ޑޯނިއާ ދުއްވާނެ ބަޔަކާ ބެހޭގޮތުން އެމްއެންޑީއެފް އާއި އިންޑިއާ ހައިކޮމިޝަނުގެ ވާހަކަ ދެގޮތަކަށް!

29 Sep 2020 | 23:25

އިންޑިއާއިން ރާއްޖެއަށް މިއަދު ގެނައި ޑޯނިއާ އެއާކްރާފްޓް ދުއްވާނެ ބަޔަކާ ބެހޭގޮތުން ރާއްޖޭގެ ދިފާއީ ބާރާއި އިންޑިއާ ހައިކޮމިޝަނުން ދިން މައުލޫމާތު ދެގޮތަކަށް ދީފިއެވެ.

އެމްއެންޑީއެފްއިން ބުނީ މަތިންދާބޯޓު ދުއްވާނީ ދިވެހި ޕައިލެޓުންކަމަށް މީޑީއަށް މައުލޫމާތު ދެއްވާފައެވެ.

އެހެންނަމަވެސް މިއަދު ގެނައި މަތިންދާ ބޯޓު ދުއްވުމުގައި ހަރަކާތްތެރިވާނީ ކޮން ޤައުމެއްގެ ސިފައިންތޯ "ވޮއިސް" ފަރާތުން ރާއްޖޭގެ ހުންނަ އިންޑިއާ ހައިކޮމިޝަންއާއި ސުވާލުކުރުމުން ބުނެފައިވަނީ މި އުޅަނދު ދުއްވުމުގައި ހަރަކާތްރެރިވާނީ އިންޑިއާ އަދި ރާއްޖޭގެ ޕައިލެޓުންކަމަށެވެ.

ރާއްޖެ ގެނެވިފައިވާ ޑޯނިޔާ މަތިންދާ ބޯޓަކީ ރާއްޖޭގައި އެ ދުއްވާ ޕައިލެޓުންނާއި، އިންޖިނިއަރުންވެސް ގިނަ އަދަދަކަށް ހަރަކާތްރެރިވަމުން އަންނަ ބޯޓެކެވެ.

މިއަދު ގެނެވުނު ޑޯނިއާ ބާއްވަނީ އިންޑިއާއިން ތަރައްޤީކުރަން ހަމަޖެހިފައިވާ ހަނިމާދޫ އެއާޕޯޓްގައެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ޕީޕީއެމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިންޑިއާ މިލިޓަރީ ހަރަކަތްތައް ހަނިމާދޫ އާއި އައްޑޫ އަދި ލާމު އަތޮޅުގައި ވަރުގަދަކޮށް ފުޅާކުރަމުން އަންނަކަމަށާއި، އިންޑިއާ ސިފައިން މިހާރުން މިހާރަށް ބޭލުމަށް އަންނަނީ އަޑު އުފުލަމުންނެވެ.

ރާއްޖޭގެ ސޯޝަލް މީޑީއާގައިވެސް އެންމެ އަޑު ހަރު ހޭޝް ޓެގްއެއް ގޮތުގައި ހިނގަމުން އަންނަނީ #އިންޑިއާ އައުޓް ކަން ފާހަގަކޮށްލަންޖެހެއެވެ.

އެމްއެންޑީއެފްއިން ބުނީ މަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުރުމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަމަށެވެ.

"މިފްލައިޓް ރާއްޖޭގައި އުދުހޭނީ ރާއްޖޭގެ ދިދައާއި ކުލަތަކާއެކު، އެމްއެންޑީއެފްގެ ޕައިލެޓުން ވެސް ޙަރަކާތްތެރިވާ ގޮތަށް،" އެމްއެންޑީއެފްއިން ބުންޏެވެ.

ހައިކޮމިޝަނުން ބުނި ގޮތުގައި ޑޯނިއާ ދުއްވުމަށް 2017 ވަނަ އަހަރުން ފެށިގެން ދިވެހި ޕައިލެޓުންން އިންޑިއާއިން ގެންދަނީ ތަމްރީނު ކުރަމުންނެވެ. އެއާކްރާފްޓް އޮޕަރޭޓް ކުރުން އެމްއެންޑީއެފްގެ ކޮމާންޑަށް ގެންދިޔަ ނަމަވެސް މެއިންޓެނެންސް އާއި އެހެނިހެން ހަރަދުތައް ބަލަހައްޓާނީ އިންޑިއާއިން ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

އިންޑިއާއިން މިހާރު ރާއްޖޭގައި ބާއްވާފައިވާ ދެ ހެލިކަޕްޓަރު އޮޕަރޭޓް ކުރާތާ 10 އަހަރުވެފައިވާއިރުވެސް އެ ހެލިކޮމްޓަރ އޮޕަރޭޓް ކުރަމުން ދަނީ އިންޑިއާ ސިފައިންނެވެ. 

Advertisement

ކޮމެންޓް

Advertisement