ފިޔަވަތީގައި ދިރިއުޅޭ 8 ކުއްޖަކާ އެތަނުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

08 Oct 2020 | 11:37

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފިޔަވަތީގައި ދިރިއުޅެމުންދާ 8 ކުއްޖަކާއި އެތަނުގެ މުވައްޒަފަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފިޔަވަތީގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފަކު، ރޯގާގެ އަލާމާތްތައް ހުރުމުން 30 ސެޕްޓެމްބަރގައި ފްލޫ ކްލިނިކަށް ދައްކާ ޓެސްޓްކުރުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިފަރާތަކީ އުމުރުން 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ތިބޭ ފަންގިފިލާގައި މަސައްކަތްކުރާ މުވައްޒަފެއްކަމަށްވުމުން އެ ފަންގިފިލާގައި ތިބި ކުދިން ވަނީ ކަރަންޓީންކޮށްފައެވެ.

އެ މިނިސްޓްރީން ބުނީ އެތަނުގައި ތިބި ކުދިން ކޮވިޑް-19 އަށް ޓެސްޓްކުރުމުން 8 ކުއްޖަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މި ކުދިންގެ ތެރޭގައި ރިސްކް ކެޓަގަރީގެ ކުއްޖަކު ހިމެނޭތީވެ، އެ ކުއްޖާ ވަނީ ކެއަރވޯކަރަކާ އެކު ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައިވާކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މިތަނުގައި ކުއްޖާގެ ހާލަތު މޮނީޓަރކުރެވި، އެދެވޭ ފަރުވާ ދެވެމުންދާ ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ފިޔަވަތިން ޕޮޒިޓިވްވި އެހެން ކުދިންވެސް ވަނީ ފެސިލިޓީއަކަށް ބަދަލުކުރެވިފައެވެ. އަދި އެކުދިންގެ ހާލުވެސް ރަނގަޅުކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެ ފަންގިފިލާގައި ތިބި އެހެން ކުދިންވެސް ތަނަކަށް ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ.

ފޮޓޯ: ވަގުތު

Advertisement

ކޮމެންޓް

Advertisement