Advertisement

ޖަޕާނުގެ ބޮޑުވަޒީރުގެ ވިސްނުންފުޅު ހުރީ އަންނަ އަހަރުގެ ޖުލައި މަހު އެގައުމުގައި އޮލިމްޕިކްސް ބާއްވަން!

27 Sep 2020 | 12:16

މިއަންނަ އަހަރު ޖުލައި 23 ގައި ޖަޕާނުގައި އޮލިމްޕިކް ބޭއްވުމުގެ ވިސްނުން ދޫކޮށްނުލައްވާކަމަށް އެގައުމުގެ ބޮޑުވަޒީރު ޔޮޝިހިދެ ސުގާ އިއުލާންކުރައްވައިފިއެވެ.

ޖަޕާންގެ ބޮޑުވަޒީރުކަމުގެ މަގާމާއި ދާދިފަހުން ހަވާލުވެ ވަޑައިގެންނެވި ޔޮޝިހިދެ ސުގާ މިފަދައިން ވިދާޅުވީ 75 ވަނަ ޔުނައިޓެޑް ނޭޝަންގެ ޖެނަރަލް އެސެމްބްލީގައި ތަގްރީރުކުރައްވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ މިއަންނަ އަހަރުގައި ކޮންމެހެންވެސް ޓޯކިޔޯ އޮލިމްޕިކްސް ބޭއްވުމަށް ގަދައަޅައި މަސައްކަތް ކުރައްވާނެ ކަމަށާއި މިއިވެންޓް ވެގެން ދާނީ ކޮވިޑް 19 ގެ ބަލިމަޑުކަން ފެތުރުން ނިމުން ފާހަގަކުރާ ފުރުސަތަށް ކަމަށެވެ.

ޖަޕާނުގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވަނީ އޮލިމްޕިކް ގޭމްސްގައި 11000 އެތްލީޓުން ބައިވެރި ވާއިރު ކޮވިޑް19 އިން އެތްލީޓުން ރައްކާތެރި ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، މިކަމުގައި ޖަޕާންގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ.

އެގޮތުން އޮލިމްޕިކް ވިލެޖަށް ބައިވެރިން ގެނައުމުގެ ކުރިން ކޮވިޑް 19 އަށް ޓެސްޓް ކުރުމާއި، ނިންމުމުގެ ރަސްމިއްޔާތަށް މަޑުނުކޮށް މުބާރާތުގައި ބައިވެރިވެ ނިމުމަށްފަހު އަނބުރާ ގައުމަށްދާ ގޮތަށް ހެދުމައި، ސްޓޭޑިއަމް ތަކުގެ ސައިޒް ކުޑަކޮށް، އިޖްތިމާއީ ގައިދުރުކަމަށް އިސްކަންދިނުން ފަދަ ކަންތައްތަކެއް ޖަޕާނުން ރާވަމުންދާކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އޮލިމްޕިކް ކުޅިވަރުތައް ޖަޕާނުގައި ބޭއްވުމާއި ދޭތެރޭގައި އެގައުމުގެ ރައްޔިތުން ދެކޭގޮތް ހޯދުމަށްޓަކައި ދާދިފަހުން ބޭއްވި ޕޯލެއްގެ ނަތީޖާއިން ދައްކާ ގޮތުގައި އެކަން ކުރުމަށް ގިނަ ރައްޔިތުންގެ ތާއިދެއް ނެތެވެ. އެފަރާތްތަކުން ބުނެފައިވާ ގޮތުގައި މިވަގުތު އޮތް އެންމެ ރައްކާތެރި ގޮތަކީ އޮލިމްޕިކް އަދި އިތުރަށް ފަސް ކުރުމެވެ.

އެހެން ނަމަވެސް އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ އިން ވަނީ މިކަން ބަލައިނުގަންފައެވެ. އަދި ބޮޑުވަޒީރު ސުގާއެކޭ އެއްފަދައިން އޮލިމްޕިކް ކުރިޔަށް ގެންދިއުމަށް އަޒުމް ކަނޑައަޅާފައެވެ.

ކޮންމެ 4 އަހަރަކު އެއްފަހަރު ބޭއްވޭ މަޝްހޫރު އޮލިންޕިކް ގޭމްސް މިފަހަރު ބޭއްވުމަށް ހަމަޖެހުނީ ޖަޕާންގައެވެ. މި އަހަރުގެ މެދުތެރޭ މި އިވެންޓް ބޭއްވުމަށް ހަމަޖެހުނު ނަމަވެސް، ކޮވިޑް 19 ގެ ބިރުވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ ސަބަބުން މި އިވެންޓް ވަނީ 2021 ވަނަ އަހަރުގެ ޖުލައި 23 އަށް ފަސްކުރެވިފައެވެ.

Advertisement

ކޮމެންޓް