ގުބާރު 23

07 Oct 2020 | 11:58

އެގޮތުގައި ސާރާއަށް އިރުކޮޅެއް ވަންދެން އިދެވުނެވެ. "ކީ..ކީކޭ ތިބުނީ؟". ސާރާ ސޯފާއިން ތެދުވިއެވެ. "އަހަރެން މި އެހީ އަހަރެންނާއި އިންނަން." އިގްބާލް އަނެއްކާވެސް އެ ސުވާލު ކުރިއެވެ. "އެނގޭ!. އަހަރެންނަށް ތިކުރި ސުވާލު އަޑުއިވިއްޖެ. އެކަމަކު އަހަރެން ކިހިނެއް ކޮން ގޮތަކުން ތި ސުވާލަށް ޖަވާބުދޭނީ؟". ސާރާ ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. "އަހަރެން ނުބުނަން މިހާރު އަހަރެންނަށް ޖަވާބުދޭކަށް. އަހަރެންވެސް މިބުނީ އަދި ވިސްނާލާށޭ. އިނގޭ ސާރާ މިހާރު ތިހުރި ހާލަތުން އެއްވެސް ކަމަކާއި މެދު ވިސްނަން އުނދަގޫވެސް ވާނެކަން. އެކަމަކު އަހަރެން ހިތު ތެރޭގައި އޮތް އެއްޗެއް އަހަރެންވެސް ބުނީ. އެއީ ގޯހަކަށްވާނަމަ އަހަރެން މަޢާފަށް އެދެން." އިގްބާލު އިސްދަށަށް ޖަހާލިއެވެ.

ސާރާއަށް ރޮވޭ ގޮތްވިއެވެ. އެހިނދު އިގްބާލަށް، ސާރާ ރޯކަން އެނގުނެވެ. "ކިހިނެއްވީ؟. ކީއްވެ ތި ރޮނީ؟. އަހަރެންނަށް ގޯސް އެއްޗެއް ބުނެވުނީތަ؟." އިގްބާލް، ސާރާގެ އަތުގައި ހިފައިގެން ގެނެސް ސޯފާގައި އޭނާ ބޭންދިއެވެ. އަދި ވަރަށް އޯގާތެރިކަމާއެކު، އޭނާގެ އަތުން ސާރާގެ ބޮލުގައި ފިރުމާލިއެވެ. "އިގްބާލު އައުމުގެ ކުޑަ އިރުކޮޅެއް ކުރިން ޝިފާން ގުޅި." ސާރާއަށް ބުނެވުނީ މިހާ ހިސާބަށެވެ. އޭނާގެ އަޑު ބެދުނެވެ. ހީވީ ކަރުތެރޭގައި އެއްޗެއް ތާށިވީހެންނެވެ. އޭނާއަށް އަނެއްކާވެސް ރޮވެން ފެށުނެވެ. އިގްބާލް، ސާރާ ހިތްފުރެންދެން ރުއިމުގެ ފުރުސަތު އޭނާއަށް ދިނެވެ. ސާރާ ހިތްހަމަޖެހެންދެން ރޯލުމަށްފަހު ވެގެން އުޅޭ ގޮތް އިގްބާލަށް ކިޔައިދިނެވެ.

ކަންވީގޮތް އެގުމާއެކު، އިގްބާލްވެސް މިލާ މޯޅިވިއެވެ. ސާރާއަށް މިވަގުތު ބަރުދާސްތުކުރަން ޖެހިފައިވާ ހިތާމަތަކާއި މެދު ވިސްނާނުލެވި، ސާރާގެ ގާތުން ކައިވެންޏަށް އެދެވުމުން އިގްބާލު ލަދުގަތެވެ. ސާރާގެ އިހުސާސްތަކާއި މެދު މާބޮޑު ފަރުވާލެއް ނެތި، އިގްބާލުގެ ދިރިއުޅުން އާރާސްތުކުރުމުގެ ވިސްނުން ކުރިއަށް ގެނެވުނީތީ އޭނާ އެކަމާއި ހިތާމަކުރިއެވެ. އިގްބާލު ނިންމީ، އެ ސުވާލު އިތުރަށް ސާރާއި ނުކުރުމަށެވެ. އަދި، މިވަގުތު ސާރާގެ ދިރިއުޅުމުގައި ހުއްޓުމެއް ނެތި ނަގަމުން އަންނަ ބިޔަ ރާޅުތަކުގައި ސާރާއާއެކު ފަތާފައި ސަލާމަތުގެ އައްސޭރިއަށް ދަތުރުކުރުމަށް އިގްބާލް އަޒުމް ކަނޑައެޅިއެވެ. އިގްބާލު ސާރާއަށް އެތައް ގޮތަކުން ހިތްވަރުދިނެވެ. އަދިވެސް އުއްމީދު ކަނޑާނުލައި، މަލާޒު ދުނިޔޭގައި ލަހައްޓަވާތޯ ދުއާ ކުރުމަށް އިގްބާލު ސާރާގާތުގައި ބުންޏެވެ.

ހަގީގަތުގައި މިއަދު ސާރާއަށް ބޭނުންވަނީ މީހެއްގެ އޯގާތެރިކަމާއި އަޅާލުމެވެ. ސާރާގެ ދިރިއުޅުމުން އޭނާ އަމިއްލައަށް ފެނިގެން އިގްބާލަށް ޖާގައެއްދެންދެން، އިގްބާލު ބޭނުންވަނީ ސާރާގެ ގާތުގައި އޭނާގެ މަދަދުދާރެއްގެ ގޮތުގައި ހުންނާށެވެ. ދުނިޔެއަކީ ބިރުވެރިތަނެކެވެ. ނަމަވެސް ދުނިޔޭގައި ދިރިއުޅޭއިރު، ހޭދަވާ ކޮންމެ ދުވަހެއްގައި، ތިމާގެ ކައިރީ ތިމާއަށް އަޅާލާ، އަދި ލޯބި ދޭނެ މީހެއް ހުރިނަމަ ދިރިއުޅެން ތަންކޮޅެއް ފަސޭހަވާނެއެވެ.

ސާރާ އެދުނީ އެރޭ އިގްބާލު، އޭނާގެ ގާތުގައި މަޑުކޮށްދިނުމަށެވެ. އިގްބާލަށް އެރޭ ސާރާ މުހިއްމުވިއެވެ. ގެއަށް ދިއުމާއެކު، އަންހެނުން ބުނެފާނެ އެއްޗަކާއި މެދު ވިސްނާލުމެއް ނެތި، އޭނާ އިސްކުރީ އޭނާގެ އުފަލެވެ. ލައްކަ ދުވަހު އަނބިމީހާގެ ވަކިތަކުގެ ތެރޭގައި ވޭންދެނިވި ހިތްދަތި ދިރިއުޅުމެއް އިގްބާލަށް ހޭދަކުރެވިއްޖެއެވެ. އިންސާނަކަށްވެސް ކެތްވާނީ ވަކި ވަރަކަށެވެ. ސާރާ އަނެއްކާވެސް، އިގްބާލުގެ ޒަހަމްވެފައިވާ ހަށިގަނޑުގައި އައިސްޕެކް އަޅައިދިނެވެ. އަދި އެތަނުގައި ތަދުކަނޑުވާނެ ބޭހެއް އުނގުޅައި ދިނެވެ. އެރޭ ދެމީހުންވެސް އިހުތިޔާރު ކުރީ ދުރުގައި ތިބުމަށެވެ. ވުމާއެކު، ދެމީހުން ނިދީ ދެ ކޮޓަރީގައެވެ. ސާރާވެސް އިގްބާލުވެސް އެކަކު އަނެކަކަށް އިހުތިރާމް ކުރިއެވެ.

ސާރާ އެދުވަހު ތަންކޮޅެއް ހެނދުނާއި ހޭލިއެވެ. އިގްބާލު ހޭލަންވާއިރަށް ސައި ތައްޔާރުކުރުމަށެވެ. ސާރާ ބަދިގެ ތެރޭގައި އުޅެނިކޮށް، އިގްބާލު ހޭލައިގެން ސިޓިންރޫމަށް ނިކުތެވެ. އިގްބާލު ރޭގައި ހިނގި ކަންކަން ހަނދާންނައްތާލައި، ސާމާސާ ގޮތަކަށް ސާރާއާއި ވާހަކަދެއްކިއެވެ. ސައިބޮއެގެން އިގްބާލު ދިޔައީ އޭނާގެ އޮފީހަށެވެ. އެދުވަހަކީ ކޮލެޖު ނޯންނަ ދުވަހަކަށް ވުމާއެކު، ކޮލެޖުން ސާރާއާއި ބައްދަލުނުވާނެކަން އެނގޭތީ އެރޭ ސާރާގާތަށް އަންނާނެކަމަށް އިގްބާލު ބުންޏެވެ. "އިގްބާލް!." އިގްބާލު ނިކުންނަން ދަނިކޮށް ސާރާ އޭނާއަށް ގޮވާލިއެވެ. އެހިނދު އޭނާ ވަރަށް ލޯބިން ސާރާއާއި ދިމާލަށް ބަލާލާފައި ހީލިއެވެ. "އަދިވެސް ތަދުވޭތަ؟." ސާރާ ސުވާލުކުރިއެވެ. އެހިނދު އިގްބާލު އެގޮތުގައި އިރުކޮޅެއްވަންދެން ސާރާއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. "އަހަރެންގެ ކޮންމެ ޒަހަމެއްގައި ތި އަޅައިދޭ މަލަމުގެ ސަބަބުން އެ ޒަހަމްތަކަށް އެތަކެއް ލުއެއް ލިބޭ. އަހަރެން ސާރާއަށް އިންތިޒާރުކުރާނަން." އިގްބާލުގެ ދުލުން ބޭރުވީ މާނަ ފުން ޖުމްލައެކެވެ.

އެހިނދު ބޭއިހްތިޔާރުގައި ސާރާ ހީލިއެވެ. އޭނާގެ ދިރިއުޅުމުގައި ނަގާފައިވާ ގުބާރުތަކުން، ވެހިދާނެ ވާރޭގައި އޭނާއާއިއެކު ތެމިފޯވެގެން ހުންނަންޖެހުނަސް އިގްބާލު ހުންނާނެ ކަމާއިމެދު އޭނާ ކުޑަކޮށްވެސް ޝައްކެއް ނުކުރެއެވެ. ސާރާއަށް ކުޑަވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. އިގްބާލު ނިކުމެގެން ދިއުމާއެކު، ސައިބުއި ތަށިތައް ނަގައި އޭނާ ގޭތެރެ ހަމައަކަށް އަޅުވާލިއެވެ. އެހިނދު ސާރާގެ ފޯނު ރިންގުވިއެވެ. ގުޅީ ފަރީދާއެވެ. ފަރީދާ ގުޅާފައި ޝަކުވާކުރީ، ސާރާގެ ހަބަރެއް ނުވާތީއެވެ. ވާނީވެސް އެހެންތާއެވެ. މިފަހުން ހިނގާދިޔަ ކަންތައްތަކުގެ ހަގީގަތް ހޯދުމުގައި މަސްއޫލުވެ އުޅެން ޖެހުމާއެކު ސާރާ ހުރީ ފަރީދާގެ ހާލު ބަލާލަންވެސް ހަނދާންނެތިފައެވެ. ދެމީހުންވެސް ވާހަކަ ދެއްކީ ހަމަ އާދައިގެ ގޮތަކަށެވެ. އެދުވަހުވެސް ފަރީދާ ފޯނު ބޭއްވުމުގެ ކުރިން މަލާޒުގެ ހަބަރެއްވިތޯ ސުވާލުކުރިއެވެ. އެވަގުތު ސާރާ ހުއްޓުން އެރިއެވެ. އޭނާ ކުއްލިއަކަށް ޝިފާން ދެއްކި ވާހަކަ ހަނދާންވިއެވެ. ނަމަވެސް އެ ހަބަރަކީ އަދި ތެދު ހަބަރަކަށް ނުވާތީ އާއެކު، އޭނާ ކެތްތެރިކަމާއެކު ފަރީދާއާއި ވާހަކަ ދެއްކިއެވެ. މިއަދުވެސް ފަރީދާއަށް ފޯނު ބާއްވަން ޖެހުނީ މަލާޒުގެ އެއްވެސް ހަބަރެއް ނުލިބިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައެވެ. ޝިފާނަށް އޭގެ ފަހުން މަލާޒުގެ އެއްވެސް ހަބަރެއް ނުލިބެއެވެ. އިގްބާލް އޭނާގެ އަންހެނުން ވަރިކުރުމަށް ދިޔައީ ތައްޔާރުވަމުންނެވެ. ނިޝާގެ ކޭސްވެސް މަޑުމަޑުން ދިޔައީ ހިނގަމުންނެވެ. އެކަމުގައި ފުލުހުންގެ ފަރާތުން ތަހުގީގުކުރުމަށްފަހުގައި، ނިޝާ މަރާލެވިފައިވާކަމަށް ދައުވާ އުފުލާފައިވާ މީހުންގެ އަޑުއެހުންތައް ކޯޓުގައި ކުރިއަށް ދިޔައެވެ. އޭރުވެސް ނާޝިދުގެ ހަބަރެއް ނުވެއެވެ. ނިޝާގެ މަރުގެ މައްސަލައިގައި މިފަހަރު ފުލުހުންނަށް ނާޝިދާއި ދެކޮޅަށް އެތައް ހެކިތަކެއް ލިބުނެވެ. އެކަމުގައި ނާޝިދުގެ އަތެއް ވާކަން އެމީހުންނަށް ޔަގީންކުރެވުނެވެ. ނަމަވެސް އޭރު ނާޝިދު ނުފެނިގެން ފުލުހުން ދިޔައީ އޭނާ ހޯދަމުންނެވެ. އޭނާ ރާއްޖޭގައި ހުރި ކަމެއްވެސް ޔަގީނެއް ނޫނެވެ.

އެދުވަހަކީ އިގްބާލު އޭނާގެ އަންހެނުން ވަރިކުރުމަށްޓަކައި ކޯޓަށް ހުށައަޅާފައިވާ މައްސަލައާއި މެދު ވަކި ގޮތެއް ނިންމަން އޮތް ދުވަހެވެ. އިގްބާލު އެކަމުގައި ކޯޓުގެ ދޮރު ހުރަސްކުރާތާ ދެ މަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ދަރިން ލިބޭ ހިސާބުން ދެމަފިރިން ވަކިވާން ޖެހުމަކީ ފަސޭހަ ކަމެއް ނޫންތާއެވެ. ނަމަވެސް އަނިޔާވެރިކަމަކީ ވެސް އިންސާނަކަށް ވަކި ވަރަކަށް ކެތްކުރެވޭނެ ކަމެކެވެ. ކޯޓުން އެންމެ ފަހުން ނިންމީ އިގްބާލުގެ ދަރިފުޅު އޭނާގެ މަންމަ ގާތުގައި ބެހެއްޓުމަށެވެ. އަދި ދަރިފުޅުގެ ބައްޕަ، ދަރިފުޅު ކައިރިއަށްދާން ބޭނުންވާ ވަގުތުތަކުގައި އެ ފުރުސަތު ދަރިފުޅުގެ ބައްޕައަށް ދިނުމަށާއި، ދަރިފުޅަށް ކޮށްދެންޖެހޭ ހަރަދުތައް ކޯޓު މެދުވެރިކޮށް ދޭގޮތަށެވެ. އެދުވަހު ސާރާވެސް އިގްބާލާއެކު ކޯޓަށް ދިޔައެވެ. ނަމަވެސް ސާރާ ކޯޓަށް ނުވަދެ ކޯޓާއި ތަންކޮޅެއް ދުރުގައި އިގްބާލުގެ އިންތިޒާރު މަޑުކުރިއެވެ. "އިގްބާލް!." އޭނާ ކޯޓުން ނިކުންނަނިކޮށް އޭނާގެ އަންހެނުން ޝާލިޔާ ގޮވާލިއެވެ.

"އަހަރެންނަށް އެނގޭ އިގްބާލަށް އަހަރެންނަށް މަޢާފުކުރަން އުނދަގޫވާނެކަންވެސް. ތިއީ ވަރަށް ކެތްތެރި މީހެއް. އަހަރެން އަބަދުވެސް ހީކުރީ، އަހަރެން ކޮންމެ ގޮތެއް ހެދި ނަމަވެސް އިގްބާލު ހުންނާނެ ކަމަށް. ނަމަވެސް އަހަރެންނަށް ނުވިސްނުނީ ތިއީވެސް އަހަރެން ކަހަލަ އިންސާނެއްކަން. އަހަ...އަހަރެންނަށް މަޢާފުކުރޭ އިގްބާލް." ޝާލިޔާގެ ޖުމްލަތަކުން އިގްބާލު ފެންކަޅިވިއެވެ. ނަމަވެސް އެވަގުތު އޭނާ ހުރީ އެއްވެސް ވާހަކައެއް ދެއްކޭ ކަހަލަ ހާލަތެއްގައެއް ނޫނެވެ. އިގްބާލު ހުރީ އެއަށްވުރެ ބަލިކަށިވެފައެވެ. އެތައް އަހަރުތަކެއް ވަންދެން، ގަދަ ކަނޑެއްގައި ދުއްވާފައި ގޮސް ހިކިފަސްތަނަކަށް އެރުމާއެކު އޭނާ މިއަދު ބޭނުންވަނީ އެތަނުގައި އޮށޯވެލައިގެން އޮންނާށެވެ. އިގްބާލު އެއްވެސް އެއްޗެކޭ ނުބުނެ އެތަނުން ހިނގައިގަތެވެ.

އިގްބާލު މަޑުހިނގުމެއްގައި ހިނގާފައި ގޮސް ސާރާއާއި އަރާ ހަމަވިއެވެ. "އަހަރެންގެ އަނދިރި ހަޔާތައް ކުޑަ ނަމަވެސް އަލިކަމެއް ގެނަސްދިނީތީ ޝުކުރިއްޔާ. މިއަދު ސާރާ އަހަރެންގެ ގާތުގައި ނެތްނަމަ އޭނާ ދޫކޮށްލަން އަހަރެންނަށް ހިތްވަރެއް ނުލިބުނީސް. ސާރާގެ ހިތް އަހަރެންނަށް ދުވަހަކު ނުލިބުނަސް އަހަރެންގެ ޝަކުވާއެއް ނެތް. ނަމަވެސް އަހަރެން އެ އަނިޔާވެރި ދިރިއުޅުމުން ސަލާމަތްވާން ހިތްވަރު ހޯދީ ސާރާގެ ދިރިއުޅުން މިސާލެއްގެ ގޮތުގައި ބަލައިގަނެގެން. ތިއީ ހިތްވަރުގަދަ އަންހެނެއް." އިގްބާލު ސާރާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. ހަމައެވަގުތު ސާރާގެ ފޯނަށް މެސެޖެއް އައެވެ. އޭނާގެ އަތް މަޑުމަޑުން އިގްބާލުގެ އަތާއި ދުރުކޮށްލުމަށްފަހުގައި ދަބަހުން ފޯނު ނެގިއެވެ. އެ މެސެޖު ފެނިފައި ސާރާގެ ބޮލަށް އެނބުރުން އަރައިގަތެވެ. ސާރާ ހަބަރު ހުސްވެގެން އިގްބާލުގެ އަތްދަނޑިމައްޗަށް ވެއްޓުނެވެ. "ސާރާ!." އިގްބާލް ހަޅޭއްލަވައިގަތެވެ. 

Advertisement

ކޮމެންޓް

Advertisement