Advertisement

އާދަޔާ ޚިލާފު ހުވަފެންފުޅު

27 Sep 2020 | 12:50

އައްޝައިޚް މުޙައްމަދު ސިނާން

ޞަޙީޙުލް ބުޚާރީގައާއި މުސްނަދު އަޙްމަދުގައި ރިވާވެފައިވެއެވެ. سَمُرَة بْنِ جُنْدبٍ رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ނަމާދުކުރައްވާ އަވަދިވެވަޑައިގެން ތިމަންމެނާ ދިމާލަށް އެނބުރިވަޑައިގެން، ރޭގައި ހުވަފެނެއް ފެނިވަޑައިގަތީ ކޮންބޭކަލަކަށްތޯ ސުވާލުކުރައްވާކަމުގައިވެއެވެ. ހުވަފެނެއް ފެނިވަޑައިގެންފި ބޭކަލެއްނަމަ، އެހުވަފަނެއް ކިޔާދެއްވައެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރައްވައެވެ. "مَا شَاءَ اللهُ (އެބަހީ: ﷲ އިރާދަކުރެއްވިކަމެއް ވާހުއްޓެވެ.)"

ފަހެ، މިގޮތުން އެއްދުވަހަކު ތިމަންމެނާ ސުވާލުކުރެއްވިއެވެ. "ތިޔަބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކަށް ހުވަފެނެއް ފެނިވަޑައިގަތްތޯއެވެ؟" ތިމަންމެން ދެންނެވީމެވެ. "ނޫނެކެވެ." އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. "ނަމަވެސް ރޭގައި ދެބޭކަލަކު ވަޑައިގެން ތިމަންކަލޭގެފާނުގެ އަތްޕުޅުގައި ހިއްޕަވާފައި މުޤައްދަސް ބިމަކަށް ގެންދެވިތަން ތިމަންކަލޭގެފާނު (ހުވަފެންފުޅުގައި) ދެކެވަޑައިގަތީމެވެ. އެތަނުގައި އިށީނދެގެން އިން މީހަކާއި ކޮޅަށްހުރި މީހަކު ހުއްޓެވެ. ކޮޅަށްހުރިމީހާގެ އަތުގައި ދަގަނޑުންވާ ބުޅިގަނޑެއް އޮތެވެ. ކޮޅަށްހުރިމީހާ އިށީނދެގެން އިންމީހާގެ އަނގައިގެ އެއްފަރާތަށް އެބުޅިގަނޑު ލައްވައި، ކަރާހަމައަށް އަނގަ އިރާލައެވެ. އެއަށްފަހު، އަނގައިގެ އަނެއްފަރާތްވެސް އެފަދައިން ކަރާހަމައަށް އިރާލައެވެ. މިފަރާތް ނިމޭއިރު އަނެއްފަރާތް ހުންނަނީ އިހުހުރިގޮތަށް އިޢާދަވެފައެވެ. އަނެއްކާވެސް ކުރިން އިރާލި ފަރާތް އިރާލައެވެ. ތިމަންކަލޭގެފާނު (ތިމަންކަލޭގެފާނާއެކު ވަޑައިގެންނެވި ދެބޭކަލުންނަށް) ދެންނެވީމެވެ. "މިއީ ކޮންކަމެއްތޯއެވެ؟" އެދެބޭކަލުން ވިދާޅުވިއެވެ. "ވަޑައިގަންނަވާށެވެ."

ފަހެ، ތިމަންބޭކަލުން އުއްޑުން އޮށޯވެއޮތް މީހަކާ ދިމާވަންދެން ވަޑައިގަތީމެވެ. އެމީހާގެ ކައިރީގައި، ހިލަގަނޑެއް ބޮލުގެ މައްޗަށް އުފުލައިގެން ހުރިމީހަކު ހުއްޓެވެ. އެމީހާ އޮށޯވެއޮތްމީހާގެ ބޮލަށް އެހިލަގަނޑު ވައްޓާލުމުން، އޮށޯވެއޮތްމީހާގެ ބޯ ޗިސްވުމަށްފަހު އެހިލަގަނޑު ދުރަށް ބުރައިގެން ދެއެވެ. ކޮޅަށްހުރިމީހާ އަނެއްކާވެސް އެހިލަގަނޑު ގެންނަންވާއިރަށް، އޮށޯވެއޮތްމީހާގެ ބޯ އިހުހުރިގޮތަށް އިޢާދަވެއެވެ. އަނެއްކާވެސް އެހިލަގަނޑުން އެމީހާގެ ބޯ ޗިސްކޮށްލައެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. "މިއީ ކާކުތޯއެވެ؟" އެދެބޭކަލުން ދެންނެވިއެވެ. "ވަޑައިގަންނަވާށެވެ."

ދެން ތިމަންބޭކަލުން މަތިހަނި، ތިރިފުޅާ އުނދުނެއްގެ ކައިރިއަށް އައީމެވެ. އޭގެ އަޑިން އަލިފާން އަންދަމުންދެއެވެ. އޭގެ ތެރޭގައި ތިބިމީހުން އެއަލިފާންގަނޑާ ކައިރިވާއިރަށް، އެއަލިފާންގަނޑާއެކު އެމީހުން މައްޗަށް އަރައިގެން އާދެއެވެ. އެބައިމީހުން މަތިން ބޭރުވެދާނެހެންހީވުމުން އެއަލިފާންގަނޑު ތިރިއަށް ދެއެވެ. އެއާއެކު އެމީހުންތައް އަނެއްކާ އަޑިއަށް ވެއްޓެއެވެ. އެތަނުގައި އޮރިޔާމުން ތިބި އަންހެނުންނާއި ފިރިހެނުން ތިއްބެއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. "މިއީ ކޮންބައެއްތޯއެވެ؟" އެދެބޭކަލުން ދެންނެވިއެވެ. "ވަޑައިގަންނަވާށެވެ."

ފަހެ، ތިމަންބޭކަލުން ލޭގެ ކޯރަކާ ދިމާވަންދެން ވަޑައިގަތީމެވެ. އެކޯރުގެ މެދުގައި މީހަކު ފަތަފަތާއޮތެވެ. އަދި އައްސޭރިފަށުގައި އެމީހެއްގެ ކުރިމަތީގައި ގާތަކެއް އެއްކޮށްގެންހުރި މީހަކު ހުށްޓެވެ. ކޯރުގައި އޮތްމީހާ ކޯރުން އަރަންއުޅޭއިރަށް، އައްސޭރިފަށުގައި ހުރިމީހާ އެމީހާގެ އަނގަޔަށް އެގާތައް އުކައި ކުރިން ހުރިހިސާބަށް އެމީހާ ފޮނުވާލައެވެ. މިގޮތުން ކޮންމެ ފަހަރަކު އެމީހާ ކޯރުން އަރަންއުޅޭއިރަށް، ގާއުކައި އެމީހާ ކުރިން ހުރިހިސާބަށް ފޮނުވާލައެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. "މިއީ ކޮންކަމެއްތޯއެވެ؟" އެ ދެބޭކަލުން ދެންނެވިއެވެ. "ވަޑައިގަންނަވާށެވެ."

ފަހެ، ތިމަންބޭކަލުން ފެހި ބަގީޗާއަކާ ދިމާވަންދެން ވަޑައިގަތީމެވެ. އެ ބަގީޗާގައި ބޮޑު ގަހެއްވެއެވެ. އެގަހުގެ ކައިރީގައި ދުވަސްވީ ބޭކަލަކާއި، ކުޑަކުދިންތަކެއް ތިއްބެވެ. އަދި އެގަހާ ކައިރި ހިސާބެއްގައި އަލިފާންގަނޑެއް ރޯކުރަން ހުރި ބޭކަލަކު ހުށްޓެވެ. އެ ދެބޭކަލުން ތިމަންކަލޭގެފާނާއެކު އެގަހަށް އަރައިވަޑައިގަތެވެ. އަދި އެފަދަ ރީތި ތަނެއް ތިމަންކަލޭގެފާނު ދުވަހަކުވެސް ދެކެވަޑައިގެންފައިނުވާ ގަނޑުވަރަކަށް ތިމަންކަލޭގެފާނު ވެއްދެވިއެވެ. އެތަނުގައި ދުވަސްވީ މީހުންނާއި، ޒުވާނުންނާއި، އަންހެނުންނާއި، ކުޑަކުދިން ތިއްބެވެ. ދެން، އެ ދެބޭކަލުން ތިމަންކަލޭގެފާނު އެތަނުން ނެރުއްވައި، ތިމަންކަލޭގެފާނާއެކު އެގަހުގެ މައްޗަށް އަރައިވަޑައިގެންނެވިއެވެ. ދެން އަދި އެއަށްވުރެ މާ ރިވެތި، މަތިވެރި ގަނޑުވަރަކަށް ވެއްދެވިއެވެ. އެތަނުގައި ދުވަސްވީމީހުންނާއި، ޒުވާނުން ތިއްބެވެ.

ތިމަންކަލޭގެފާނު އެދެބޭކަލުންނަށް ދެންނެވީމެވެ. "ތިޔަ ދެބޭކަލުން މިރޭ ތިމަންކަލޭގެފާނާއެކު ވަރަށް ތަންތަނަށް ވަޑައިގަންނަވައިފީމު ނޫންތޯއެވެ؟ ފަހެ، ތިމަންކަލޭގެފާނަށް މިފެނިވަޑައިގެން ކަންތައްތަކުގެ ޚަބަރުދެއްވާށެވެ." އެ ދެބޭކަލުން ދެންނެވިއެވެ. "އާދޭހެވެ. ކަލޭގެފާނު ދެކެވަޑައިގެންނެވި، އެމީހެއްގެ އަނގަ އިރާލެވޭ މީހާއަކީ ދޮގުވެރިއެކެވެ. އެމީހާ ދޮގުހަދައި، އެދޮގު މުޅި އުދަރެހުގައި ފެތުރެންދެން އެދޮގު ފަތުރަމުން ގެންދެއެވެ. ފަހެ، އެމީހާ (އެބަހީ، އެބުޅިގަނޑު ހިފައިގެންހުރިމީހާ) ޤިޔާމަތްދުވަހާޖެހެންދެން އެފަދައިން އެމީހާގެ އަނގަ އިރަމުން ގެންދާނެއެވެ. އަދި އެމީހެއްގެ ބޯ ޗިސްކޮށްލެވެނިކޮށް ކަލޭގެފާނު ދެކެވަޑައިގެންމީހާ ދަންނައެވެ. އެމީހަކީ، ﷲ އެމީހަކަށް ޤުރުއާނުގެ ޢިލްމު އުގަންނަވައިދެއްވި، ނަމަވެސް އެޢިލްމުގެ މަތިން ޣާފިލުވެ، ރޭގަނޑު ނިދައި އަދި ދުވާލު އެއާއެއްގޮތަށް ޢަމަލުނުކުރިމީހެކެވެ. ޤިޔާމަތްދުވަހާ ޖެހެންދެން އެގޮތަށް އެމީހާގެ ބޯ ޗިސްކުރެވޭނެއެވެ. އަދި އުނދުނުގެ ތެރެއިން ކަލޭގެފާނު ދެކެވަޑައިގެންނެވި މީހުންނަކީ ޒިނޭކުރިމީހުންނެވެ. އަދި ލޭގެ ކޯރުން ކަލޭގެފާނު ދެކެވަޑައިގެންމީހާއަކީ ރިބާކޭމީހެކެވެ. އަދި ގަހުގެ ކައިރިން ފެނިވަޑައިގެންނެވި ދުވަސްވީ ބޭކަލަކީ އިބްރާހީމް عَلَيْهِ السَّلاَمُ އެވެ. އަދި އެކަލޭގެފާނު ވަށައިގެންވި ކުޑަކުދިންނަކީ (ތުއްތުއިރުގައި ނިޔާވެފައިވާ) މީސްތަކުންގެ ދަރިންނެވެ. އަދި އަލިފާންގަނޑު ރޯކުރައްވަން ހުންނެވި ބޭކަލަކީ ނަރަކައިގެ ބަނޑޭރިކަމުގައިވާ މާލިކުގެފާނެވެ. އަދި އެންމެ ފުރަތަމަ ފެނިވަޑައިގެންނެވި ގަނޑުވަރަކީ ޢާއްމު މުއުމިނުތަކުންގެ ގަނޑުވަރެވެ. އަދި މި ގަނޑުވަރަކީ ޝަހީދުންގެ ގަނޑުވަރެވެ. އަދި ތިމަންކަލޭގެފާނަކީ ޖިބްރީލުގެފާނެއެވެ. އަދި މިއީ މީކާއީލުގެފާނެއެވެ. ފަހެ، ކަލޭގެފާނުގެ އިސްއުފުއްލަވާލައްވާށެވެ!"

ދެން ތިމަންކަލޭގެފާނު އިސްއުފުއްލަވާ ލެއްވިއިރު، ވިލާގަނޑެއްފަދަ އެއްޗެއް ތިމަންކަލޭގެފާނުގެ މަތީގައިވެއެވެ. އެ ދެބޭކަލުން ދެންނެވިއެވެ. "އެއީ ކަލޭގެފާނުގެ މަންޒިލެވެ." ތިމަންކަލޭގެފާނު ދެންނެވީމެވެ. "ތިމަންކަލޭގެފާނުގެ މަންޒިލަށް ވެންނެވުމަށް ތިމަންކަލޭގެފާނު ދޫކޮށްލައްވާށެވެ!" އެ ދެބޭކަލުން ދެންނެވިއެވެ. "ކަލޭގެފާނުގެ ޢުމުރުފުޅުން ފުރިހަމަނުވާ ބައެއް އަދި އެބަވެއެވެ. ފަހެ، ކަލޭގެފާނުގެ ޢުމުރުފުޅު ފުރިހަމަވުމަށްފަހު، ކަލޭގެފާނުގެ މަންޒިލަށް ވަޑައިގަންނަވާށެވެ!"

Advertisement

ކޮމެންޓް