ފައިނޭންޝިއަލް ފެއާ ޕްލޭގެ ބައެއް ގަވައިދުތައް ބަލިކަށި ކަމަށް ޔުއޭފާގެ ރައީސް ވިދާޅުވެއްޖެ

21 Nov 2018 | 07:51

ފައިނޭންޝިއަލް ފެއާ ޕްލޭގެ އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށާއި އޭގައިވާ ބައެއް ގަވައިދުތައް ބަލިކަށި ކަމަށް ޔުއޭފާގެ ރައީސް އެލްކްސޭންޑަރ ސެފެރިން ވިދާޅުވެއްޖެއެވެ.

ފައިނޭންޝިއަލް ފެއާ ޕްލޭގެ 'ބްރޭކް އީވަން' ގަވައިދުގައިވާ ގޮތުގެ މަތިން ކްލަބުތަކުން ހަރަދުކުރާ މިންވަރައި ހޯދާ އާމްދަނީއާއި ދެމެދު ފަރަގެއް އޮވެގެން ނުވާނެއެވެ.

ޖަރުމަނުގެ މަޝްހޫރު ނޫސް މަޖައްލާއެއް ކަމުގައިވާ 'ޑަރ ސްޕައިޖެލް' އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފުޓްބޯޅައިގެ ވަރުގަދަ ދެ ބާރު ކަމުގައިވާ އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓާ ސިޓީ އަދި ފްރާންސްގެ ޕީއެސްޖީވަނީ ފައިނޭންޝިއަލް ފެއާ ޕްލޭގެ ގަވައިދުތަކަށް ފެތުމަށްޓަކައި އަސްލު އަގަށްވުރެ ބޮޑުކޮށް ސްޕޮންސަޝިޕް ޑީލްތަކެއް ހަދާފައެވެ.

މިކަމައި ގުޅިގެން ޔުއޭފާއިން ބުނީ އެފަދަ އަމަލުތަކެއް ހިންގާފައިވާކަމުގެ ހެކި ފެނިއްޖެނަމަ އެކަމެއް ބަލާ ތަހުގީގު ކުރާނެ ކަމެށެވެ.

ސިޓީއިން މި މައްސަލައާއި ގުޅޭގޮތުން ބުނީ އެއީ ކަނޑައެޅިގެން ކުރިއާލައި ގަސްދުގައި އެކްލަބުގެ އަގު ވައްޓާލުމަށްޓަކައި ބަޔަކު ރާވައިގެން ފަތުރަމުންދާ އަޑުތަކެއް ކަމުގައެވެ. ކްލަބުން އަބަދުވެސް އަމަލުކުރަމުން ދަނީ ކަނޑައެޅިފައިވާ ގަވައިދު އަދި އުސޫލުތަކައި އެއްގޮތަށް ކަމަށް ބުނެ ޕީއެސްޖީވެސް ވަނީ އެ ހަބަރުތައް ހަރުކަށި އިބާރާތުން ދޮގު ކޮށްފައެވެ.

މިކަންކަމައި ގުޅޭގޮތުން ޔުއޭފާގެ ރައީސް ސެފެރިން ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނީ ސީޓީ އަދި ޕީއެސްޖީއައި ބެހޭގޮތުން އެއްޗެކޭ ބުނަން ބޭނުން ނުވާކަމަށެވެ. ކޮންމެ ކްލަބެއް ކަމުގައިވިއަސް ހަމަޖެހިފައި އޮންނަ ގަވައިދުތަކުގެ ބޭރުން އަމަލު ކުރަމުންދާނަމަ އެކަމެއް ބަލާ އަޅަންޖެހޭ ފިޔަވަޅުތަކެއް އަޅާނެ ކަމުގައެވެ.

ދުނިޔޭގެ ކަންކަމަށް އަންނަ ބަދަލުތަކައި ކުރިއެރުންތަކާއެކު ފުޓްބޯޅައާއި ގުޅުން ހުރި ކަންތައްތައްވެސް ކުރިއަރަމުންދާ ކަމަށާއި އެގޮތުން ފުޓްބޯޅައިގެ މާކެޓަށް އަބަދުވެސް ބަދަލުތައް އަންނަމުންދާ ކަމުގައި އޭނާގެ ވާހަކައިގަ ފާހަގަ ކޮށްފައިވެއެވެ. އަދި މުސްތަގުބަލަށް ވިސްނައި ކުރިއަށް އޮތްތަނުގައި ފައިނޭންޝިއަލް ފެއާ ޕްލޭގެ ގަވައިދުތަށް މިހާރަށްވުރެ ހަރުދަނާ ކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދޭކަމުގައި ސެފެރިން ބުނެފައިވެއެވެ.

ފައިނޭންޝިއަލް ފެއާ ޕްލޭގެ ގަވައިދުތަކައި ހިލާފުވާ ކްލަބްތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ޗެންޕިއަންސް ލީގުން ސަސްޕެންޑް ކޮށްފާނަންތޯ ސުވާލު ކުރެވުމުން ސެފެރިން ބުނީ އެޅިދާނެ ބައިވަރު ފިޔަވަޅުތައް ހުންނާނެ ކަމަށާއި އެފަދަ މައުލޫއަކަށް ދާން އަދި އަވަސް ކަމުގައެވެ.

ފައިނޭންޝިއަލް ފެއާ ޕްލޭގެ ގަވައިދުތަކައި ހިލާފުވެގެން މީގެ ކުރިން ސިޓީއަށް ވަނީ 2014 ވަނަ އަހަރު ޔުއޭފާއިން ފިޔަވަޅު އަޅާފައެވެ. އެގޮތުން އެފަހަރު އެޓީމްވަނީ 49 މިލިއަން ޕައުންޑުން ޖޫރިމަނާ ކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން 32 މިލިއަން ޕައުންޑް ޔުއޭފާއިން ވަނީ ފަހުން މާފު ކޮށްދީފައެވެ. އިތުރު އަދަބެއްގެ ގޮތުން ސިޓީ އެ ސީޒަނުގެ ޗެންޕިއަންސް ލީގުގައި ކުޅެން ޖެހުނީ އާންމުކޮށް ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށްވުރެ މަދު އަދަދަކަށް ކުޅުންތެރިން ހިމަނައިގެންނެވެ. 

Advertisement

ކޮމެންޓް