ހިޔާނާތުގެ ފައިސާ އަދާލަތް ޕާޓީއަށްވެސް!

01 Oct 2020 | 10:05

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ގެ ބޮޑު ހިޔާނާތަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަދި ނައިބް ރައީސްކަންވެސް ކުރައްވާފައިވާ އަހްމަދު އަދީބް މިއަދުގެ ކޯޓު އަޑުއެހުމުގައި ވަނީ އިއުތިރާފްވެފައެވެ. މި އިއުތިރާފާއެކު ގިނަ ވާހަކަތަކެއް ވަނީ އޭނާ ސާފުކޮށްދީފައެވެ.

އެގޮތުން ފާހަގަކޮށްލެވުނު އެއްކަމަކީ ޝައިހް އިމްރާން، އިލްޔާސް، އިޔާޒް އާއި ޒައިދް ފަދަ ދީނީ އިލްމު އުނގެނި ސިޔާސީ ހަރަކާތް ހިންގަމުން އަންނަ އަދާލަތް ޕާޓީއަށް ވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް އަދީބް ވިދާޅުވި ވިދާޅުވުމުގެވެ.

ހިޔާނާތުގެ ފައިސާއިން މަންފާ ނުލިބޭ ސިޔާސީ ޕާޓީއެއް ނެތް ކަމަށް އަދީބު މިއަދުގެ ކޯޓު އަޑުއެހުމުގައި އޭނާ ވަނީ ކިޔައިދީފައެވެ.

"މި ސްކީމުން [އެމްއެމްޕީއާރުސީގެ ފައިސާއިން] ފައިނޭންސް ހޯދައިގެން އޭރުގެ މިނިވަން މުއައްސަސާތަކާއި އޭރުގެ ޖުޑީޝަރީއާއި އޭރުގެ ޕާލިމަންޓް [އަދި] ބައިވަރު ކަންކަތައްތަކަށް މި ފައިސާ ވަނީ ސިޔާސީ ގޮތުން ހަރަދުކުރެވިފައި. މި މައްސަލައަކީ ވަރަށް ގިނަ ބައެއް ޝާމިލްވާ މައްސަލައެއް، މި މައްސަލައަށް ވަރަށް ގިނަ ބަޔަކަށް މަންފާވޭ. މި މައްސަލައިން މަންފާ ނުވާ ސިޔާސީ ޕާޓީއެއް ނުވޭ. އަދި މަޖިލިސްގައި ނެގުނު ވޯޓުތަކާއި މި ހުރިހާ ކަމަކަށް މި ފައިސާ ވަނީ ބޭނުންކޮށްފައި،" އަދީބު ވިދާޅުވި އެވެ.

އަދީބް ކޯޓުގައި ވެފައިވާ އިއުތިރާފްއަށް އަދާލަތް ޕާޓީގެ އިސް ސަފުގައި ހަރަކާތެރިވާ ޕާޓީގެ ސީނިޔާ ދެ އެކްޓިވިސްޓުން ކަމުގައިވާ ޒައިދް އަދި ޑރ. އިޔާޒްގެ ތައުރީފް ވަނީ އަހްމަދު އަދީބަށް ކޮށްފައެވެ. އެގޮތުން

"ރާއްޖޭގެ ކުރީގެ ނައިބް ރައީސް، ކުރެވުނު ކުށަށް އިއުތިރާފްވެ ތައުބާ ވެލެއްވުމަކީ ނިހާއަތައް އުފާކުރާކަމެއް! އަދި މިކަމަށް މަރުހަބާވެސް ކިޔަން" އަދާލަތް ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމުގައިވާ ޝެއިހް ޒައިދް ގެ ޓުވީޓުގައި ބުނެފައިވެއެވެ.

އަދީބް ވަނީ އޭނާ ފައިސާ ބަހާފައިވާ މަޖިލިސް މެންބަރުންނާއި ސިޔާސީ ޕާޓީތަކުން ރުހުންދީ މި ސަރުކާރުން އެކުލަވާލާފައިވާ ކޮމިޝަންތަކަށް ފައިސާ ހޯދޭނެކަމަށް ވިދާޅުވެފައެވެ.

"މި ސަރުކާރުން އުފައްދާފައިވާ ކޮމިޝަންތަކާއި އޭސީސީއާިއ ޕީޖީއާއި ފުލުހުންނާ ގުޅިގެން ކުރަމުންދ މަސައްކަތުން މި ފައިސާ އަނބުރާ ހޯދޭނެ،" އަދީބު ވިދާޅުވި އެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮތީ އަވަސް ނިއާއެއް ކަނޑައެޅުމެވެ. ދެން އަންނަ އަޑުހުމެއް ބޭއްވުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޯމަ ދުވަހަށެވެ.

Advertisement

ކޮމެންޓް

Advertisement