Advertisement

ލިވަޕޫލް 3-1 އާސެނަލް

30 Sep 2020 | 05:49

ޕްރިމިއާ ލީގުގައި ލިވަޕޫލް އަދި އާސެނަލް ބައްދަލު ކުރި މެޗް ފަސޭހަކަމާއެކު 3-1 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެއެވެ.

މެޗު ފަށައިގެން ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ކަމުގައިވިނަމަވެސް ފުރަތަމަ ގޯލް ޖަހާ ކުރި ހޯދީ އާސެނަލްއެވެ. ލިވަޕޫލްގެ ފުލްބެކް އެންޑީ ރޮބަޓްސަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މި ގޯލް އާސެނަލްއަށް ކާމިޔާބު ކޮށްދިނީ ލަކަޒެޓްއެވެ.

ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދާ އާސެނަލްގެ ގޯލަށް ނުރައްކާ ކުރަމުން ގެންދިޔަ ލިވަޕޫލްއަށް ނަތީޖާ އެއްވަރު ކޮށްދިނީ މާނޭއެވެ. އާސެނަލްގެ ގޯލަށް ގިނައިރުތަކެއް ނުވަނީސް ލިވަޕޫލް ކާމިޔާބުކުރި މި ގޯލަކީ ސަލާހް ފޮނުވާލި ހަމަލާއެއް އާސެނަލްގެ ކީޕަރަށް ރަނގަޅަށް ސާފު ނުކޮށްލެވުމުގެ ފައިދާ ނަގާ މާނޭ ޖެހި ގޯލެކެވެ.

ލިވަޕޫލްއަށް ލީޑް ލިބުނީ އެލެކްސޭންޑާ އާނޯލްޑް ނަގައިދިން ހުރަހަކުން ރޮބަޓްސަން ޖަހައިދިން ގޯލާއެކީއެވެ. މިއާއެކު، ފުރަތަމަ ހާފުގެ ނަތީޖާ ނިމުނީ 2-1 ކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ހާފެކޭ އެއްފަދައިން ދެވަނަ ހާފުގައިވެސް މޮޅަށް ކުޅެފައިވަނީ ލިވަޕޫލްކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް އާސެނަލްއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތުތަކެއް ތަނަވަސްވެގެން ގޮސްފައެވެ. ފެނިގެންދިޔައީ ލަކަޒެޓްއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ބޭކާރުވެގެން ދިޔަ މަންޒަރެވެ. 

ވަރުބަލިކަމެއް ނެތި ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ދިޔަ ލިވަޕޫލްގެ ތިންވަނަ ގޯލަކީ މި ސީޒަނަށް ވުލްވްސް ދޫކޮށް ލިވަޕޫލްއަށް ބަދަލުވި ޖޮޓާ ޖަހައިދިން ގޯލެކެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޖޮޓާ ވަނީ އެކި ފަހަރު މަތިން އާސެނަލްގެ ޑިފެންސްއަށް ޕްރެޝަރކޮށް ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުގައި ލިވަޕޫލްއިން ޖުމްލަ 21 ޝޮޓް ހަދާފައިވާއިރު އާސެނަލްއަށް ހެދުނީ އެންމެ 4 ޝޮޓެވެ. ނިމިދިޔަ ސީޒަނުގައި ޗެންޕިއަން ލިވަޕޫލް ދެއްކި މޮޅު ކުޅުން މި މެޗުން ފެނިގެންގޮސްފައިވާއިރު އެޓީމް ވަނީ މިހާތަނަށް ލީގުގައި ކުޅުން ތިން މެޗްވެސް ކާމިޔާބު ކޮށްފައެވެ.

މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ލިވަޕޫލްގެ މެނޭޖަރ ކްލޮޕް ބުނީ އޭނާގެ ޓީމް ދެއްކި ކުޅުމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ލިވަޕޫލް މިހާރު އޮތް ފެންވަރުން އިތުރަށް ވަރުގަދަ ކުރުމަކީ އުނދަގޫކަމެއް ކަމަށައި ނަމަވެސް އެޓީމައި އަލަށް ގުޅުނު ޖޮޓާ އާއި ދޭތެރޭ އޭނާ ވަރަށް ހިތްހަމަޖޭހެކަމަށް ކްލޮޕް ބުންޏެވެ. ޖޮޓާ ލިވަޕޫލް އާއި ގުޅުނީ އޭނާ ގެންނަން މަސައްކަތްކުރާތާ ތިން އަހަރު ފަހުންކަމަށްވެސް ކްލޮޕް ވަނީ ހާމަކޮށްފައެވެ.

އާސެނަލްގެ މެނޭޖަރު އާޓޭޓާ ބުނީ މެޗުތެރެއަށް ވަދެގެން އާސެނަލް ކުޅުނީ މަދު ވަގުތު ކޮޅެއްގަ ކަމަށެވެ. ލިވަޕޫލްގެ ކުޅުންތެރިން އެކުގައި ފަސް އަހަރު ހޭދަކޮށްފައިވާ ކަމަށައި ނަމަވެސް އާސެނަލްގެ ކުޅުންތެރިން އެކުގައި އުޅޭތާ އަދި މިވީ މަދު މަސްތަކެއް ކަން އާޓޭޓާ ވަނީ ފާހަގަ ކޮށްފައެވެ. ހަގީގަތަކީ ލިވަޕޫލް އާސެނަލްއަށްވުރެ އެތައް ގުނައެއް މޮޅުކަން ކަމަށްވެސް އާޓޭޓާ ވަނީ ބުނެފައެވެ.

ރޭ ކުޅެވުނު އަނެއް މެޗުގައި ފުލަމް އަދި އެސްޓަން ވިލާ ވާދަކުރި މެޗް ނިމުނީ 3-0 ކުން އެސްޓަން ވިލާ މޮޅުވެގެންނެވެ. މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ އެސްޓަން ވިލާ އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. ކުޅުނު ތިން މެޗުންވެސް ބަލިވެ ފުލަމް އޮތީ ތާވަލުގެ ފުލުގައެވެ. 

Advertisement

ކޮމެންޓް