Advertisement

ބެޓިސް އަތުން ރެއާލް މެޑްރިޑްއަށް އުނދަގޫ މޮޅެއް

30 Sep 2020 | 05:50

ސްޕެނިޝް ލީގުގައި ރެއާލް ބެޓީސްއައި ދެކޮޅަށް ކުޅެ 2-3 ގެ ހަނި ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ކުރި ހޯދާފައިވަނީ ރެއާލްއެވެ. ބެންޒީމާ ނަގައިދިން ބާރު ހުރަހަކުން މި ގޯލް ޖެހީ އުންމީދީ ތަރި ވަލްވާޑޭއެވެ.

ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ބެޓިސް ވަނީ ކައިރި ކައިރީގަ ދެ ގޯލް ޖަހާ ނަތީޖާ އަނބުރާލާފައެވެ. 35 އަދި 37 ވަނަ މިނެޓުގައި މި ގޯލުތައް ބެޓިސްއަށް ޖަހައިދިނީ މަންޑީ އަދި ކަވާލޯއެވެ.

ފުރަތަމަ ހާފުގެ ކުޅުން 2-1 ކުން ބެޓިސް ކުރީގައި އޮވެ ނިމުނު އިރު ދެވަނަ ހާފް ފަށައިގެންވީ ކުޑަ ވަގުތު ކޮޅުގެ ތެރޭގައި ރެއާލްވަނީ ނަތީޖާ އަލުން އެއްވަރު ކޮށްފައެވެ. ރެއާލްގެ މިގޯލަކީ އެޓީމުގެ ފުލްބެކް ކަރްވަހާލް ނަގައިދިން ހުރަހެއް ބެޓިސްގެ ޑިފެންޑަރ އެމަސަން އަތުން ބައިކޮޅަށް ވައިން ގޯލެކެވެ.

ބާސެލޯނާއިން ލޯނު ކުޅުންތެރިޔެއްގެ ގޮތުގައި ބެޓިސްއަށް ދޫކޮށްފައިވާ އެމަސަންއަށް ވަނީ މި މެޗުގައި ރަތް ކާޑުވެސް ދައްކާފައެވެ. އެއީ، ޖޮވިކްއަށް ލިބުނު 'ވަން އޮން ވަން' ފުރުސަތެއްގައި އޭނާއަށް ކުރި ފައުލަކާައި ގުޅިގެންނެވެ.

ޕެނަލްޓީ އޭރިއާ ތެރެއިން ބެޓިސްގެ ޑިފެންޑަރު ބާޓާ ބޯޅައިގަ އަތްލުމައި ގުޅިގެން ލިބުނު ޕެނަލްޓީއިން މިމެޗުން ރެއާލް މޮޅުވި ގޯލް ކާމިޔާބު ކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ.

ވީއޭއާރް މެދުވެރިކޮށް ގިނަ ނިންމުންތަކެއް ނިންމިކަން މި މެޗުގައި ވަނީ ފާހަގަވެގެން ގޮސްފައެވެ. އެއާއެކު ގިނަ ވަގުތުތަކަށް ކުޅުން މެދުކަނޑާލަން ޖެހުނު މަންޒަރުވެސް ވަނީ ފެނިގެން ގޮސްފައެވެ. 

Advertisement

ކޮމެންޓް