އިބޫގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާނެ ކަމަށް އުންމީދުކުރަން: އެމްޑީއޭ

28 Sep 2018 | 09:43

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވެރިކަމަކީ ހެޔޮ ވެރިކަމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް އެމްޑީއޭ އިން ބުނެފި އެވެ.

އެމްޑީއޭއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިބޫގެ ވެރިކަމަކީ އެއްވެސް މީހަކާ ތަފާތުކުރުން ނުގެންގުޅޭ، އިންސާފާއި އަދުލުވެރިކަމާއި ހަމަހަމަކަން ގާއިމުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އެމްޑީއޭއިން ބުނީ، އެޕާޓީން އަބަދުވެސް އެދެނީ ދިވެހި ރައްޔިތުންނަށް ފާގަތި، ކާމިޔާބު މުސްތަގުބަލަކަށް ކަމަށެވެ. އަދި ރައްޔިތުންނާ ގުޅުން ހުރި ހުރިހާ ކަމެއްގައި ވެސް ރައްޔިތުންގެ ރޫހާ އެއްގޮތަށް އަޑު އުފުލުމުގައި އެޕާޓީއިން އަބަދުވެސް ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.

ވޯޓުގެ ނަތީޖާ ގަބޫލުކުރައްވައި، ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މަރުހަލާތައް ވީހާވެސް އަމާންކަމާއި އޮމާންކަމާއެކީގައި ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން ނިންމަވާފައިވާތީ އެކަމަށް ވެސް އެމްޑީއޭއިން ވަނީ މަރުހަބާ ކިޔައިފައެވެ.

ރައީސް އަބްދުﷲ ޔާމީނާ ގާތް ގުޅުމެއް އޮންނަ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް، ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވީ، އެމްޑީއޭ އަދިވެސް ދެމިއޮތީ ޕީޕީއެމާ އެކު ކޯލިޝަންގައި ކަމަށެވެ.

Advertisement

ކޮމެންޓް