Advertisement

މާލޭ ސިޓީގެ މޭޔަރ ޝިފާގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފި

30 Sep 2020 | 20:36

މާލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ ޕާކް (އަޑި ޕާކް) ގެ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދަޢުވާކުރުމަށްޓަކައި މިއަދު ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެގޮތުން، މި މައްސަލައިގައި ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، މާލޭ ސިޓީގެ މޭޔަރ، ސިފާ މުޙައްމަދު (ގ.އެޓްނާ / ކ.މާލެ) ގެ މައްޗަށެވެ. މި މައްސަލައިގައ ސިފާ މުޙައްމަދުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާއެވެ.

އޭސީސީން ބުނިގޮތުގައި މާލޭ ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ޕާކު ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫޢުގައި ހިމެނޭ ޢިމާރާތްތައް (02 ފާޚާނާބަރިއާއި، 03 ހަޓާއި، 03 އެންޓްރަންސް ކެނޮޕީއާއި، ލައިފްގާޑް ޓަވަރެއް ރެނޮވޭޓްކުރުމާއި، 01 ގާޑަން ބްރިޖް ހަދައި އިންސްޓޯލްކުރުން) ގެ މަސައްކަތްތަކުގެ ތެރެއިން 02 ފާޚާނާބަރީގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އިން ކޮށް ނިންމާފައިވެއެވެ.

ނަމަވެސް އިޢުލާނުކޮށްގެން ވާދަވެރި ބީލަމެއްގެ ތެރެއިން މި މަސައްކަތް ހަވާލުކުރެވެން އޮތްކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާއިރު، އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުޞޫލަކުން ނޫންކަން ތަޙްޤީގަށް ފާހަގަކުރެވިފައިވާކަމަށް ވަނީ ބުނެފައެވެ. އެގޮތުން، ފުރަތަމަވެސް އެ ކުންފުނިން އެކަނި ކޯޓޭޝަން ހޯދައިގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (20 ފެބުރުވަރީ 2017) ގެ 10.25 ވަނަ މާއްދާގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައިގެން މަސައްކަތް ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވާކަމާއި، އެ ހުއްދަ ނުދީ، ކައުންސިލްގެ އިދާރާގެ ބިޑް ކޮމިޓީގެ ހުއްދައަށް އެދުމަށް އެ މިނިސްޓްރީއިން އެންގުމުން، 03 ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅިނަމަވެސް، އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމިން ކޮންސްޓަރަކްޝަން ޕވޓ. ލޓޑ. އާ ހަވާލުކޮށްގެން ކުރުވާފައިވާކަން އެނގޭކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އަދި ބިޑް ކޮމިޓީއިން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވާކަން ފާހަގަކުރެވިފައިވާއިރު، ޢަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު (ގ.އެޓްނާ / ކ.މާލެ) އަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔަރ ސިފާ މުޙައްމަދު ކަން އެ ކޮމިޝަންގެ ތަޙުޤީޤަށް ވަނީ އެނގިފައެވެ.

އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް ތަޙްޤީޤަށް ފާހަގަކުރެވޭކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

މީގެއިތުރުން، ސްރީލަންކާގެ ކުންފުންޏަކުން މި 02 ފާޚާނާބަރީގެ މަސައްކަތް ކޮށްދޭ ފަރާތަކަށް ފައިސާ ދައްކާނެކަމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދަށް އެޑްރެސްކޮށް މާލޭ ސިޓީ ކައުންސިލަށް 15 އޮކްޓޫބަރު 2019 ގައި ފޮނުވާފައިވާ ސިޓީގައި ބުނެފައިވާއިރު، ވަކި ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމަށް އެ ކުންފުނިން އެދިފައިނުވާކަން ފާހަގަކުރެވޭކަމަށް ވަނީ ބުނެފައެވެ.

ހަމައެހެންމެ، ހިލޭ އެހީއަކީ ދައުލަތަށް ލިބޭ ފައިސާކަމަށްވީއިރު އެ ފައިސާ ޚަރަދުކުރަން އޮންނަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (20 ފެބުރުވަރީ 2017) އާ އެއްގޮތައްކަމަށްވީހިނދު، އަދި ހިލޭ އެހީ ހުށަހެޅިކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 9 ވަނަ ބާބުގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތަށް މިނިސްޓްރީ އޮފް ފިނޭންސްއާއި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި، ބިޑް ކޮމިޓީގެ މެމްބަރުންނާއި، ކައުންސިލްގެ އިދާރާގެ ފައިނޭންސް ސެކްޝަނާ މޭޔަރ ސިފާ މުޙައްމަދު ހިއްސާކޮށްފައި ނުވާކަން ތަޙްޤީޤަށް ވަނީ އެނގިފައެވެ. އަދި ކައުންސިލްގެ އިދާރާއިން ފިނޭންސް މިނިސްޓްރީއާ އެ މަޢުލޫމާތު ހިއްސާކުރީ މަސައްކަތް ނިމި ކައުންސިލްގެ އިދާރާއާ ތަން ހަވާލުކުރި ފަހުންކަން އެނގޭކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މީގެއިތުރުން، އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށްވާތީ މަސައްކަތުގެ ތަފްޞީލް އެނގެން ނެތްކަމާއި، ޖުމުލަ 03 މެމޯއަކުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި އެކި ދުވަސް މަތިން މޭޔަރ ސިފާ މުޙައްމަދު ބިޑް ކޮމިޓީގައި އެދިފައިވާއިރު، މަސައްކަތް ފެށިކަމަށް ބުނާ ތާރީޚްގެ ފަހުން ވެސް 02 ފާޚާނާބަރި ހިމެނޭގޮތަށް ޢިމާރާތްތަކުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި މޭޔަރ ސިފާ މުޙައްމަދު ބިޑް ކޮމިޓީއަށް 21 އޮކްޓޫބަރު 2019 ގައި މެމޯ ފޮނުވާފައިވާކަމާއި، އެ މެމޯ ފޮނުވިއިރުވެސް ޢަމަލީ ގޮތުން އެ މަސައްކަތް ފަށާފައިވާކަން ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައެވެ.

Advertisement

ކޮމެންޓް