Advertisement

މިފްކޯއިން މަސް ގަންނަ އަގު އަނެއްކާވެސް ހެޔޮކޮށްފި

10 Oct 2020 | 22:58

ސަރުކާރު ހިއްސާވާ މިފްކޯއިން މަސް ގަންނަ އަގު އަނެއްކާވެސް ހެޔޮކޮށްފިއެވެ.

އެގޮތުން އެކުންފުންޏާއި ހަވާލާދީ "މަސްވެރިން" ވެބްސައިޓްގައިވާ ގޮތުގައި މިފްކޯގެ ސައިޓްތަކަށާއި ބޯޓްފަހަރަށް މަސްކިލޯއެއް މިއަދުން ފެށިގެން ގަންނާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ މަހެއް ގަންނާނީ 14 ރުފިޔާއަށްކަމަށްވެސް ވަނީ ނިންމާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަ އަަގަށްވެސް މިއަދުން ފެށިގެން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެވަރުގެ މަސް 9 ރުފިޔާއަށް ގަންނައިރު، އައިސް ނާޅާ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ 7 ރުފިޔާއަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިފްކޯގެ އިތުރުން މަސް ގަަންނަ އެހެން ކުންފުނިތަކުންވެސް މަސް ގަންނަނީ ވަރަށް ދަށް އަގެއްގައެވެ. މިކަމުގެ ސަބަބުން މަސްވެރިން ދަނީ އާމްދަނީ ދަށްވަމުންދާކަމުގެ ޝަކުވާތައް ކުރަމުންނެވެ. އަދި މިފްކޯއިން މި މަސްވެރިންނަށް ދޭންޖެހޭ ފައިސާތައް ދިނުމުގައި ލަސްތަކެއް އުޅޭކަމަށްވެސް ދަނީ ބުނަމުންނެވެ.

ކުންފުނިތަކުން މަސް ގަންނަ އަގު ކުޑަކުރިޔަސް، މަސް ބޭރުކުރަން ދާ ޚަރަދު ބޮޑުކަމަށް އެކުންފުނިތަކުން ހާމަކުރެއެވެ.

އެގޮތުން ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖޭގެ މަސްތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގެ މަސައްކަތްކުރާ ކުންފުންޏެއްކަމަަށްވާ ބިގްފިޝް މޯލްޑިވްސްއިން ބުނީ ކުންފުނީގެ އެންމެ މުހިންމު ބައިވެރިންނަކީ ދިވެހި ކަންނެލި މަސްވެރިންކަމަށާއި، ނަމަވެސް މިދުވަސްކޮޅު ކަންނެލި ބޭނޭވަރަށް ބަލާއިރު މަސްވެރިންނަށް ދެވޭ އަގު މިދިޔަ އަހަރާއި އަޅާ ބަލާއިރު %30އަށް ވުރެ ބޮޑުބައި ދަށްކަމަށެވެ. ބިގްފިޝް މޯލްޑިވްސްއިން ބުނިގޮތުގައި އަގު ދަށްކޮށް މަސް ގަންނަން ޖެހޭ ސަބަބަކީ، ޔޫރަޕަށް ވިކޭ އަގު ކުރިއެކޭ އެއްވަރެއްގައި ހުރިނަމަވެސް، ކޮވިޑް 19 އާއި ގުޅިގެން އެއަރ ފްރޭޓް ކުރުމުުގެ އަގު އެވެރެޖްކޮށް %74 އިތުރުވެފައިވުމެވެ.

Advertisement

ކޮމެންޓް

Advertisement