Advertisement

މިވަގުތަށް ބޭނުންނުވާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ފަސްކުރެވިދާނެ: ވޯލްޑް ބޭންކް

09 Oct 2020 | 10:44

ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެފައިވާތީ، މިވަގުތަށް ބޭނުންނުވާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުން ފަސްކުރެވިދާނެކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

އެ ބޭންކުން މިފަދައިން ބުނެފައިވަނީ ދެކުނު އޭޝިޔާ ސަރަހައްދުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން "ބީޓެން އޯރ ބްރޯކެން؟ އިންފޯރމަލިޓީ އެންޑް ކޮވިޑް-19 އިން ސައުތު އޭޝިޔާ"ގެ ނަމުގައި މިމަހުގެ 8ވަނަ ދުވަހު ނެރުނު ރިޕޯޓެއްގައެވެ.

ވޯލްޑް ބޭންކުން ބުނީ އިގްތިސާދީ ކުރިއެރުން މަޑުޖެހި ލިބެމުންދިޔަ އާމްދަނީތައް ދަށްވެފައިވާ ހާލަތެއްގައި ޚަރަދުކުރަން ޖެހޭ މުހިންމު ކަންތައްތައް ކަނޑައެޅުމަކީ އުނދަގޫކަމެއް ކަމަށެވެ. އެގޮތުން ފިސްކަލް ޕްރޫޑެންސް އިތުރުކޮށްގެން ދަރަނި އަނބުރާ ދެއްކުމުގެ ގާބިލްކަމާ މެދުގައި އޮތް މައްސަލަތައް ހައްލުކުރެވޭނެކަމަށް ވަނީ ފާހަގަކޮށްފައެވެ.  މީގެ އިތުރުން އެގްރިގޭޓް ޑިމާންޑް ދަށްވުމުގެ ސަބަބުން، މިވަގުތަށް ބޭނުންނުވާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ފަސްކުރެވިދާނެކަމަށްވެސް ވަނީ ބުނެފައެވެ.

އެ ބޭންކްގެ ރިޕޯޓްގައި ވަނީ ސަރުކާރަށް ލިބޭ އާމްދަނީއާއި އަަޅާބަލާއިރު ކުރާ ޚަރަދުތަކުގެ ފަރަގު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ފާހަގަކޮށްފައެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައިމަހާ ހަމައަށް ދައުލަތަށް އެކި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ހަމައެކަނި 471 މިލިއަން ޑޮލަރު ނަމަވެސް އެއާއި އެއްވަރަށް ޚަރަދުތައް ހިފެހެއްޓިފައި ނުވާކަމަށް ބުނެފައިވެއެވެ.

އެގޮތުން ރިކަރެންޓް ޚަރަދުތައް ކޮންމެވެސް މިންވަރަކަށް މަދުކުރެވުނު ނަމަވެސް، މިދިޔަ އަހަރުގެ ފުރަތަމަ ބަޔާއި އަަޅާބަލާއިރު މިއަހަރު ޖުމްލަ 16.7 އިންސައްތަ ކެޕިޓަލް ޚަރަދުތައް އިތުރުވެފައިވާކަމަށް އެ ބޭންކްގެ ރިޕޯޓްގައިވެއެވެ. 

ވޯލްޑް ބޭންކުން ބުނިގޮތުގައި ކެޕިޓަލް ޚަރަދުތައް ބޮޑަށް އިތުރުވެފައިވަނީ ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކުގެ ސަބަބުންނެވެ.

Advertisement

ކޮމެންޓް