލިބުމަށް މެދުވެރިވީ ބަޔާންގެ ޑިފެންޑަރު އަލަބާ ޕެނަލްޓީ އޭރިއާ ތެރެއިން ސެވިއްޔާގެ ރަކިޓިޗްއަށް ކުރި ފައުލަކައި ގުޅިގެންނެވެ.

ހާންސް ފްލިކްގެ އިރުޝާދުގެ ދަށުން ސޮލިޑް ފުޓްބޯޅައެއް ކުޅެމުން އަންނަ ބަޔާންއަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިނީ 34 ވަނަ މިނެޓުގައި ގޮރެޓްޒްކާއެވެ.

ބޯޅަ ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް ބަޔާންގެ ފަރާތުން މި މެޗުގައި ފެނުނު ނަމަވެސް ސެވިއްޔާ ވަނީ އެޓީމަށް ލިބުނު މަދު ފުރުސަތުތަކުގައި ބަޔާން ޕްރެޝަރަށް ވައްޓާލާފައެވެ. ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަށް ސެވިއްޔާއަށް ލިބުނު ނަމަވެސް ބަޔާންގެ ކެޕްޓަން އަދި ކީޕަރު ނުޔާރ ވަނީ ހުށިޔާރު ކަމާއެކު އިދިކޮޅުން ފޮނުވާލި ހަމަލާތަށް މަތަކޮށްފައެވެ.

ބަޔާންގެ ދެވަނަ ގޯލް ފެނުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ނަތީޖާ އެއްވަރުވެފައި އޮތުމުގެ ސަބަބުން ކުޅުނު އިތުރު ގަޑީގެ ފުރަތަމަ ހާފުގައެވެ. މި ގޯލް ބަޔާންއަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދަނޑަށް އެރި ހަވީ މާޓިނޭޒްއެވެ.

ބަޔާންގެ މި މޮޅާއެކު ހުރިހާ މުބާރާތުން އެޓީމް ބަލިނުވެ ހިފަހައްޓަމުން އަންނަ ރެކޯޑަށް ވަނީ ބޮޅެއް އިތުރުވެފައެވެ. 32 މެޗުން ބަލިނުވެ ބަޔާން ހިފަހައްޓާލާފައިވާއިރު ސެވިއްޔާ ދަމަހައްޓަމުންއައި ބަލިނުވުމުގެ ރެކޯޑް ވަނީ މި މެޗަށްފަހު ނިމުމަކަށް އައިސްފައެވެ. ސެވިއްޔާ ވަނީ ހުރިހާ މުބާރާތަކުން ބަލިނުވެ 21 މެޗް ހަމަކޮށްފައެވެ. 

Advertisement

ކޮމެންޓް