Advertisement

އިންޑިއާ-ދިވެހިރާއްޖެ ކާގޯ ފެރީ ކުޅުދުއްފުށީގައި ބަނދަރުކޮށްފި

26 Sep 2020 | 11:40

ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދުގައި ބާއްވާ ކާގޯ ފެރީ ދަތުރުތައް ފަށައި، ކުޅުދުއްފުށި ސިޓީގައި އެ ފެރީ ބަނދަރުކޮށްފިއެވެ.

މި ފެރީ މިއަދު ހެނދުނު ހައެއް ޖަހާކަށްހާއިރު ކުޅުދުއްފުށި ސިޓީގެ ބޭރުގައި ވަނީ ބަނދަރުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ފެރީއަށް މަރުހަބާ ކިޔުމަށް އެ ރަށުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް އޮތީ ރޭވިފައެވެ. ނަމަވެސް އެރަށުން ކޮވިޑަށް ޕޮޒިޓިވް ކޭހެއް ފެނި، ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް މޮނީޓަރިންގއަށްލުމުން އެކަން ވަނީ ކެންސަލްކޮށްފައެވެ.

މި ކާގޯ ފެރީގެ ދިވެހިރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިންގއެވެ. އެ ކުންފުނިން މައުލޫމާތުދޭ ގޮތުގައި 500 ޓަނުގެ ސިމެންތި އާއި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ ދެ ކޮންޓެއިނަރު މި ފެރީން ކުޅުދުއްފުއްޓަށް ބާލާނެއެވެ. މިކަން ކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑްގެ ފަރާތުންނެވެ.

މިކަމުގައި ކޭޕީއެލްގެ 50އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެއެވެ. ކުޅުދުއްފުއްޓަށް މި މުދާތައް ބޭލުމަށްފަހު މާލެއަށް ކާގޯ ފެރީ މިސްރާބު ޖަހާނެއެވެ.

މިފެރީގެ ދަތުރުތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ޝިޕިންގ ކޯޕަރޭޝަން އޮފް އިންޑިއާއިން އޮޕަރޭޓްކުރާ އެމްސީޕީ ނަމަކަށްކިޔާ ކާގޯ ބޯޓެކެވެ. މި ދަތުރުތަކަކީ އިންޑިއާ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ކުރާ ދަތުރު ތަކެކެވެ.

Advertisement

ކޮމެންޓް