Advertisement

އެމްނެސްޓީ އިންޑިއާގެ ހަރަކާތްތައް ފިއްތުންތަކާ ހެދި ހުއްޓާލައިފި

29 Sep 2020 | 12:31

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަަލްއަގްވާމީ ޖަމާއަތެއްކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލުން އިންޑިއާގައި ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލައިފިއެވެ.

އެމްނެސްޓީ އިންޑިއާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންޑިއާގެ އެންފޯސްމެންޓް ޑިރެކްޓްރޭޓުން ކުރަމުންދާ ތަހުގީގަކާއި ގުޅިގެން އެ ޖަމާއަތުގެ އެކައުންޓްތައް ފްރީޒްކުރުމަށް ނިންމުމުގެ ސަބަބުން އޮފީސްތައް ބަންދުކޮށް މުވައްޒަފުން ވަކިކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން އެ ޖަމާއަތުގެ ރިސާޗް އަދި އެޑްވޮކެސީގެ ހަރަކާތްތައްވެސް އިންޑިއާގައި ހިންގުން މެދުކަނޑާލެވޭނެކަމަށް ވަނީ ބުނެފައެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އިންޑިއާގެ ސަރުކާރުން ދަނީ އެމްނެސްޓީއާއި ދެކޮޅަށް ތަފާތު ކަންތައްތައް ކުރަމުންނެވެ. އެގޮތުން ކަމާއި ގުޅޭ އިދާރާތަކުން އެ ޖަމާއަތުގެ އޮފީސްތައް ބަލާފާސްކުރުމާއި، އެ ޖަމާއަތަށް ފައިސާގެ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް އިންކަމް ޓެކްސް ޑިޕާރޓްމެންޓުން ސިޓީ ފޮނުވުމާއި އަދި އިންޑިއާއާއި ދެކޮޅު ހަރަކާތްތައް ހިންގާކަމަށް ތުހުމަތުކުރުން ހިމެނެއެވެ.

އެމްނެސްޓީ އިންޑިއާއިން ވަނީ ކަޝްމީރުގައި އިންޑިއާ ސިފައިން އަމަލުކުރަމުންދާ ގޮތާއި އަދި އާދިއްލީގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން ފުލުހުން އަމަލުކުރި ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށް، ބައިނަލްއަގްވާމީ އެކި ޕްލެޓްފޯމްތަކުގައި އެކަމާ ގުޅޭގޮތުން ވާހަކަަދައްކާފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ފޮރިން އެފެއާޒް ކޮމެޓީވެސް ހިމެނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން 2009ވަނަ އަހަރުގައިވެސް ސަރުކާރުގެ ފިއްތުންތަކާ ގުޅިގެން އެމްނެސްޓީ އިންޑިއާގެ ހަރަކާތްތައް ވަގުތީގޮތުން ހުއްޓާލަން ޖެހުނެވެ.

Advertisement

ކޮމެންޓް

Advertisement