Advertisement

ކުވެއިތުގެ އަމީރު ނިޔާވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފި

30 Sep 2020 | 13:04

ކުވެއިތުގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް ނިޔާވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފިއެވެ.

އެގޮތުން އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި، 2020 ސެޕްޓެންބަރު 30 ވާ ބުދަ ދުވަހުން ފެށިގެން 2020 އޮކްޓޫބަރު 2 ވާ ހުކުރު ދުވަހުގެ ނިޔަލަށް (ތިން ދުވަސް) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ނިންމަވާފައެވެ.

އަމީރު އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ވަލީއަޙުދު ނަވާފް އަލް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙްއަށް ތަޢުޒިޔާގެ މެސެޖެއް ވަނީ ފޮނުއްވާފައެވެ.

ކުވޭތުގެ ވަލީއަޙްދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ކުވޭތުގެ އަމީރު އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ ޢާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކުވޭތުގެ އަމީރަކީ ބައިނަލްއަޤްވާމީ މައިދާނުގައި، ޚާއްޞަކޮށް ސަރަޙައްދީ މައްސަލަތައް ޙައްލުކުރުމުގައި ވެސް، އިސް ދައުރެއް އަދާކުރެއްވި ލީޑަރެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި، އެ މަނިކުފާނަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބެހެއްޓެވި ލީޑަރެއްކަމަށާއި ރާއްޖޭގެ ތަރައްޤީއަށް ފޯރުކޮށްދެއްވި އެހީތެރިކަމާއި ރާއްޖެއަށް ދެއްވަމުން ގެންދެވި އެއްބާރުލެއްވުމަށްޓަކައި ދިވެހިން އެ ބޭފުޅަކަށް ދަރަނިވެރިވެފައިވާ ލީޑަރެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

Advertisement

ކޮމެންޓް