Advertisement

ޑެޒާޓް ބޮކްސް ބައި ފާތި: ހުނަރުވެރި ޒުވާނެއްގެ ބަދިގެއިން ފޮނި ހަދިޔާތަކެއް!

06 Oct 2020 | 15:13

މި ދުވަސްވަރު މީސް މީޑިޔާގެ ކޮންމެ ވަސީލަތެއް ހުޅުވާލިޔަސް ގިނަބަޔަކު ހަމަ ކުޅުދިޔާވެއެވެ. އެތަކެއް މީރު ކާއެއްޗެހި އެތަކެއް ބަޔަކު ހަދައިގެން ވިއްކަނީއެވެ. އެ ކާތަކެތިން ބަނޑުފުރާލައި، ހިތްއުފާ ކޮށްލައިގެން އުޅޭ މީހުންވެސް ވަކި މަދެއް ނޫނެވެ. އޭގެތެރެއިންވެސް ޑެޒާޓްސް ނުވަތަ ފޮނިކާތަކެއްޗަކީ ގިނަބަޔަކަށް ކަމުދާ އެއްޗެކެވެ. އެގޮތުން "ވޮއިސް"އިން މިފަހަރު މި ގެނެސްދެނީ އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑެޒާޓްތަކަށް ޚާައްސަ ހޯމް ކުކެއްގެ ވާހަކައެވެ. "ޑެޒާޓް ބޮކްސް ބައި ފާތި"ގެ ފާތިމަތު ޒައީމަށް ކެއްކުމުގެ ދުނިޔެއަށް ވަދެވި، މަގުބޫލު ކެއްކުންތެރިއަކަށް ވީގޮތުގެ ވާހަކައެވެ.

އުމުރުން އެންމެ 20 އަހަރުގެ ފާތިމަތު ޒައީމް ނުވަތަ އާންމު ނަމުންނަމަ ފާތި ކިޔައިދިން ގޮތުގައި އެންމެ ކުޑައިރުއްސުރެ ކެއްކުމުގެ ދުނިޔެއަށް އޭނާގެ ހިތުގައި ވަނީ ވަރަށް ޚާއްސަ ޖާގައެއް ދެވިފައެވެ. އެގޮތުން ކުޑައިރުއްސުރެ ތަފާތު ރަހަތައް ތަޖުރިބާކޮށްގެން ފޮނިކާތަކެތި ތައްޔާރުކޮށް ބޭކްކުރުމަކީ އޭނާއަށް ވަރަށް ޝައުގުވެރިވި ކަމެކެވެ. އަބަދުވެސް ހިތްފުރެނީ އަމިއްލައަށް އާ ރެސިޕީތައް އީޖާދުކޮށް އަދި ތަޖުރިބާކޮށްގެން ކާތަކެތި ތައްޔާރުކޮށްގެން ކެވުމުންނެވެ.

ބޮޑުވަމުންދިޔަ ވަރަކަށް ފާތިގެ ކިބައިގައި މި ހުނަރުވެރިކަން ދިޔައީ އިތުރަށް އާަލާވެ ތަރައްގީވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ކޮލެޖް ބްރޭކްގައި އޭނާ ދިޔައީ ތަފާތު ރަހަތައް އެކްސްޕެރިމެންޓްކޮށް ބޭކްކޮށް ހަދަމުންނެވެ. އެ އުފެއްދުންތަކުގެ ރަހަތައް އާއިލާއާއި ގާތް ރަހުމަތްތެރިންނަށް ކުރިއެކޭ އެއްފަދައިން ދައްކަމުންދިޔަ އިރު، އެކަން ވިޔަފާރިއެއްގެ ގޮތުގައި ކުރުމުގެ ޚިޔާލު ދިޔައީ ހުށައަޅަމުންނެވެ. އެހެންކަމުން އެންމެ ފުރަތަމަ ފާތި ފެށީ އޭނާގެ ޑެޒާޓް އުފެއްދުންތައް ރަހުމަތްތެރިންނަށް ވިއްކާށެވެ. އެއަށްފަހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ފާތި ވަނީ މީސް މީޑިއާގައި "ޑެޒާޓް ބޮކްސް ބައި ފާތި" ނަމުގައި ޕޭޖެއް ހަދައި ފޮނިކާތަކެތި ވިއްކަން ފަށާފައެވެ.

ޑެޒާޓް ބޮކްސް ބައި ފާތިއިން ލިބޭ އުފެއްދުންތަކަށް ބަލާލާއިރު ތަފާތު ވައްތަރުތަކުގެ ބްރައުނީސް، ޓާރޓްސް، ޕަވްލޯވާ، ޗީޒްކޭކް، ޓްރެސް ލަޗޭސް، ކޭކް އަދި ކުކީސް ހިމެނެއެވެ. ފާތި ބުނިގޮތުގައި އޭނާގެ ޚާއްސަ ކަމަކީ ޕޭޖްގެ ނަމުގައިވާ ފަދައިން ޑެޒާޓް ބޮކްސްތަކެވެ. އެގޮތުން ޕޭޖުން ވިއްކާ އެކިއެކި އުފެއްދުންތައް ހިމެނޭގޮތަށް ތައްޔާރުކުރާ ޚާއްސަ ޑެޒާޓް ބޮކްސްތަކަކީ ކަސްޓަމަރުންގެ މެދުގައި މަގުބޫލު އުފެއްދުންތަކެއްކަމަށް އޭނާ އުފަލާއި އެކު ފާހަގަކުރިއެވެ.

ފާތި ބުނިގޮތުގައި އެހެނިހެން ކެއްކުންތެރިން ފަދައިން އޭނާއަށްވެސް ދިމާވާ އެންމެ ބޮޑު އެއް އުނދަގުލަކީ ބޭނުންވާ ކޮލެޓީގެ ތަކެތި ބައެއް ފަހަރު މާލެއިން ފަސޭހައިން ލިބޭގޮތް ނުވުމެވެ. އެގޮތުން އެފަދަ ތަކެތި ބާޒާރުން ހުސްވާ ދުވަސްތަކުގައި ދަތިތަކާ ކުރިމަތިލާންޖެހޭކަމަށް އޭނާ ބުންޏެވެ.

ކޮންމެ ކެއްކުންތެރިއަކުވެސް އެންމެ ބޮޑަށް ބަލައިގަންނާނެ ބަޔަކީ އެ ކެއްކުން ތަޖުރިބާކުރާ ކަސްޓަމަރުންނެވެ. އެގޮތުން ފާތި އޭނާގެ ކަސްޓަމަރުން ސިފަކުރީ "ބޭކަރ އަކަށް ލިބޭނެ އެންމެ ހެޔޮ ކަސްޓަމަރުން"ގެ ގޮތުގައެވެ. އެގޮތުން ކޮންމެ ކަސްޓަމަރަކާއި އެކުގައިވެސް އޮންނަނީ ރަހުމަތްތެރިއަކާ އޮންނަ ފަދަ ގުޅުމެއް ކަމަށާއި، އެހެންކަމުން ކޮންމެ ކަސްޓަމަރަކަށްވެސް ބޭކްކޮށްދެނީ ވަރަށް ލޯތްބާއި އެކުގައިކަމަށް ފާތި ފާހަގަކުރިއެވެ.

އިންޓަރވިއު ނިންމާލަމުން ފާތި ބުނީ އޭނާ މިހާ ހިސާބަށް އާދެވުމުގައި އެންމެ ބޮޑު ޝުކުރެއް އަދާކުރާނީ އާއިލާ އަދި ރަހުމަތްތެރިންނަށް ކަމަށެވެ. މިގޮތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފާތިއަށް ސަޕޯޓްދީ އެހީތެރިކަން ފޯރުކޮށްދިން އޭނާގެ “ނަންބަރ ވަން ފޭން” އަވްސަމްއަށްވެސް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން ބޭނުންވާކަމަށް އޭނާ ބުންޏެވެ. އަދި ރަހުމަތްތެރިންނެކޭ އެއްފަދަ ގުޅުމެއް އުފެދިފައިވާ ކަސްޓަމަރުންނާއި އޭނާއާއި އެއްފަދައިން ޕޭޖްތައް ހިންގާ އެހެނިހެން ހޯމް ކުކްސްއަށްވެސް ޝުކުރު އަދާކުރަން ބޭނުންވާކަމަށް ފާތި ބުންޏެވެ.

ވޮއިސްގެ ޓީމްގެ ފަރާތުން ފާތިއަށް އުފާވެރި ފާގަތި ދުވަސްތަކަކަށް އަދި ދާއިރާއިން ކުރިއެރުން އެދެމެވެ!

Advertisement

ކޮމެންޓް

Advertisement