އަންހެނުންނާއި އަންހެންކުދިން ރައްކާތެރިކުރުމުގެ ވާހަކަތައް ދައްކަން މުއައްސަސާތަކުން ލަދުގަންނަންޖެހޭ!

12 Oct 2020 | 10:43

މުޖުތަމައުއެއް ތަރައްގީއާއި ތަމައްދުނުގެ ރޮނގުން ކުރިއަރައި ގޮސްފައިވާކަން އަންގައިދޭ އެންމެ ބޮޑު އެއް އަސާސަކީ އެ މުޖުތަމައުއެއްގެ އިންސާނީ މިނިވަންކަން އޮތް މިންވަރެވެ. މިތަނުގައި އިންސާނީ މިނިވަންކަމޭ މި އިޝާރާތްކުރެވެނީ އިޖްތިމާއީ، ދީނީ އަދި ގާނޫނީ އޮނިގަނޑުތަކުގެ ތެރެއިން އެންމެންނަށް ލިބެންއޮތް ރައްކާތެރިކަމާއި ހައްގުތައް ތަފާތުކުރުމެއް ނެތި ލިބެމުން ދިއުމެވެ. މި ހަމައިން ބަލައިފިނަމަ ކިތަންމެ ގިނަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގި ކަމުގައި ވިޔަސް، އެ މުޖުތަމައުއެއްގައި ފުރިހަމަ އިންސާނީ މިނިވަންކަމެއް ނެތްނަމަ އެއީ "ތަރައްގީވެފައިވާ މުޖުތަމައުއެއް" ކަމަށް ބުނެވޭކަށެއް ނެތެވެ. 

މިއީ ދުނިޔޭގެ ކޮންމެ ގައުމެއްގެ ކޮންމެ މުޖުތަމައުއެއްގެވެސް ހާލަތެވެ. ކިތަންމެ އުމްރާނީ ރޮނގުން ކުރިއަރާފައި ވީނަމަވެސް، އެކަށައެޅިފައިވާ ރައްކާތެެރިކަމާއި ހައްގުތައް އެންމެންނަކަށް ނުލިބެއެވެ. ވަކިން ޚާއްސަކޮށް، މިންތީގެ ތަފާތުކުރުންތަކާއި އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް މުޅި ދުނިޔޭގައިވެސް އޮތީ އިންތިހާ ދަރަޖައަށް ކަންބޮޑުވާން ޖެހޭފަދަ ހާލަތެއްގައެވެ. އެއްވެސް ހާލަތެއްގައި މި ދެންނެވީ ފިރިހެނުންނާއި ފިރިހެންކުދިންނަށް އަނިޔާ ނުލިބޭ ވާހަކައެއް ނޫނެވެ. އެކަމާއި މެދުގައިވެސް ކަންބޮޑުވާން ޖެހެއެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ކިތަންމެހާވެސް ގިނައެވެ. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން 2007ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުގައި ރާއްޖޭގެ އުމުރުން 15 އަހަރާއި 49 އަހަރާއި ދެމެދުގެ ކޮންމެ ތިން އަންހެނަކުން އެކަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާއެއް ލިބިފައިވާ ފަރާތެކެވެ. މިހާރު ދިވެހިރާއްޖޭގައި އަންހެނުންގެ ޖުމްލަ އާބާދީއަކީ 201،277 ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކުރެއެވެ. އެހެންކަމުން އަނިޔާ ލިބޭ ފަރާތްތަކުގެ އަދަދު އިތުރުވުމަކީ ވަރަށް ގާތްކަމެކެވެ.

ދިވެހިރާއްޖޭގައި އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އަނިޔާގެ މައްސަލައެއް ފާޅުވެގެންދާ ކޮންމެ ފަހަރަކު ދެކެވޭ އެންމެ ބޮޑު އެއް ވާހަކައަކީ މިފަދަ މައްސަލަތައް ބެލުމަށް ގާއިމްކުރެވިފައިވާ މުއައްސަސާތަކުގެ ވާހަކައެވެ. ފަހަރެއްގައިވެސް އެފަދަ މުއައްސަސާތަކުން ކުރާ ފުރިހަމަ މަސައްކަތަށް ތައުރީފްގެ ބަސްތައް ރައްދުކުރަނީއެއް ނޫނެވެ. އޭގެ ބަދަލުގައި އަބަދުވެސް އިވެނީ އެފަދަ މުއައްސަސާތައް ހިމެނޭގޮތުން މުޅި އިންސާފު ހޯދައިދިނުމުގެ ނިޒާމުން، އަންހެންކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވާ އެފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދޭން ނުކުޅެދޭ ވާހަކައެވެ. އެފަދަ މައްސަލައެއްގައި އިންސާފު ހޯދައިދޭން ޖެހިއްޖެނަމަ އެކަން ކުރުމުގައި ބޮޑުތަނުން ފޭލްވެފައިވާ ވާހަކައެވެ.

މިއަހަރު އެކަނިވެސް މިފަދަ އެތަކެއް ހާދިސާތަކެއް އަދި އެތަކެއް ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ  ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައިވާ އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައެވެ. މި މައްސަލައިގެ ވާހަކަ ފެންމަތިވި ދުވަހުން ފެށިގެންވެސް ފުލުހުންގެ މައްޗަށް ވަނީ އިހުމާލުވިކަމަށާއި ތަހުގީގަށް ނުރަނގަޅު ނުފޫޒު ފޯރަމުންދާކަމުގެ އެކިއެކި ތުހުމަތުތައް އަމާޒު ކުރެވިފައެވެ.

އެ ތުހުމަތުތަކަށް އަނެއްކާވެސް ރޭ މިވަނީ އާ ކަމެއް އިތުރުވެފައެވެ. އަންހެންމީހާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަލްއުސްތާޛާ ޝަފީއާ ރިޟާ ވަނީ، ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުން މައްސަލައިގެ ވިކްޓިމް ދިން ބަޔާނަށް އުނި އިތުރު ގެނައުމަށް މަސައްކަތްކުރާ ވީޑިއޯއެއް އާންމުކުރައްވާފައެވެ.

ރޭ ޝަފީއާ ޓްވިޓަރގައި އާންމުކުރެއްވި މި ވީޑިއޯއިން ފެންނަ ގޮތުގައި އަންހެން އަދި ފިރިހެން އިންވެސްޓިގޭޝަން އޮފިސަރެއް، ވިކްޓިމްގެ ވަކީލުންނަށް މަލާމާތްކޮށް ވިކްޓިމްގެ ބަޔާނުގެ ބަސްތައް ބަދަލުކުރުމަށް ވަނީ މަސައްކަތްކޮށްފައެވެ. މި މައްސަލަ ފުލުހުންނާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ޕީޖީ އޮފީހަށް ވަނީ ހުށައެޅިފައެވެ.

އަންހެންކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާގެ ބޮޑު މައްސަލައެއް ފެންމަތިވާ ހަމަ ކޮންމެ ފަހަރަކު މުއައްސަސާތަކުގެ އިސްވެރިން މީޑިއާގައި ވިދާޅުވަނީ ވިކްޓިމުން މިފަދަ މައްސަލަތައް އިތުރަށް ރިޕޯޓްކުރަން އެދޭ ކަމަށާއި، އެ ފަރާތްތަކަށް ބޭނުންވާ އިންސާފާއި ރައްކާތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އެހެނަސް މިފަދަ ވީޑިއޯތައް ފެންމަތިވުމުން މިއީ ކިހާ މިންވަރަކަށް ދެވޭ އިންސާފަކާއި ރައްކާތެރިކަމެއްތޯ ސުވާލު ކޮށްލެވެއެވެ. ރައްކާތެރިކަމެއް ނެތި އިންސާފު ލިބުން ކަށަވަރުނުކޮށްދެވޭ ކިލަނބުވެފައިވާ މުއައްސަސާތަކަށް، އިންސާފު ހޯދަން ދާން އާންމުން ފަސްޖެހެނީ ހަމަ މިހެންވީމައެވެ. މިފަދަ މައްސަލަތަކަށް ހަގީގީ އިންސާފު ގާއިމްނުވާ ކޮންމެ ފަހަރަކީ އެފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ނުސީދާގޮތުން ދެވޭނެ އިތުރު ހިތްވަރެކެވެ.

އިއްޔެއަކީ ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ އަންހެންކުދިންގެ ދުވަސްކަމުން ހުރިހާ މުއައްސަސާއެއްވެސް ފަސްޖެހުމެއްނެތި ކުރީ ޕަބްލިކް ރިލޭޝަންސްގެ މަސައްކަތެވެ. މޮޅެތި ބަޔާންތަކާއި ޓްވީޓްތައް އާންމުކުރުމެވެ. އަންހެންކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެކަމަށް ބުނަމުންނެވެ. އެހެނަސް މިއަދު ދިވެހި މުޖުތަމައު ހާލުގެ ދުލުން އެދި ގޮވަނީ ޕީއާރަކަށް ނޫނެކެވެ. ނަތީޖާއަށާއި އިންސާފަށެވެ. އިންސާފެއް ނުލިބި އެތަކެއް ބަޔަކު ވާހިނދު، އަންހެނުންނާއި އަންހެންކުދިން ރައްކާތެެރިކުރުމުގެ ވާހަކަ ދައްކަން މުއައްސަސާތަކުން ހަމަ ހަގީގަތުގައިވެސް ލަދުގަންނަންޖެހޭނެއެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް