އިންޑިއާ ސަރުކާރާއެކު ވެފައިވާ ހުރިހާ އެއްބަސްވުމެއް ހާމަކުރަން ގޮވާލާ ހުށައެޅި މައްސަލަ ބޭރުކޮށްލައިފި

07 Oct 2020 | 12:49

ދިވެހިރާއްޖެއިން އިންޑިއާ ސަރުކާރާއެކު ވެފައިވާ ހުރިހާ އެއްބަސްވުމެއް ހާމަކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށައަޅުއްވާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

މި މައްސަލަ ހުށައަޅުއްވަމުން މެންބަރު ޝިޔާމް ވިދާޅުވީ ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު ވެފައިވާ އެކިއެކި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫއަރާފަދަ ކަންތައްތަކެއް ކުރިމަތިވެދާނެކަމަށް ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތްކަމަށެވެ. އަދި ބޭރުގެ ގައުމެއްގެ ސިފައިން ދިވެހިރާއްޖޭގައި ތިބުމަކީ ދިވެހި ލޮބުވެތި އެއްވެސް ރައްޔިތަކު ބޭނުންވާ ކަމެއް ނޫންކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ނަމަވެސް މި މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދީ ވަނީ ބޭރުކޮށްލާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެގްރީމެންޓެއްގެ ސަބަބުން ދިވެހި ރައްޔިތުން ބުރައެއް އުފުލަން ޖެހޭނެފަދަ އެގްރީމެންޓެއް ވާނަމަ މަޖިލީހަށް އެކަމުގެ ފުރިހަމަ މައުލޫމާތު ލިބިގެންދާނެކަމަށެވެ. އަދި ޝިޔާމް އެދިވަޑައިގެންނެވި މައުލޫމާތު  ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ މެދުވެރިކޮށްގެން ހޯއްދެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ދެމުންދާ ލޯނުތަކާ މެދު އިދިކޮޅުން ދަނީ މިފަހަކަށް އައިސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާނެފަދަ ކަމެއް ނުކުރާނެކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް