ބަޔާން މިއުނިކުން ޖަރުމަން ސުޕަ ކަޕް ކާމިޔާބުކޮށްފި

01 Oct 2020 | 08:53

ވާދަވެރި ބުރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް ކުރި ހޯދުމަށްފަހު ބަޔާން މިއުނިކުން ޖަރުމަން ސުޕަ ކަޕް ކާމިޔާބު ކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޓޮލީސޯ އަދި މުލާ ޖަހައިދިން ގޯލުތަކުން ބަޔާން 2-0 ގެ ލީޑެއް ނެގިއިރު ފުރަތަމަ ހާފް ނިމުނީ ޑޯޓްމަންޑް އަށް ބްރަންޑްޓް ޖަހައިދިން ގޯލާއެކު 2-1 ކުންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ގޯލެއް ޖަހާ ޑޯޓްމަންޑް އަށް ނަތީޖާ އެއްވަރު ކޮށްދިނީ ހުނަރުވެރި ޒުވާން ސްޓަރައިކަރ ހާލަންޑްއެވެ. މެޗުގެ ފަހު 10 މިނެޓުތެރޭ ބަޔާން ކޮޅަށް ނަތީޖާ އަނބުރާލި ގޯލު ކާމިޔާބު ކޮށްދިނީ ކިމިޗްއެވެ.

އިންފެކްޝަންއެއްގެ ސަބަބުން ޑޯޓްމަންޑްގެ ސަންޗޯ މި މެޗުން ފެނިފައިނުވާއިރު އެޓީމައި އަލަށް ގުޅުނު ޖޫޑް ބެލިންގހަމް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ފެނިފައިވެއެވެ.

މެޗަށްފަހު އެންމެ ފާހަގަވެގެންދިޔަ ކަމަކީ ޖަރުމަނުގެ އަންހެން ރެފްރީ ބިބިއާނާ ރެފްރީކަމުން ރިޓަޔަރ ކުރުމެވެ. 23 ބުންޑަސް ލީގާ މެޗެއްގައި ރެފްރީކަން ކޮށްފައިވާ ބިބިއާނާ އަކީ ޔޫރަޕުގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން މެޗެއްގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީއެވެ. އޭގެ އިތުރުން އޭނާއަކީ ސުޕަ ކަޕް މެޗެއްގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީވެސް މެއެވެ.

Advertisement

ކޮމެންޓް