ޓެސްޓްކުރުމުގެ ޚިދުމަތްދެނީ ޕްރޮފެޝަނަލް މިންގަނޑުތަކާއި އެއްގޮތަށް: އެޗްޕީއޭ

11 Oct 2020 | 15:19

ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ޚިދުމަތްދެނީ ޕްރޮފެޝަނަލް މިންގަނޑުތަކާއި އެއްގޮތަށްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

އެޗްޕީއޭއިން މިފަދައިން ބުނެފައިވަނީ ރޭ ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން އެޗްެ.އޯ.ސީއާއި ސިއްހީ ޚިދުމަތްދޭ މަރުކަޒު ތަކުގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގައި ދެމުންދާ ޚިދުމަތްތަކަކީ ޕްރޮފެޝަނަލް ޚިދުމަތްތަކެއް ކަމަށެވެ. އަދި އެ މަރުކަޒުތަކުގައި ދެމުން ގެންދާ ޚިދުމަތްތައް ފޯރުކޮށްދެމުން ގެންދަނީ، ޚިދުމަތްތައް ދިނުމުގައި ދިމާވެދާނެ ކަންތައްތަކަށްވެސް އިޖާބަދީގެންކަމަށް ވަނީ ބުނެފައެވެ.

އެގޮތުން ސިއްހީ ޚިދުމަތްތެރިންނާއި ވޮލަންޓިއަރުން ރެއާއި ދުވާލު މަސައްކަތްކުރަމުންދަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެންކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަން ކުރަނީ ޚިދުމަތް ދިނުމުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށްވެސް މި ނޫސް ބަޔާނުގައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮވިޑް-19ގެ ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްގެ މެންބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މިކަމަށް އެބޭފުޅާ ވަނީ އިންކާރުކުރައްވާފައެވެ.

Advertisement

ކޮމެންޓް