ޓިމް ކޭހިލް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

21 Nov 2018 | 07:38

އޮސްޓްރޭލިއާގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ގިނަބަޔަކު އިއްތިފާގުވާ ޓިމް ކޭހިލް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ކޭހިލް އޮސްޓްރޭލިއާގެ ގައުމީ ޓީމަށް އަލްވަދާއުކީ މެޗުގައި ވާދަކުރީ ލުބުނާނާއެވެ. އެމެޗް ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޮސްޓްރޭލިއާއެވެ.

އޮސްޓްރޭލިއާގެ ވެރިރަށް ސިޑްނީގެ އޭއެންޒީ ސްޓޭޑިއަމްގައި ކުޅުނު ރަހުމަތްތެރިކަމުގެ މި މެޗުގައި 38 އަހަރުގެ ކޭހިލް ކުޅެން އަރާފައިވަނީ 82 ވަނަ މިނެޓުގައެވެ. ކުޅުމުގައި ކޭހިލް ބައިވެރިވިއިރު އޮސްޓްރޭލިއާގެ މާޓިން ބޮއިލް (ދެ ލަނޑު) އަދި މެތިއު ލެކީވަނީ ލަނޑުޖަހައި އޮސްޓްރޭލިއާއަށް ކުރިހޯދަދީފައެވެ.

މި މެޗުގައި ކޭހިލްގެ ފަރާތުން ލަނޑެއް ނުފެނުން ކަމުގައިވިޔަސް އޭނާއަކީ 50 ލަނޑާއެކު އޮސްޓްރޭލިއާގެ ފުޓްބޯޅަ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރިކޯޑް އޮންނަ ކުޅުންތެރިޔާއެވެ. އަދި ކޭހިލްވަނީ ގައުމީ ޓީމަށް 108 މެޗު ކުޅެދިފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ އެވަޓަންއަށްވެސް ކުޅުނު ކޭހިލް މެޗަށްފަހު ދަނޑަށްވަދެ ތިބި ސަޕޯޓަރުންނައި މުހާތަބު ކުރަމުން ބުނީ ގައުމީ ޖާޒީ ލާ ކޮންމެ ފަހަރަކު އޭނާއަށް ކުޅެވުނު އެންމެ މޮޅަކަށް ކުޅެން ހިތްވަރުކުރާކަމަށާއި އޭނާހުރި ހިސާބަށް އައުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރާކަމަށެވެ.

އޮސްޓްރޭލިއާއަށް ވޯލްޑް ކަޕުގައި ޖަހައިދިން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއަކީވެސް ކޭހިލްއެވެ. 

Advertisement

ކޮމެންޓް