Advertisement

މިއަދަކީ ދިވެހިރާއްޖެއަށް އާ ދިރުމެއް ލިބިގެންދާ ދުވަހެއް: ޝާހިދު

26 Sep 2020 | 14:46

ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދުގައި ބާއްވާ ކާގޯ ފެރީ މިއަދު ކުޅުދުއްފުށި ސިޓީ ބޭރުގައި ބަނދަރުކުރި އިރު، މިއަދަކީ ދިވެހިރާއްޖެއަށް އާ ދިރުމެއް ލިބިގެންދާ ދުވަހެއްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ އެ ކާގޯފެރީ ކުޅުދުއްފުއްޓަށް ލެފުމާއި ގުޅިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ މި ކާގޯފެރީގެ ޚިދުމަތުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން އުތުރުގެ ބަނދަރުތަކަށް ބޭރުން މުދާގެނެސް އެ މުދާ އުތުރުގެ ސަރަޙައްދަށް ފެތުރިގެންދާނެ ގޮތް މެދުވެރިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ޝާހިދު އިތުރަށް ވިދާޅުވީ މިއަދަކީ އުފާވެރި އަދި ދިވެހިރާއްޖެއަށް އާ ދިރުމެއް ލިބިގެންދާނެފަދަ ދުވަހެއް ކަމަށެވެ. އަދި މިއަދަކީ ބޮޑުތިލަދުންމަތި ބޮޑުކޮށް ދިއްލުމުގެ ފެށުން ފާހަގަކުރާ ދުވަސްކަމަށާއި ކުޅުދުއްފުށީ އަލުން އާރާސްތުކޮށް ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނުގެ ޒިކުރާ އާކޮށް އެ މައްޗަށް އާ ބިނާތައް އާރާސްތުކުރަން ފަށާ ދުވަސްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ މިފެރީގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި މިކަމުގެ ހެޔޮ ނަތީޖާތައް ފެންނަމުންދާނެކަމަށް ވިދާޅުވެފައެވެ. 

މިފެރީގެ ދަތުރުތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ޝިޕިންގ ކޯޕަރޭޝަން އޮފް އިންޑިއާއިން އޮޕަރޭޓްކުރާ އެމްސީޕީ ނަމަކަށްކިޔާ ކާގޯ ބޯޓެކެވެ. މި ދަތުރުތަކަކީ އިންޑިއާ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ކުރާ ދަތުރު ތަކެކެވެ.

Advertisement

ކޮމެންޓް