އިޒްރޭލާއެކު ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާ ނުކުރާނަން: ދިވެހި ޚާރިޖިއްޔާ

30 Sep 2020 | 14:08

ދިވެހިރާއްޖެއާއި އިޒްރޭލާއި ދެމެދު ގުޅުން ބަދަހިކުރުމާއި މެދު ރާއްޖެއިން މަޝްވަރާ ނުކުރާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

"ވޮއިސް"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ ޔޫ.އޭ.އީ، އަދި އެހެން ޤައުމަކާއެކުވެސް އިޒްރޭލާ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މި ސަރުކާރުން ދުވަހަކުވެސް މަޝްވަރާކޮށްފައި ނުވާނެކަމަށެވެ. އަދި އެކަން ނުވެސް ކުރާނެކަމަށް މިއުވާން ވިދާޅުވިއެވެ.

ނަމަވެސް ރާއްޖޭގެ އޮންލައިން މީޑިއާއެއްކަމަށްވާ "ދިޔަރެސް"ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލާއި ދިވެހިރާއްޖެއާއި ދެމެދު ގުޅުން ޤާއިމް ކުރުމާ ގުޅޭގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ދިވެހިރާއްޖެއާއި ދެމެދު ވަނީ ދާދިފަހުން މަޝްވަރާކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އދގެ އާންމު މަޖިލީހުގެ 75 ވަނަ ސެޝަންގައި ތަޤުރީރުކުރައްވަމުން ރޭ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ފަލަސްތީނުގެ މިނިވަންކަމަށް ރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރުކުރައްވާފައެވެ.

އެބޭފުޅާ ވިދާޅުވީ ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚްތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް، މިއަދު، މުޅި ދުނިޔޭގެ ހުރިހާ ޤައުމެއް އަތުގުޅާލައިގެން މަސައްކަތްކުރަންޖެހޭކަމަށާއި ޒަމާންތަކެއް ވަންދެން، ފަލަސްތީނުގެ ރައްޔިތުންގެ ނިމުމެއް ނެތް އާދޭހަކީ، ޤަދަރާއި ޢިއްޒަތާއެކު، އަމިއްލަ ވަޠަނެއްގައި ސުލްހަވެރިކަމާއެކު އުޅުމުގެ ފުރުޞަތު ލިބުންކަމަށެވެ.

"1967ގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާފެވައިވާ 2 ޤައުމެއްގެ ގޮތުގައި އަދި އިރުމަތީ ޤުދުސް ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ހަމަޖެއްސުމަށް އަޅުގަނޑުމެން ގޮވާލާ ގޮވާލުން އާކުރަން"، މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން އިޒްރޭލާއި އެކު 2014ވަނަ އަހަރުގައި ވަނީ ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އިޒްރޭލަކީ ދިވެހިރާއްޖެއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، ސަފީރަކު އެންމެ ފުރަތަމަ އައްޔަންކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. 

Advertisement

ކޮމެންޓް