ގެސްޓްހައުސްތައް ހިންގާ ރަށްރަށުގެ މީހުން އެހެން ރަށަކަށް ދާނަމަވެސް ކަރަންޓީންވާން ޖެހޭނެ!

27 Sep 2020 | 18:33

އަންނަ މަހުގައި ގެސްޓްހައުސްތައް ހުޅުވާލާ ރަށްރަށުގެ މީހުން އެހެން ރަށަކަށް ދާނަމަ 14 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ފުރިހަމަކުރަންޖެހޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅައިފިއެވެ.

އެޗްޕީއޭއިން މިކަން ވަނީ މިމަހުގެ 26ވަނަ ދުވަހު ނެރުނު އެެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި ކަރަންޓީންކުރުމާއި ކަރަންޓީންކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުގައި ހިމަނާފައެވެ.

އެ އުސޫލުގައިވާ ގޮތުގައި ގެސްޓްހައުސްތަކަކީ ފަތުރުވެރިން މެދުނުކެނޑި އަންނަމުންދާ ތަންތަން ކަމުގައިވާތީ، ކޮވިޑް-19 ފަސޭހަކަމާ އެކު ބޭރުން އައިސް ފެތުރުމުގެ ފުރުސަތު ބޮޑެވެ. އަދި މި ތަންތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަކީ ރަށުގެ އެހެން މީހުންނާއި ދިމާވާނެ ބަޔަކަށް ވާތީ، މިފަދަ ރަށްރަށަށް ދަތުރުކުރުމުގައި ސަމާލުކަންދޭން ވާނެކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން އެފަދަ ރަށަކުން އެހެން ރަށަކަށް ދާމީހުންވެސް ހާލުބެލުން ޕޯޓަލްގައި ރަޖިސްޓަރވެ، 14 ދުވަހުގެ ހޯމް ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހޭނެއެވެ.

މިކަމާއި ގުޅިގެން ގިނަބަޔަކު ދަނީ މި އުސޫލަށް ފާޑުކިޔައި، މިކަމުގެ ސަބަބުން އެރަށްރަށުގެ ރައްޔިތުންނަށް ތަކުލީފްތަކާ ކުރިމަތިލާންޖެހޭނެކަމަށް ބުނެފައެވެ. އެގޮތުން ސިއްހީ މަޖުބޫރީ ހާލަތެއް ދިމާވެގެން އެ ރަށުން ދާން ޖެހުނަސް 14 ދުވަސް ފުރިހަމަކުރަން ޖެހޭނެތޯ ބައެއް ފަރާތްތަކުން ވަނީ ސުވާލުކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ މި އުސޫލު ހެދިފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ ލަފައާއި އެކުގައި ކަމަށް ބުނެފައެވެ. 

Advertisement

ކޮމެންޓް