ރޮނާލްޑޯގެ ގޯލުތަކާއެކު ޔުވެންޓަސްއަށް ޕޮއިންޓެއް

30 Sep 2020 | 05:50

އިޓާލީ ލީގުގައި ރޭ ކުޅުނު މެޗުގައި ޔުވެންޓަސް އަދި ރޯމާ ބައްދަލުކުރި މެޗް 2-2 ކުން އެއްވަރުވެގެން ނިމިއްޖެއެވެ.

ރަށުން ބޭރުގައި ޔުވެންޓަސް ކުޅުނު މެޗުގައި ފުރަތަމަ ގޯލް ޖަހާފައިވަނީ ރޯމާއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޔުވެންޓަސްގެ މިޑްފީލްޑަރ ރަބިއޯ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއިން މި ގޯލް ކާމިޔާބު ކޮށްދިނީ ޖޯޑަން ވޭޓޫ އެވެ.

ޔުވެންޓަސް ޑޮމިނޭޓް ކުރި މި މެޗުގައި އެޓީމަށް ނަތީޖާ އެއްވަރު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯއެވެ. މެޗުގައި ފެނިގެންދިޔަ ފުރަތަމަ ޕެނަލްޓީއެކޭ އެއްފަދައިން މި ޕެނަލްޓީއަކީވެސް ޕެނަލްޓީ އޭރިއާ ތެރެއިން އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ފުރަތަމަ ހާފުގެ އިތުރު ގަޑީގައި ރޯމާއިން އުފެއްދި ކައުންޓާ އެޓޭކްއެއްގައި ގޯލެއްޖަހާ އަނެއްކާވެސް އެޓީމަށް ކުރި ހޯދަދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބު ކޮށްދިން ވޭޓޫ އެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިފައިވަނީ 2-1 ކުން ރޯމާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ޔުވެންޓަސްގެ ރަބިއޯއަށް ދެ ރީނދޫ ކާޑު ހަމަވެ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާ ގުޅިގެން މެޗުގެ ބާކީ އޮތްބައި އެޓީމުން ފުރިހަމަ ކޮށްފައިވަނީ 10 ކުޅުންތެރިންނާއެކީގައެވެ.

ޕިރްލޯގެ ހެޑް ކޯޗު ކަމުގެ ދަށުގައި ކުޅެމުން އަންނަ ޔުވެންޓަސްއަށް މެޗުން ޕޮއިންޓެއް ކަށަވަރު ކޮށްދިން ގޯލުވެސް ޖަހައިދިނީ ރޮނާލްޑޯއެވެ. ޑެނީލޯ ނަގައިދިން ހުރަހަކުން ރޯނާލްޑޯ މި ގޯލް ޖެހީ ބޮލުން ބޯޅަ ގޯލުތެރެއަށް ފޮނުވާލައިގެންނެވެ.

ދެމެޗުން ލިބުނު 4 ޕޮއިންޓާއެކު ޔުވެންޓަސް ތާވަލުގެ 4 ވަނައިގަ އޮތް އިރު ރޯމާ އޮތީ އެއް ޕޮއިންޓާއެކު 13 ވަނައިގައެވެ. މި ސީޒަނުގެ ލީގުގައި ރޯމާ ކުޅުނު ފުރަތަމަ މެޗް 0-0 ކުން އެއްވަރުވި ނަމަވެސް ޝަރުތު ހަމަނުވާ ކުޅުންތެރިޔެއް މެޗް ސްކޮޑްގައި ހިމެނުމުގެ ސަބަބުން ސެރީއާއިން އެޅި ފިޔަވަޅުގައި ނިންމާފައިވަނީ އެ މެޗުން ރޯމާ 3-0 ބަލިވި ކަމަށެވެ.

Advertisement

ކޮމެންޓް