މުދައްރިސުން: ކޮވިޑްގެ ބިރުވެރިކަމުގައިވެސް ފަސްޖެހުމެއްނެތި ކިޔަވައިދިނުމުގައި!

05 Oct 2020 | 11:08

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކޮވިޑް-19ގެ ބިރުވެރި އާލަމީ ވަބާއާއި މުޅި ދުނިޔެ މިދަނީ ހަނގުރާމަކުރަމުންނެވެ. މި އާލަމީ ވަބާގެ އަސަރު ހަމައެކަނި ކޮށްފައިވަނީ އުމުރުން ދުވަސްވީ ފަރާތްތަކާއި މެދު އުމުރުގެ ފަރާތްތަކަށް އެކަންޏެއް ނޫނެވެ. މި ބަލީގެ ސީދާ އަދި ނުސީދާ އަސަރު އެތަކެއް ޒުވާނުންނާއި ކުޑަކުދިންނަށްވެސް ދަނީ ކުރަމުންނެވެ. އެގޮތުން އެފަރާތްތަކަށް ލިބިގެންވާ އެންމެ މުހިންމު ހައްގުކަމަށްވާ ތައުލީމް ލިބިދިނުމުގެ ހައްގަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

ދުނިޔޭގެ އެތައް ބިލިއަން ކިޔަވާ ކުދިންނަށް ގާތުން ލިބިދޭ ފުރިހަމަ ތައުލީމް ހޯދުމުގައި މި ދުވަސްވަރު ވަނީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. ކުދިންނާއި، އެކުދިންގެ އާއިލާތަކާއި އަދި ޖުމްލަކޮށް މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެެރިކަމަށްޓަކައި އިދާރާތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކުރިން ކިޔަވައިދެމުންދިޔަ ވައްޓަފާޅިއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ބައެއް ގައުމުތަކުގައި ހާލަތަށް ރިއާޔަތްކުރާއިރު ރަނގަޅަށެވެ. އަނެއްބައި ގައުމުތަކުގައި ގޯސްކޮށެވެ. 

ނަމަވެސް، ކިޔަވައިދިނުމުގެ މި އާ ވައްޓަފާޅީގެ ތެރެއިންވެސް ދަރިވަރުންނަށް ހާލަތާއި އެންމެ ގުޅޭ މިންގަނޑަކަށް ތައުލީމް ފޯރުކޮށްދިނުމުގައި ފަސްޖެހުމެއްނެތި ހަރަކާތްތެރިވާ ބަޔަކު އެބަތިއްބެވެ. އާދެ، ހިތްވަރުގަދަ އަދި ލޭފަވެތި މުދައްރިސުންނެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތަކަށް ބަލާލައިފި ނަމަވެސް މިކަން ފެނިގެންދާނެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަން މުޅި ރާއްޖެއަށް ފެތުރުމުގެ ބިރުވެރިކަން އޮތުމާ އެކު އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ވާޗުއަލްކޮށް ދަރިވަރުންނަށް ކިޔަވައިދޭށެވެ. މިއާއި އެކު މުދައްރިސުންގެ ފަރާތުން އާ ހިތްވަރަކާ އެކު މަސައްކަތްކުރަން ފެށިތަނެވެ. ޓެކްނޮލޮޖީގެ ވަސީލަތްތައް ރަނގަޅަށް ބޭނުންކުރަން ނޭނގޭނަމަ ސްކޫލާއި އަމިއްލަ ވަސީލަތްތަކުގެ އެހީގައި ދަސްކުރިއެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ލެޕްޓޮޕް ނުވަތަ ޓެބްލެޓެއްގެ ކުރިމަތީގައި އިނދެ ދަރިވަރުން ގޭގައި ތިބި ނަމަވެސް، ކިޔެވުމުގެ ހައްގުން މަހުރޫމްވިޔަ ނުދޭން ގިނަ މަަސައްކަތްތަކެއް ކުރިއެވެ. އިންޓަރނެޓްގެ ޚިދުމަތުގެ ފެންވަރު ދަށްވުމުން އަމިއްލަ ޖީބުން ޚަރަދުކޮށްގެން ޕެކޭޖް އަޕްޑޭޓްކޮށް ޑޭޓާ ބޫސްޓަރތައްވެސް ނެގިއެވެ. ދަރިވަރުންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އެއިން ކުއްޖަކަށް ތައުލީމް ފޯރުކޮށް ނުދެވިދާނެތީއެވެ. މިކަންކަން ކުރުމުގެ އިތުރުން، ދަރިވަރުންގެ ފިލާވަޅުތައް މާކްކޮށް ފިލާވަޅުތައް ހުށަނާޅާ ދަރިވަރުން އެފަދައިން އަމަލުކުރަނީ ކީއްވެގެންތޯވެސް ބަލަން ޖެހެއެވެ.

ބަލީގެ ހާލަތު ރަނގަޅުވެ ބައެއް ގްރޭޑްތަކުގެ ކިޔެވުން މިހާރު ވަނީ އަލުން ފެށިފައެވެ. މި ހާލަތުގައިވެސް ޓީޗަރުން ވަމުންދާ ގުރުބާނީ ވަކި ކުޑައެއް ނޫނެވެ. އަދިވެސް ކޮމިއުނިޓީ ސްޕްރެޑެއް އޮތްއިރު، ކްލާސްތަކަށް ކިޔަވައިދޭން އެ ނުކުންނަނީ ކުރުކޮށް ދަންނަވާނަމަ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. ތިމާއަށް ބަލި ނުޖެހި، ތިމާގެ ފަރާތުން ދަރިވަރުންނަށް ބަލި ނުޖެހޭނެކަމުގެ އުންމީދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. ތިމާއާއި ތިމާގެ އާއިލާގެ ސިއްހަތަށް އަޅާލާ ހާލު، ދަރިވަރުންނަށް ތައުލީމް ފޯރުކޮށްދިނުމުގެ މަތިވެރި މާތް މަގުސަދުގައެވެ.

ޓީވީ މެދުވެރިކޮށް މުޅި ރާއްޖެއަށް ގެނެސްދޭ ޓެލެކްލާސް އެޕިސޯޑްތައް ތައްޔާރުކޮށްދޭ މުދައްރިސުންގެ ބުރަ މަސައްކަތްވެސް ވަކި ކުޑައެއް ނޫނެވެ. އެންމެ އެޕިސޯޑެއް ތައްޔާރުކުރަންވެސް އެތަކެއް ގަޑިއިރު ވަންދެން ޝޫޓްކޮށް އެޑިޓްކުރަން ޖެހެއެވެ. ގިނަ ދިރާސާތަކެއް ކުރަންޖެހެއެވެ. މި ކަންތައްތައް ކުރަންޖެހެނީ ކިޔަވައިދޭންޖެހޭ އެހެން ކުދިންގެ ލެސަން ޕްލޭންފަދަ ތަކެތިވެސް ތައްޔާރުކުރަމުންނެވެ.

މީގެ އިތުރުންވެސް  ކޮލެޖް ޔުނިވަރސިޓީތަކުގެ ލެކްޗަރާއިން މާކްކުރަންޖެހޭ އެތަކެއް އެސައިމެންޓްތަކާ ނަގައިދޭންޖެހޭ ފިލާވަޅުތަކަށް ވޭތުވާ ވަގުތުތަކާއި މަސައްކަތްވެސް އުފަލާއި އެކު، ޝުކުރުވެރިވާ ހާލުގައި ފާހަގަކޮށްލަން ޖެހެއެވެ. 

ކޮވިޑް-19ގެ އާލަމީ ވަބާގެ އަސަރު ދުނިޔޭން އަދިވެސް ފިލައިގެނެއް ނުދެއެވެ. އެ ބަލިން ބަދަލުކުރުވި ގިނަ ކަންކަން އަދިވެސް މުޅީން ހަމައަކަށް ނޭޅެއެވެ. އެޅޭނެ ދުވަހެއްވެސް އަންދާޒާކުރަން ދައްޗެވެ. އެހެނަސް މުދައްރިސުން ތިބީ ފަހަތަށް ޖެހޭގޮތަކަށް ނޫނެވެ. އެފަރާތްތަކުން އަތުކުރި އޮޅާލައިގެން ތިބީ ފަސްޖެހުމެއް ނެތި އުނގަންނައި ދިނުމުގައެވެ. އެ ފަހުލަވާނުނަށް މުޅި ގައުމު ޝުކުރު އަދާކުރަމުން ސެލިއުޓްކުރެއެވެ! ތިޔަކުރާ ގަދަ ހިތްވަރާއި ހިންމަތަށް އައްސަރިބަހާއި ސާބަހެވެ!

Advertisement

ކޮމެންޓް

Advertisement