ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓްކުރާނީ ދެގައުމުން ގުޅިގެން: އިންޑިއާ

29 Sep 2020 | 15:25

އިންޑިއާ ސަރުކާރުގެ ފަރާތުން އެމްއެންޑީއެފްއަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓްކުރާނީ ދިވެހިރާއްޖެއާއި އިންޑިއާއިން ގުޅިގެންކަމަށް ބުނެފިއެވެ.

މި މަތިންދާބޯޓު މިއަދުގެ ވަގުތެއްގައި ވަނީ ދިވެހިރާއްޖެއަށް ގެނެސްފައެވެ.

ދިވެހިރާއްޖޭގެ ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މައުލޫމާތުދިން ގޮތުގައި މި މަތިންްދާބޯޓަށް ދިވެހިރާއްޖެއިން އެންމެ ފުރަތަމަ އެދިފައިވަނީ 2016 ވަނަ އަހަރުގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އަދި މިކަމަށް 2017 ވަނަ އަހަރުގެ ޖޫންމަހުން ފެށިގެން ދިވެހި ޕައިލެޓުން ތަމްރީންކުރެވެމުންދާކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ޕައިލެޓުން، އެއަރ އޮބްޒާވަރުން އަދި އިންޖީނިއަރުން ހިމެނޭގޮތަށް ޖުމްލަ 7 ދިވެހިން ތަމްރީންވަމުންދާކަމަށް އިންޑިއާގެ ހައިކޮމިޝަނުން "ވޮއިސް" އަށް މައުލޫމާތުދީފައިވެއެވެ. އެގޮތުން މި މަތިންދާބޯޓު އޮޕަރޭޓްކުރުމުގައި ދެގައުމުގެ ފަރާތްތަކުންވެސް ބައިވެރިވާނެ ކަމަށާއި، އެމްއެންޑީއެފްއިން އެދިއްޖެނަމަ އިތުރު ދިވެހިން ތަމްރީންކޮށްދޭނެކަމަށްވެސް ވަނީ ބުނެފައެވެ.

ހައިކޮމިޝަނުން ބުނީ މި މަތިންދާބޯޓު ދުއްވުމުގެ ހުރިހާ ޚަރަދެއް އިންޑިއާއިން އުފުލި ނަމަވެސް، މި މަތިންދާބޯޓު އުދުހޭނީ އެމްއެންޑީއެފްގެ ކޮމާންޑް އަދި ކޮންޓްރޯލްގެ ދަށުންނެވެ. މި މަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ސާޗް އެންޑް ރެސްކިއު، މެރިޓައިމް/އީއީޒެޑް ސާވެއިލެންސް އަދި ހިއުމެނިޓޭރިއަން އެސިސްޓެންޓް އެންޑް ޑިޒާސްޓަރ ރިލީފް ފަދަ ބޭނުންތަކަށެވެ. އަދި މިހާރު އިންޑިއާއާއި ރާއްޖޭން ގުޅިގެން ކުރިއަށްގެންދާ އީއީޒެޑް ސާވެއިލެންސްގައި މި މަތިންދާބޯޓު ބައިވެރިވާނެކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ޑޯނިއާ މަތިންދާބޯޓުން ބަލިމީހުން އުފުލުން، ގަވާއިދާއި ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުން، ޑްރަގް ޓްރެފިކިންގ ހުއްޓުވުން އަދި ނިރުބަވެރިކަމުގެ ހަރަކާތްތައް ހުއްޓުވުމަށްވެސް އެހީތެރިކަން ލިބިގެންދާނެކަމަށް އިންޑިއާގެ ހައިކޮމިޝަނުން ވަނީ ބުނެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ދާއިރާތަކުގައި ދެގައުމުން ޒަމާނުއްސުރެ ދަނީ އެކުގައި މަސައްކަތްކުރަމުންނެވެ.

އިންޑިއާގެ ހައިކޮމިޝަނުން ވޮއިސްއަށް މައުލޫމާތުދިން ގޮތުގައި މި ޑޯނިއާ މަތިންދާބޯޓުގަައި އެމްއެންޑީއެފްގެ އެއަރ ވިންގްގެ ކުލަތަކާއި ލޯގޯ ޖަހާފައިވާނެއެވެ.

Advertisement

ކޮމެންޓް