Advertisement

އެމްޓީސީސީގެ މަހާ ޖައްރާފުގައި ދެން ތިބޭނީ ހުސް ދިވެހި ފަޅުވެރިން!

08 Oct 2020 | 13:28

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ބިން ހިއްކުމުގެ މަސައްކަތްތަކަށް ގެންގުޅެމުންދާ އެކުންފުނީގެ ޑްރެޖަރކަމަށްވާ "މަހާ ޖައްރާފް"ގައި ހުސް ދިވެހި ފަޅުވެރިން ތިބޭގޮތަށް ހަމަޖައްސައިފިއެވެ.

އެމްޓީސީސީ ޓަވަރގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ މަހާ ޖައްރާފުގެ ހުރިހާ މުވައްޒަފުންނަކީ ދިވެހިންނަށް ހެދުމަކީ ވަރަށް ކުރިން ފެށިގެން ދެކެމުންދިޔަ ހުވަފެނެއް ކަމަށާއި، މިއަދު އެކަން ހަގީގަތަކަށް ވެފައިވާ ކަމަށެވެ.

މީގެ ކުރިން މަހާ ޖައްރާފުގައި މަސައްކަތްކުރަމުންދިޔައީ 13 މުވައްޒަފުންނެވެ. ނަމަވެސް، އެމްޓީސީސީން ވަނީ އެ މުވައްޒަފުންގެ އަދަދު 17 އަށް އިތުރުކޮށްފައެވެ. އަދި އެ ހުރިހާ މުވައްޒަފުންނަކީވެސް ދިވެހިންކަމަށް ވަނީ ހަމަޖައްސާފައެވެ. މި މުވައްޒަފުންގެ ތެރޭގައި ބޯޓުގެ ކެޕްޓަން، 2 ޗީފްއޮފިސަރުން، ޗީފް އިންޖީނިއަރ، ސެކަންޑް އިންޖީނިއަރ، 4 ޕައިޕް އޮޕަރޭޓަރުން، އިލެކްޓްރޯ ޓެކްނިކަލް އޮފިސަރު، އަދި ކްރޫއިންނާއި ކައްކާ ހިމެނެއެވެ. 

އާޒިމް ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން އެކުންފުންޏަށް އަހަރަކު 6.5 މިލިޔަން ރުފިޔާ ސަލާމަތްވެ، އެ ފައިސާ އިގްތިސާދުގެ ތެރޭގައި ހިފެހެެއްޓޭނެއެވެ. އަދި މިއީ އެފަދަ މަސައްކަތެއް ކުރުމުގެ ގާބިލްކަން ހުރި ދިވެހިންވެސް ތިބިކަން ދައްކުވައިދޭނެ ކަމެކެވެ.

މަހާ ޖައްރާފު ގެނެސް ބޭނުންކުރަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. މި ޑްރެޖަރ މެދުވެރިކޮށް އެކުންފުނިން ވަނީ ބިންހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ހިންގާފައެވެ.

Advertisement

ކޮމެންޓް