Advertisement

ކޮވިޑް އެންޓިޖެން ޓެސްޓް ރާއްޖެއަށް ތައާރަފްކޮށްފި

28 Sep 2020 | 13:34

ހަށިގަނޑުގައި ހުރި އެކްޓިވް ވައިރަސްގެ އަދަދު ފަސޭހަކަމާ އެކު ދެނެގަންނަ ރެޕިޑް ކޮވިޑް-19 އެންޓިޖެން ޓެސްޓް ކިޓެއް ދިވެހިރާއްޖެއަށް ތައާރަފްކޮށްފިއެވެ.

އެމެރިކާގެ މަޝްހޫރު ހެލްތް ކެއަރ ކުންފުންޏެއްކަމަށްވާ އެބޮޓް ލެބޯރެޓޮރީސްއިން އުފެއްދި މި ކިޓުން 15 މިނެޓްގެ ތެރޭގައި ނަތީޖާ އުފައްދައެވެ. އެހެންކަމުން މި ކިޓްގެ އަލީގައި ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން ފެންނަ ފަރާތްތަކުގެ ތެރެއިން ބަލި ހުރި ފަރާތްތައް ފަސޭހައިން ދެނެގަތުމަށް އެހީތެރިކަމެއް ލިބިގެންދެއެވެ.

އެމެރިކާގެ އެފްޑީއޭގެ އިމަރޖެންސީ ޔޫސް އޮތޮރައިޒޭޝަން ލިބިފައިވާ މި ކިޓްގެ ސައިޒަކީ ކްރެޑިޓް ކާޑެއްގެ ސައިޒެވެ. މި ކިޓް ބޭނުންކުރަން ޖެހެނީ ނޭސަލް ސްވޮބަކުން ސާމްޕަލް ނަގައިގެންނެވެ.

މި ކިޓުގެ ނަތީޖާ ދައްކުވައިދޭނެ މޯބައިލް އެޕްލިކޭޝަނެއްވެސް އެބޮޓް ލެބޯރެޓޮރީސްއިން ވަނީ ތައާރަފްކޮށްފައެވެ.

އެކުންފުނިން އިތުރަށް ބުނީ އިތުބާރުހިފޭ މިޓެސްޓް ކިޓްގެ ސެންސިޓިވިޓީއަކީ 97.1 ޕަސެންޓެވެ އަދި ސްޕެސިފިސިޓީއަކީ 98.5 ޕަސެންޓެވެ.

ދިވެހިރާއްޖެއަށް މި ޓެސްޓް ކިޓް ތައާރަފްކޮށްފައިވަނީ ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެތި ފުޅާ ދާއިރާއެއްގައި އެތެރެކުރާ ކުންފުންޏެއްކަމަށްވާ މެޑްޓެކުންނެވެ. މެޑްޓެކަކީ އެބޮޓް ލެބޯރެޓޮރީސްގެ ރާއްޖޭގެ އޯތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

Advertisement

ކޮމެންޓް