ތުލުސްދޫގައި ގެސްޓްހައުސްތައް ހުޅުވަން ކައުންސިލާއި ގެސްޓްހައުސްތަކުން ގުޅިގެން މަސައްކަތްކުރަނީ

12 Oct 2020 | 18:36

ކ.ތުލުސްދޫގައި ގެސްޓްހައުސްތައް އަލުން ހުޅުވަން އެރަށުގެ ކައުންސިލާއި ގެސްޓްހައުސްތަކުގެ ވެރިން ގިނަ މަސައްކަތްތަކެއް އެކުގައި ކުރަން ފަށައިފިއެވެ.

އެގޮތުން 20 ސެޕްޓެމްބަރ ގައި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން އަމިއްލައަށް އިސް ނަގައިގެން ކައުންސިލާ އެކު ގެސްޓްހައުސްތައް އަލުން ހިންގަން ފެށުމާ މެދު ބައްދަލުވުމެއް ބޭއްވުމަށް އެދެވުނެވެ. އަދި 21 ސެޕްޓެމްބަރގައި ބައްދަލުވުމެއް ބާއްވައި، ގެސްޓްހައުސްތައް ހިންގަން އަލުން ފެށުމަށް ކުރަންޖެހޭ ކަންކަމާއި މެދު ވަނީ މަޝްވަރާ ކުރެވިފައެވެ.

އެރަށުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި މިމަހުގެ 5ވަނަ ދުވަހު އެފަރާތްތަކާއި ކައުންސިލުން ވަނީ އަނެއްކާވެސް ބައްދަލުކޮށްފައެވެ. އަދި ގެސްޓްހައުސްތައް ހުޅުވުމަށްޓަކައި ދެވެން ހުރި އެއްބާރުލުމެއް ދޭނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި ބުކިންގތައް ނެގުން ކުރިއަށް ގެންދިއުމަށްވެސް އެދިފައިވާކަމަށް ވަނީ ބުނެފައެވެ. އަދި 6 އޮކްޓޯބަރގައި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސާ އިމާރާތް ބެލުމަށް ކައުންސިލަރުންނާއި ގެސްޓްހައުސް ހިންގާ ފަރާތްތަކުން ދިޔަކަމަށް ވަނީ ބުނެފައެވެ. މި އިމާރާތަށް ބޭނުންވާނެ ތަކެތި ގެސްޓްހައުސްތަކުން ހަމަޖައްސައިދޭން ވަނީ އެއްބަސްވެފައެވެ.

ތުލުސްދޫ ކައުންސިލްގެ ރައީސް "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ޓުއަރިޒަމް މިނިސްޓްރީއަށް ފޮނުވަން ޖެހޭ ލިޔުންތައް ފޮނުވުން ލަސްކޮށްފައިވަނީ ކުރިން ނެރެފައިވާ އެޗްޕީއޭގެ މިންގަޑުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުންކަމަށާއި، ނަމަވެސް އިސްލާހުކުރެވިފައިވާ އައު މިންގަނޑު އިއްޔެ ނެރެފައިވުން ޓުއަރިޒަމް މިނިސްޓަރީއިން ގެސްޓް ހައުސް ހުޅުވުމުގެ ހުއްދަހޯދުމުގެ ކަންކަން ކުރަން ފަށާފައިވާކަމަށެވެ. އަދި މިއަދު ހަވީރު މިނިސްޓްރީގެ ބޭފުޅުންނާއި ތުލުސްދޫ ގެސްޓް ހައުސް ތަކުގެ އިސްވެރިންނާއެކު ބައްދަލުވުން ބޭއްވުމަށް ހަމަ ޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ކ.ތުލުސްދޫއަކީ ލޯކަލް ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވާ ރަށެއްކަން ފާހަގަކޮށްލެވެއެވެ.

ފޮޓޯ: ޕިންއިންޓްރެސްޓް

Advertisement

ކޮމެންޓް