ދިވެހިންގެ ނިންމުން: ޢަލީ ރަމީޒް 4102 ވޯޓް، އަލްހާން 35 ވޯޓް!

09 Oct 2020 | 16:23

ފާއިތުވި ހަފްތާގައި މީސްމީޑިއާގައި ޢާންމުންގެ ސަމާލުކަން ހޯދި އެއްކަމަކީ މާލެ ސިޓީ މޭޔަރު ކަމާއި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓް އަލްހާން ފަހުމީ، ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒުއަށް އަމާޒްކޮށް ދީފައިވާ ރައްދެވެ.

މިކަން ފެށިފައިވަނީ އިންޑިއާ ފަދަ ގައުމުތަކާ އޮންނަ ގުޅުން ހީނަރުކޮށް، ބައިނަލްއަގުވާމީ މުޖުތަމައުއާ ރާއްޖެ އެކަހެރިކޮށްލުމަކީ އައިއެސް އަދި އަލްގައިދާ ފަދަ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ތަސައްވަރުގެ ފުރަތަމަ މަރުހަލާ ކަމަށް މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ރައްދުދިނުމަށް ޢަލީ ރަމީޒްކޮށްފައިވާ ޓުވީޓަކާއި ގުޅިގެންނެވެ. އެގޮތުން ޢަލީ ރަމީޒްކޮށްފައިވާ ޓުވީޓުގައި ބުނެފައިވަނީ އައިއެސް އާއި އަލްގައިދާގެ ވާހަކަތައް މިހާރު ރައްޔިތުން ޤަބޫލު ނުކުރާނެ ކަމަށާއި އެއީ މިހާރު ބާވެފައިވާ ވާހަކަތަކެއް ކަމަށެވެ.

އެއާއެކު މާލެ ސިޓީ މޭޔަރުކަމަށް ކުރިމަތި ލައްވާފައިވާ އަލްހާން ވަނީ ހަރުކަށި ރައްދެއް ޢަލީ ރަމީޒަށް އަމާޒުކޮށްދީފައެވެ. އެގޮތުން ޢަލީ ރަމީޒު އަލުން ޢިޝްޤީ ލަވަ ކިޔަން ފަށަންވީ ކަމަށާއި ބޮލުގައި ބިދުޢަވެރި ފަގުޑިއެެއް އަޅައިގެން އޮޅުވާ ނުލުމަށް އަލްޙާން ފަހުމީވަނީ ޢަލީ ރަމީޒަށް ގޮވާލާފައެވެ.

މިއާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަލްހާނަށް ވަނީ އަމާޒުކޮށްފައެވެ. އަދި އަލްހާން ބައިވެރިވެފައިވާ ގިނަ އިންތިހާބުތަކުން ބޮޑުތަނުން ނާކާމިޔާބީއާއި ކުރިމަތިލާންޖެހިފައިވަނީ ރައްޔިތުން އޭނާ ބަލައިނުގަންނާތީކަމަށް ގިނަ ބަޔަކު އަންނަނީ ހިޔާލު ފާޅުކުރަމުންނެއެވެ.

ދެން ފެނިގެންދިޔައީ ފޭސްބުކްގައި އެންމެ ފުޅާކޮށް ހިންގަމުން އަންނަ "ލޮޖިކަލް މޯލްޑިވިއަން" ޕޭޖުން އަލްހާނާއި ޢަލީ ރަމީޒުގެ މަޤުބޫލުކަމުގެ ވޯޓެއް ނެގިތަނެއެވެ. 48 ގަޑި އިރުތެރޭގައި 4200 އަށްވުރެ ގިނަ ވޯޓު ލާފައިވާއިރު މި ވޯޓާއެކު އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ އަލްހާންގެ ސަފޯޓްވެސް ފެނިގެން ހިނގައްޖެއެވެ. އެގޮތުން ވަރަށް ބޮޑު ފަރަގަކާއެކު މި ވޯޓްގެ ކުރީގައި އުޅެނީ ޢަލީ ރަމީޒެވެ. އަލްހާނަށް އެންމެ 35 ވޯޓް ލިބިފައިވާއިރު ޢަލީ ރަމީޒްއަށް މިހާތަނަށް ލިބިފައިވަނީ 4102 ވޯޓެވެ. ލައްކައަކަށްވުރެ ގިނަ މީހުންގެ ހިމެނޭ މި ޕޭޖުން އަންނަނީ ރާއްޖޭގައި އެކި ކަންކަމުގައި ޢާންމުގެ ހިޔާލަށް ހުޅުވާލައި މިފަދަ ވޯޓު ނަގަމުންކަން ފާހަގަކޮށްލަންޖެހެއެވެ.

ފެށުމަކީ ޢަލީ ރަމީޒް 2023 ޓުވީޓު؟

މިހާރު ދީނީ ޖަމިއްޔާއެއްކަމުގައިވާ ޖަމިއްޔަތުއް ސަލަފްގެ ހަރަކާތްތަކުގައި އިސްސަފުގައި މަސްއޫލުވެ އުޅޭތަން ފެންނަ، ޢަލީ ރަމީޒް ވަނީ ''2023 އިންޝާ ﷲ'' ޖަހައި ޓުވީޓެއް ކޮށްފައެވެ.

މި ޓުވީޓަށް މިހާތަނަށް ކޮމެންޓް ކުރި ގިނަ މީހުން ވަނީ ޢަލީ ރަމީޒް 2023 ގައި ރިޔާސީ އިންތިޚާބުގައި ވާދަ ކޮށްފިނަމަ ވޯޓު ދޭނެ ކަމަށް ބުނެފައެވެ. ފަހަރުގައި މިއީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަލްހާންގެ މި މޭރުމުން ރައްދުދިން ކަމުގައި ބެލެވެއެވެ.

ޢަލީ ރަމީޒް މިހާތަނަށްވެސް މި ޓުވީޓުތަކަށް ރައްދު ދީފައިނުވއެވެ. 

Advertisement

ކޮމެންޓް