އެކުވެރި އަރަބި އިމާރާތުން ދެ ސެނިޓައިޒޭޝަން ޓްރަކެއް ދިވެހިރާއްޖެއަށް ހަދިޔާކޮށްފި

29 Sep 2020 | 14:16

ކޮވިޑް-19 އާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން އެކުވެރި އަރަބި އިމާރާތުން ދެ ސެނިޓައިޒޭޝަން ޓްރަކެއް ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި ދެ ޓްރަކްގެ އެހީގައި އާންމު ތަންތަން ސެނިޓައިޒްކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.

މި އެހީއާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އެކުވެރި އަރަބި އިމާރާތުގެ ވެރިންނާއި ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެކުރިންވެސް އެގައުމުން ވަނީ ކޮވިޑް-19އިން އަރައިގަތުމަށް ރާއްޖޭން ކުރާ މަސައްކަތަށް ބޮޑު އެހީއެއް ފޯރުކޮށްދީފައެވެ. އެގޮތުން އެގައުމުން ވަނީ  77.3 މިލިއަން ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓް ދިވެހިރާއްޖެއަށް ހަދިޔާކޮށްފައެވެ.

1970 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ޔޫއޭއީ ސަރުކާރުން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ. ޚާއްސަ ގޮތެއްގައި ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް އެޤައުމުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށްލެވެއެވެ. އަދި މިދިޔަ މާޗް މަހުގެ 9 ވަނަ ދުވަހުވެސް ހިލޭ އެހީގެ ގޮތުގައި ޔޫ.އޭ.އީ އިން ރާއްޖެއަށް 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި މިނިސްޓަރ ޝާހިދު ވަނީ އަބޫދާބީގައި ސޮއިކުރައްވާފައެވެ.

Advertisement

ކޮމެންޓް