ނަގޮރްނޯ-ކަރަބަކްގެ މައްސަލަ ހޫނުވެ، އަރްމީނިއާ އަދި އަޒަރްބައިޖާނާއި ދެމެދު ހަމަލާ ބަދަލުކުރަން ފަށައިފި

27 Sep 2020 | 16:10

އަޒަރްބައިޖާނުން ވަކިވެ، ވަކި ދައުލަތެއް ގާއިމްކޮށްފައިވާ ނަގޮރްނޯ-ކަރަބަކް ނުވަތަ އާޓްސަކްގެ މައްސަލައިގައި އަރްމީނިއާ އަދި އަޒަރްބައިޖާނާއި ދެމެދު ހަމަލާ ބަދަލުކުރަން ފަށައިފިއެވެ.

ބައިނަލްއަގްވާމީ މުޖުތަމައުގެ ގިނަ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ނަގޮރްނޯ-ކަރަބަކް ސަރަހައްދަކީ އަޒަރްބައިޖާނުގެ ބައެކެވެ. ނަމަވެސް 1988ވަނަ އަހަރުން ފެށިގެން އެ ސަރަހައްދުން ދަނީ އަޒަރްބައިޖާނުން މިނިވަންކަން ހާސިލްކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން 1991 ވަނަ އަހަރުން ފެށިގެން އެ ސަރަހައްދުގައި ވަނީ ރިޕަބްލިކް އޮފް އާޓްސަކްގެ ނަމުގައި އަރްމީނިއާއަށް ބަރޯސާވާ "ވަކި މިނިވަން ދައުލަތެއް" ގާއިމްކޮށްފައެވެ.

އެހެނަސް މިއީ މިނިވަން ދައުލަތެއްކަމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ގިނަ ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ. މި މައްސަލައާއި ގުޅިގެން އަރްމީނިއާ އަދި އަޒައިރުބައިޖާނާއި ދެމެދު މީގެ ކުރިންވެސް ވަނީ އެކި ފަހަރުތަކުގެ މަތީން ހަމަލާ ބަދަލުކޮށްފައެވެ.

އަރްމީނިއާގެ ޑިފެންސް މިނިސްޓްރީއާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޖީއެމްޓީ ގަޑިން 04:10 ހާއިރު އަޒައިރްބައިޖާނުން ވަނީ ނަގޮރްނޯ-ކަރަބަކްގައި މީހުން އުޅޭ ސަރަހައްދުތަކަށް ހަމަލާދޭން ފަށާފައެވެ. އެގޮތުން އަޒަރްބައިޖާނުގެ ދެ ހެލިކޮޕްޓަރ، ތިން ޑްރޯން އަދި ޓޭންކްތަކެއް ހަލާކުކޮށްލާފައިވާނެކަމަށް އަރްމީނިއާއިން ވަނީ ބުނެފައެވެ. އަރްމީނިއާއިން ވަނީ މާޝަލް ލޯ އިއުލާންކޮށް، ހުރިހާ ސިފައިންގެ ސަފުތައް ރުކުރުވާލަން ނިންމައިފައެވެ. މިފަދަ އިއުލާނެއް ރިޕަބްލިކް އޮފް އާޓްސަކްގެ ފަރާތުންވެސް ވަނީ ކޮށްފައެވެ.

އަދި އަޒަރްބައިޖާނުން ވަނީ އަރްމީނިއާގެ ސިފައިންގެ ހަމަލާތައް ހުއްޓުވައި، އާންމުން ރައްކާތެރިކުރުމަށް ރައްދު ހަމަލާ ދޭން ފަށާފައިވާކަމަށް އިއުލާންކޮށްފައެވެ. އަދި ނަގޮރްނޯ-ކަރަބަކްއަކީ އެގައުމުގެ ބިމެއް ކަމަށާއި އެތަން ދިފާއު ކުރާނެކަމަށްވެސް ވަނީ ބުނެފައެވެ.

މި ދެގައުމުގެ ދެމެދުގައި ސުލްހަ ގާއިމްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ކޮށްފައިވާ މަސައްކަތްތަކުން، މިހާތަނަށް އެންމެ އެކަށޭނަ ނަތީޖާއެއް ފެނިފައެއް ނުވެއެވެ.

Advertisement

ކޮމެންޓް