Advertisement

ބާސެލޯނާއަށް ފަސޭހަ މޮޅެއް، މެސީގެ މޫނުމަތިން އުފާވެރިކަން

30 Sep 2020 | 05:50

މިސީޒަނުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން 4-0 ކުން ވިލަރެއާލް ބަލިކޮށް ބާސެލޯނާ ފެށުން ރަނގަޅު ކޮށްފިއެވެ.

މި މެޗުގައި ފެނުނު 4 ގޯލުވެސް ފެނިފައިވަނީ ފުރަތަމަ ހާފުގެ ތެރޭގައެވެ. 15 އަދި 19 ވަނަ މިނެޓުގައި ޒުވާން ތަރި ފާތީގެ ދެ ގޯލް ޖަހާފައިވާއިރު ކެޕްޓަން މެސީ ވަނީ 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބާސާގެ ލީޑް ފުޅާ ކޮށްދީފައެވެ.

ބާސާގެ ހަތަރު ވަނަ ގޯލަކީ އިދިކޮޅު ޓީމުގެ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވައިން ގޯލެކެވެ.

މި މެޗުގައި މެސީ ޖެހި ގޯލާއެކު އޭނާ ވެފައިވަނީ ސްޕެނިޝް ލީގުގެ 17 ސީޒަނެއްގައި ގޯލުޖެހި ހަވަނަ ކުޅުންތެރިޔާއަށެވެ.

ކުރީގެ ސެވިއްޔާ އަދި އާސެނަލްގެ ކުރީގެ ކޯޗް އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުންއައި ވިލަރެއާލްއަށް މި މެޗުގައި އޮން ޓާގެޓްއަށް ޝޮޓެއް ހެދުނު މަންޒަރު ފެނިގެން ދިޔައީ ފުރިހަމަ ވަގުތު ހަމަވާން ގާތްވެފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ޓްރާންސްފާ މާކެޓުގައި ބާސާ ދޫކޮށްލަން ބޭނުންކަމަށް ބުނެ ދުނިޔެ ހައިރާންކޮށްލި މެސީގެ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ރޮނަލްޑް ކޯމަންގެ ބެލުމުގެ ދަށުން ތައްޔާރުވި ބާސާގައި މި ސީޒަނުގައި މުހިންމު ރޯލުތައް އަދާކުރާނެ ކުޅުންތެރިންނަކީ މެސީ، ކޯޓީނިއޯ، ގްރިޒްމަން، އަދި ފާތީ ކަމަށް ބެލެވެއެވެ.  

Advertisement

ކޮމެންޓް