Advertisement

އޭސީސީގެ މޫނުމަތި ރީތިކުރަން ޒިކުރާމިސްކިތުގެ މައްސަލާގައި އޮޅުވާލަނީތޯއެވެ؟

28 Sep 2020 | 10:34

ވަގުފު އިމާރާތަކާއެކު ޒިކްރާ މިސްކިތް 10 ބުރިއަށް އިމާރާތްކުރުމަށް ކުރީ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީން އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރުމުގައި، އެސްޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒް ފައިދާ ހޯދައިދީ ދައުލަތަށް ގެއްލުންވާގޮތަށް އަމަލުކުރިކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރުމިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރ އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ކްރިމިނަލް ކޯޓްގައި ދައުވާ އުފުލާފައެވެ.

އެސްޖޭ ކޮންސްޓްރަކްޝަނަށް މިޕްރޮޖެކްޓް އެވޯޑްކުރުމުގައި ނާޖާއިޒް ފައިދާ ހޯދައިދިނުމަށް އިސްލާމިކް މިނިސްޓްރީން އަމަލުކޮށްފައިވާގޮތާއިމެދު ސުވާލު އުފައްދާކަށް ނެތީއެވެ. އެކަމަކު މިމައްސަލާގައި މިއަދުގެ ސަރުކާރުން ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ދައުލަތުގެ ބައެއް މުއައްސަސާތަކުން އަމަލުކޮށްފައިވާ ގޮތަކީ ވަރަށް މަތީ ދަރަޖައަކަށް ސުވާލު އުފެދޭ ކަންކަމެވެ. ވޮއިސްއިން މީގެކުރިން އިސްލާމިކް މިނިސްޓްރީގައި ހުރި ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް މިމައްސަލައިގެ ވަރަށް ފުރިހަމަ ތަފްސީލީ ރިޕޯޓެއް ގެނެސްދީފައިވާނެއެވެ.

ޒިކުރާ މިސްކިތް 10 ބުރިއަށް ހެދުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރި މައްސަލަ ތަހްގީގުކުރުމުގައި އޭސީސީން ވަރަށް ބޮޑު ދޮގެއް ހަދައި ވަރަށް ބޮޑު އޮޅުވާލުމެއް ގެނެސްފައިވާކަން ފާހަގަކުރެވެއެވެ.

އެއްބަސްވުން މިހާރުގެ ސަރުކާރުން އުވާލުން

މިމަޝްރޫއުގެ އެއްބަސްވުން ރޫޅައިލީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަން ފެށިގެންދިއުމާއެކުއެވެ. ބަންޑާރަ ނާއިބްގެ ސަމާލުކަމަށް މިމައްސަލަ ގެންނެވީ އިސްލާމިކް މިނިސްޓްރީގެ އޭރުގެ ޕީއެސް މުސްއަބް އަބްދުﷲ އެވެ. ބަންޑާރަ ނާއިބް ރިފްއަތުގެ ލަފަޔަކަށް މިނިސްޓްރީން ލިޔުމުން ހުށަހެޅި ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު އެއީ ގާނޫންތަކާއި ޚިލާފަށް ވެވިފައިވާ ސައްހަ އެއްބަސްވުމެއްކަމަށް ފެނިވަޑައިނުގަންނަވާކަމަށް ވިދާޅުވެ އެއްބަސްވުން ބާތިލްކުރުމަށް އިސްލާމިކް މިނިސްޓްރީއަށް ބަންޑާރަ ނާއިބުގެ ލަފާލިބުމުން އެއްބަސްވުން ރޫޅައިލުމުން އެސްޖޭ ކޮންސްޓްރަކްޝަނުން ސިވިލްކޯޓްގައި މައްސަލަ ޖެއްސިއެވެ. އެކަމަކު ސިވިލް ކޯޓުން ނިންމީ އެސްޖޭ ކޮންސްޓްރަކްޝަނަށް ލިބުނު ގެއްލުމެއް އެގެންނެތުމާއެކު އެކުންފުނިން ހުށަހެޅި ގޮތަށް ނިންމެން ނެތްކަމަށެވެ. ކޯޓުން އެމައްސަލަ ބޭރުކޮށްލިއެވެ. ކޯޓުން އެމައްސަލަ ބޭރުކޮށްލުމުން އިސްލާމިކް މިނިސްޓްރީންވަނީ އެސްޖޭ ކޮންސްޓްރަކްޝަނުން މިމަޝްރޫއު ފެށުމަށް ސަރުކާރުން ހަވާލުކުރި 30 މިލިޔަން ރުފިޔާ އެމިނިސްޓްރީއަށް އަބުރާ ދައްކާނެގޮތުގެ ތާވަލެއް ހުށަހަޅައިދޭން ލިޔުންމުން އަންގާފައެވެ.

މިގޮތްދިމާވުމުން އެސްޖޭ ކޮންސްޓްރަކްޝަނުން ބަންޑާރަނާއިބާއި އަލުން ވާހަކަދައްކަމުންގޮސް ކުއްލިއަކަށް ފެނުނީ 141 މިލިޔަން ރުފިޔާ ހޯދަން އެސްޖޭ ކޮންސްޓްރަކްޝަނުން ކޯޓަށް މައްސަލަ ވެއްދިތަނެވެ. އެއާއެކު ސިވިލްސާވިސް ކޮމިޝަނުން އަވަސްވެގަތީ މިމައްސަލަ ހިލުވާލައި، ބަންޑާރަ ނާއިބުގެ އޮފީހަށް މައްސަލަ ވެއްދި އިސްލާމިކް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކިކުރުމަށެވެ. ސިވިލްސާވިސް ކޮމިޝަންގެ ތެރެއިން މިމައްސަލަ ކޮނޑަށްލައިގެން ހިގަންފެށީ މިހާރުވެސް އެކޮމިޝަންގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ނުފޫޒުގަދަ މެމްބަރަކާއި އާއިލީގޮތުން ގުޅިފައިވާ މެމްބަރެކެވެ. 

ސިވިލްސާވިސް ކޮމިޝަންގެ އެހެންމެމްބަރުންގެ މައްޗަށް ނުފޫޒުގަދަކޮށް އެންމެފަހުން މިމައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގް ސަރުކާރުގެ ސަމާލުކަމަށް ގެނައި ސީއެސްގެ މުވައްޒަފުގެ ބޮލުގައި އެހެންކަމެއް އެޅުވުމަށްފަހު ވަޒީފާއިން ވަކިކޮށްލިއެވެ. ވަޒީފާއިންވަކިކުރުމުގެ ކުރިން އެމުވައްޒަފު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް އަދި ރައީސް އޮފީހުގެ ސަމާލުކަމަށް މިމައްސަލަ ގެނައެވެ. އެކަމަކު އޭނާ ކަތިލައިލެވުނެވެ. މަޖިލިސްގެ ރައީސްގެ ސަމާލުކަމަށް ފޮނުވި މިމައްސަލަ މޭޒުކޮޅުމަތީގައި ބާއްވައިގެން އުޅުއްވުމަށްފަހު އެމުވައްޒަފު ވަޒީފާއިން ވަކިކުރިތާ 10 މަސްފަހުން މިހާރު އެމައްސަލަ މާލިއްޔަތު ކޮމެޓީއަށް ފޮނުވައިފިކަމަށް އޭނާއަށް އަންގަވާފައިވެއެވެ.

މިމައްސަލައިގެ އެންމެ ހައިރާންކުރުވަނިވި އެއްކަމަކީ އެސްޖޭ ކޮންސްޓްރަކްޝަނަށް މިއެއްބަސްވުން ރޫޅާލުމުން ލިބުނު ގެއްލުމެއް ނެތްކަމަށް ކޯޓުން ނިންމައި މައްސަލަ ބޭރުކޮށްލުމުން އޭގެ ދުވަސްތަކެއްފަހުން ސަރުކާރާއި މަޝްވަރާކުރުމުގެ ތެރެއިން ވަގުފު އިމާރާތް އަޅަން އެންމެ ގާކޮޅެއްވެސް އެސްޖޭ ކޮންސްޓްރަކްޝަނުން އެހާތަނަށްވެސް ނުބާއްވައި ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 141 މިލިޔަން ރުފިޔާ ދައުލަތުން ހޯދަން އަނެއްކާ ކޯޓަށް ހުށަހެޅުމަށްފަހު ސަރުކާރުން ބަންޑާރަ ނާއިބް އެސްޖޭއަށް ބަދަލުދޭންޖެހިދާނެކަމަށް ބައްލަވައިގެން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން މަޝްވަރާތައް ފެށުމުންނެވެ. އަދ ހަމައެއާއެކުއެކީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނަށް 74.9 މިލިޔަން ރުފިޔާގެ ދަރުމަވަންތަ މަޝްރޫއު ސެލެކްޓިވް ބިޑިންއަކުން ހަވާލުކުރިއެވެ. މިބިޑަށް ހުޅުވާލައިގެން 9 ކުންފުންޏަކުން ކުރިމަތިލިޔަސް ދޭނެ ކުންފުނި ކަނޑައެޅީ ފިނޭންސް މިނިސްޓްރީންނެވެ. 

ޒިޔާދު ބާގިރު އަމަލުކުރެއްވިގޮތާއި ވަކި ތަފާތެއް އެބައޮތްތޯއެވެ. އަދި ކެމިކަލް ގުދަންތައް ތިލަފުށްޓަށް ބަދަލުކުރުމަށް އެހެންކުންފުނިތަކުން އަގުހެޔޮ ހުށަހެޅުން ހުށަހަޅާފައިވަނިކޮށް 2019 ވަނަ އަހަރުގެ އޮކްޓޫބަރމަހުގެތެރެގައި 9.5 މިލިޔަން ރުފިޔާއަށް އެސްޖޭ ކޮންސްޓްރަކްޝަންއަށް އަނެއް މަޝްރުއު މިސަރުކާރުން ހަވާލުކުރިއެވެ. އެއީ މާއަގުބޮޑު ހުށަހެޅުމެއްކަމަށް ބަޔާންކުރީ ޚުދު އޭސީސީންނެވެ. ދަރުމަވަންތަ ޕްރޮޖެކްޓް އެސްޖޭއާއި ހަވާލުކުރީވެސް އޭސީސީގައި މިހުރިހައި މައްސަލަތަކެއް ހުއްޓައެވެ.

މިއީ ސަރުކާރާއި އޭސީސީގެ މޫނުމަތި ރީތިކުރުން

އޭސީސީން މިމައްސަލާގައި ހެދީ ދޮގެއްކަމަށް ބުނެވެންއޮތީ، އެސްޖޭ ކޮންސްޓްރަކްޝަނުން ޒިކްރާ މިސްކިތް 10 ބުރިއަށް ހެދުމަށް އެއްބަސްވީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން އެކުންފުނިން އަމިއްލައަށް ފައިސާ ހޯދައިގެން އިމާރާތްކުރަން ކަމަށްވެފައި، މަޝްރޫއުގެ ލޯން ނެގުމަށް ސަރުކާރުން އެކުންފުންޏަށް އިކުއިޓީގެ ގޮތުގައި ދިން 30 މިލިޔަން ރުފިޔާ 13 އަހަރުން ނޫނީ ލިބެން ނެތްކަމަށް ބުނުމުންނެވެ. 

އޭސީސީން މިގޮތަށް ބުނުމުން ފެންނަނީ އެސްޖޭ ކޮންސްޓްރަކްޝަނުން ވަގުފް އިމާރާތަކާއެކު ޒިކްރާ މިސްކިތް 10 ބުރިއަށް ހަދައި ފިނީޝިންވެސް ނިންމައި އިސްލާމިކް މިނިސްޓްރީއާއި ހަވާލުކޮށްފައިވާކަމަށް އޭސީސީއަށް މިއެއްބަސްވުން ތަރުޖަމާކުރެވިފައިވާކަމަށެވެ. އެހެންނޫނީ މިއީ ދައުލަތުގެ 30 މިލިޔަން ރުފިޔާ އަމިއްލަ ކުންފުންޏެއްގައި ބަހައްޓައިގެން އެބަޔަކު އެއިން ވިޔަފާރިކޮށް ފައިދާ ނަގައި ސަރުކާރުގެ ކޮންމެވެސް ބަޔަކަށް އެއިން ބައިއަޅަން ދޫކޮށްލާފައި ބޭއްވުމެވެ. 

އެހެންވެއްޖެކަމަށްވާނަމަ މިއީ އޭސީސީއަށް އެގިގެން ހިގާ ވައްކަމެކެވެ. މިއެއްބަސްވުން ރޫޅައިލިއިރު ބަދަލުދޭންޖޭކަމަށް ބަންޑާރަނާއިބުގެ އޮފީހުން އިސްލާމިކް މިނިސްޓްރީއަށް އަންގާފައިނުވިޔަސް އަލުން ސަރުކާރުން ދައުލަތުގެ ފައިސާއިން ބަދަލުދޭންވެސް އުޅުނީނޫންތޯއެވެ. އިސްލާމިކް މިނިސްޓްރީން ދޫކުރި 30 މިލިޔަން ރުފިޔާ 13 އަހަރުން ނޫނީ ނުލިބޭނެކަމަށް އޭސީސީން ބުނަނީ އެއްބަސްވުމުގެ ކޮންމާއްދާއަކުންތޯއެވެ. ސަބަބަކީ ކޮބައިތޯއެވެ. އެސްޖޭ ކޮންސްޓްރަކްޝަނުން އެމީހުން އެއްބަސްވެފައިވާގޮތަށް ޒިކްރާ މިސްކިތް އިމާރާތްކުރުމަށް އެންމެ ގާކޮޅެއްވެސް ނުބާއްވައެވެ. މިތަން ފޫބައްދަންވެގެން މިދިޔަ ރަމްޟަންމަހު ޒިކްރާމިސްކިތް ހުރިތަނުގައި ވަގުތީ މިސްކިތެއް އަޅައިދޭން އެކުންފުނިން ހުށަހެޅުމުން އިސްލާމިކް މިނިސްޓްރީން އެކަމަށް އެއްބަހެއް ނުވިއެވެ. އެހެންވީމާ އެފައިސާއިން އެސްޖޭ ކޮންސްޓްރަކްޝަނުން މިސްކިތާއި ގުޅޭ މަަސައްކަތެއް ނުކުރެއެވެ. 13 އަހަރުން ނޫނީ ސަރުކާރުން ދޫކުރި 30 މިލިޔަން ރުފިޔާ ނުލިބޭނެކަމަށް އޭސީސީން ބުނަނީ 100 މިލިޔަން ރުފިޔާގެ ލޯން ނަގައިގެން އެމިސްކިތް އިމާރާތްކުރުމުން އެލޯން އަބުރާދައްކަން އިމާރާތުން އެސްޖޭ ކޮންސްޓްރަކްޝަނަށް ލިބޭ ފްލޯތައް ސަރުކާރަށް ލިބޭނެކަމަށް ލަފާކޮށްފައިވާ މުއްދަތެވެ. މިއީ އޭސީސީން އޮޅުވާލާފައިވާ ވަރަށްބޮޑު އޮޅުވާލުމެކެވެ. 

ފަސާދައިގައި ބައިވެރިވާ ކުންފުންޏެއްކަމަށް އޭސީސީން އެސްޖޭ ކޮންސްޓްރަކްޝަން ދެކޭއިރުވެސް ސަރުކާރުން އެކުންފުންޏަށް އެތައްމިލިޔަން ރުފިޔާއެއްގެ ބޮޑެތި މަޝްރޫއުތައް ހަވާލުކުރަމުން ދައުލަތުން ހަމައެކަނި ޒިޔާދު ބާގިރު ކޯޓަށް ދަމާތަން ދައްކައިގެން ޒީރޯ ޓޮލަރެންސްގެ ވައުދު ފުއްދަވަނީތޯއެވެ. ފެންނަފެނުމަށް މިއީ ކޮވިޑްގެ ކޮރޮޕްޝަންތައް ތިލަވެ، އޭސީސީގެ ނާގާބިލްކަމާއި ސިޔާސީވެފައިވާވަރު ފާޅުވެ އިންތިހާއަށް ފާޑުކިޔުންތައް ކުރިމަތިވުމުން އެއިން ރެކިގަނެ ކުރީ ސަރުކާރުގެ ކޮރަޕްޝަންތައް ބަލާކަން މީހުންނަށް ދައްކައި މަންޒަރު ރީތިކުރުމަށް ކުރި ކަމެކެވެ.

Advertisement

ކޮމެންޓް