ޕެނަލްޓީއިން ޗެލްސީ ކަޓުވާލުމަށްފަހު ޓޮޓެންހަމް ކުއާޓާ ފައިނަލަށް

30 Sep 2020 | 05:47

ކަރަބާއޯ ކަޕްގައި ޗެލްސީ އަދި ޓޮޓެންހަމް ވާދަކުރި މެޗް ކާމިޔާބުކޮށް ޓޮޓެންހަމް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މި މެޗުގައި ޗެލްސީ އިން ވަނީ ފުރަތަމަ ހާފް ޑޮމިނޭޓްކޮށް ރަނގަޅު ކުޅުމެއް ކުޅެ ލީޑްވެސް ނަގާފައެވެ. 19 ވަނަ މިނެޓުގައި ޗެލްސީއަށް ކުރި ހޯދަދިނީ މި ސީޒަނަށް އެޓީމައި ގުޅުނު ސްޓްރައިކަރ ވާނާއެވެ. މިއީ އޭނާ ޗެލްސީ އަށް ބަދަލުވިފަހުން ޖެހި ފުރަތަމަ ގޯލެވެ.

ފުރަތަމަ ހާފްއާއި ހިލާފަށް ދެވަނަ ހާފުގައި ފެނިގެންދިޔައީ ޓޮޓެންހަމް ކުޅުން ރަނގަޅުކޮށް ޗެލްސީގެ ގޯލަށް ނުރައްކާކުރި މަންޒަރެވެ. އެގޮތުން ޓޮޓެންހަމްއަށް ނަތީޖާ ހަމަހަމަ ކޮށްދިން ގޯލް ޖަހައިދިނީ 83 ވަނަ މިނެޓުގައި އެޓީމައި އަލަށް ގުޅުނު ފުލްބެކް ރެގޫލިއޮން ދިން ބޯޅަ އަކުން އެރިކް ލަމޭލާއެވެ.

ފުރިހަމަ ވަގުތުގެ ހަމަވިއިރުވެސް ނަތީޖާ އެއްވަރުވުމުގެ ސަބަބުން ސީދާ ޕެނަލްޓީއަށް ދިޔަ މި މެޗުން ޓޮޓެންހަމްއަށް ކުރި ލިބުނީ ޗެލްސީގެ މޭސަން މައުންޓް ޖެހި ޕެނަލްޓީ ގޯލާ އަމާޒު ނުވުމުގެ ސަބަބުންނެވެ. ދެޓީމުން ޕެނަލްޓީ ޖެހި އެހެން ހުރިހާ ކުޅުންތެރިން ވަނީ ޕެނަލްޓީތައް ކާމިޔާބު ކަމާއެކު ގޯލާ އަމާޒުކޮށްފަކަން ފާހަގަކޮށްލަން ޖެހެއެވެ.

މޮރީނިއޯ އަދި ލަމްޕާޑް އާއި ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ރައްދު ކުރި މަންޒަރު ފެނިގެން ދިޔަ މި މެޗަކީ ކޯޗެއްގެ ގޮތުގައި ލަމްޕާޑުގެ މައްޗަށް މޮރީނިއޯ ކުރި ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ދެ ކޯޗުންގެ ކުރިމަތިލުންތައް ނިމިފައިވަނީ ލަމްޕާޑް ދެ މެޗުން މޮޅުވެ ދެ މެޗް އެއްވަރުވެގެންނެވެ.

ބޮޑު ހަރަދުތަކެއް ކޮށްގެން މި ސީޒަނަށް ތައްޔާރުވި ޗެލްސީ އެންމެ ފަހުން ކުޅުނު ދެމެޗުންވެސް ވަނީ ބަލިވެފައެވެ. ކުރިއަށް އޮތް މެޗުތަކުގައި އެޓީމަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވޭކަމުގައި ވަނީނަމަ ކޯޗް ފްރޭންކް ލަމްޕާޑް އޭނާގެ މަގާމުން ވަކި ކުރުން އެކަށީގެންވާކަމަށް ފުޓްބޯލް 'ޕަންޑިތުން' އަންނީ ބުނަމުންނެވެ. 

Advertisement

ކޮމެންޓް