Advertisement

މެންޗެސްޓާ ޔުނައިޓެޑް ކުއާޓާއަށް

01 Oct 2020 | 08:26

ކަރަބާއޯ ކަޕްގައި ބްރައިޓަންއާ ވާދަކޮށް 3-0 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލަށް މެންޗެސްޓާ ޔުނައިޓެޑް ދަތުރުކޮށްފިއެވެ.

ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޔުނައިޓެޑްގެ ގޯލުތައް ޖަހައިދިނީ ފުރަތަމަ ހާފުގައި މެކްޓޮމިނޭ އަދި ދެވަނަ ހާފުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މަޓާ އަދި ޕޮގްބާއެވެ. މެދުތެރޭގައި މަޓާގެ އިތުރުން ޔުނައިޓެޑްގެ ޑިފެންސްގައި ބެއިލީ ވަނީ މޮޅު ކުޅުމެއް ދައްކާފަކަން ފާހަގަކޮށްލެވެއެވެ.

ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެން ދެޓީމުވެސް ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ މެނޭޖަރ އޮލޭ ބުނީ ޓީމަށް ކޮންފިޑެންސް ލިބެން އިރުކޮޅެއް ނެގި ކަމަށެވެ. މަޓާގެ ޕާފޯމަންސްއަށް ތައުރީފް ކުރަމުން އޮލޭ ބުނީ ޓީމު ހަމައަކަށް އެޅުވީ މަޓާ ކަމަށައި އޭނާ ފަދަ ހުނަރުވެރި ކުޅުންތެރިޔަކު މި މެޗުގައި ދެއްކި ކުޅުން ފެނިފަ ހައިރާން ނުވާ ކަމަށްވެސް އޮލޭ ބުންޏެވެ.

މި މުބާރާތުގައި ރޭ މެންޗެސްޓާ ސިޓީ، އެވަޓަން، އަދި ނިއުކާސަލްވެސް ވަނީ ކުޅުނު މެޗުތައް ކާމިޔާބުކޮށް ޖެހިގެން އޮތް ބުރަށް ދަތުރު ކޮށްފައެވެ.

ޓޯރޭސް އެއް ގޯލް އަދި ސްޓާލިންގ ސިޓީއަށް ދެ ގޯލް ޖަހައިދިން އިރު އެވަޓަންގެ ފޯވަޑް ކަލްވެޓް ލުވިން ވަނީ ހެޓްރިކްއެއް ހަދާފައެވެ. 4-1 ކުން އެވަޓަން މޮޅުވި މެޗުގައި ދެން އެޓީމަށް ގޯލް ޖަހައިދިނީ ރިޗާލިސަންއެވެ.

ނިއުޕޯޓްގެ މައްޗަށް ޕެނަލްޓީން ކުރި ހޯދައިގެން ނިއުކާސަލްވެސް ވަނީ ޖެހިގެން އޮތް ބުރުން ޖާގައެއް ކަށަވަރު ކޮށްފައެވެ. 

Advertisement

ކޮމެންޓް

Advertisement