Advertisement

ރޭޕްކުރި ކުޑަކުއްޖެއްގެ މައްސަލައިގެ މަޢުލޫމާތު މަޖިލީހުގެ ލައިވް ކޮމިޓީއެއްގައި ހާމަކޮށްފި

16 Oct 2020 | 12:38

ރޭޕްކުރި ކުޑަކުއްޖެއްގެ މައްސަލައިގެ މަޢުލޫމާތު މަޖިލީހުގެ ލައިވް ކޮމިޓީއެއްގައި ހާމަކޮށްފިއެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން އިއްޔެ ބޭއްވި ލައިވް ކޮމިޓީއެއްގައި ވަނީ ޤާނޫނުގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަޢުލޫމާތުތަކެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައެވެ. މިއީ ގާނޫނީ ކުށެެއްކަން ފާހަގަކޮށްލެވެއެވެ.

އެ ބައްދަލުވުމަކީ ޖިންސީ ކުށުގެ މައްސަލަތަކުގައި ސާމްޕަލް ނަގާއިރު ފޮރެންސިކް ތަޙްލީލުކުރުން ލާޒިމް ކަމަށް ހުށަހެޅި އިސްލާހު ދިރާސާކުރުމަށް ބޭއްވި ކޮމެޓީ ބައްދަލުވުމެކެވެ. އެ ބިލަށް ޚިޔާލު ދެއްވުމަށް ޕީޖީ އޮފީހުގެ ފަރާތުން ވަޑައިގެންނެވީ އެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ ފާތިމަތު ނަބާހާ ވަނީ މިސާލެއްގެ ގޮތުގައި ރޭޕް ކިޓުގައި ސާމްޕަލް ނަގާނަމަ އެދޭ ރުހުމަކީ ލިޔުމުން ދޭންޖެހޭ ރުހުމެއްކަން ފާހަގަކޮށް، އެ ކުއްޖާ ރޭޕްކުރީ ކާކު ކަމާއި އޭގެފަހުން ކަންތައްވިގޮތުގެ ތަފްސީލުތަކެއް ކޮމިޓީގައި ޙިއްސާކޮށްފައެވެ.

ޖިންސީ ކުށުގެ ޤާނޫނުގައިވާ ގޮތުން ޖިންސީ އަނިޔާގެ ތަޙްޤީޤެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި އަދި ޚާއްސަކޮށް ސަރުކާރުގެ މުއައްސަސާ އަކުން ހާމަކުރުމަކީ ސީދާ ކަނޑައެޅިގެން ޤާނޫނުގައި ކުށެކެވެ. ނަމަވެސް ކޮމިޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދު އޭނާ ހުއްޓުވާފައެއް ނުވެއެވެ.

މި ބައްދަލުވުމުގެ އޯޑިއޯ ފަހުން ވަނީ މަޖިލީހުގެ ޔޫޓިއުބް ޗެނަލުން ނަގާފައެވެ.

މިކަމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ލައިވް ކޮމިޓީއެއްގައި ޢާންމުކޮށް ހާމަކުރަން ނުޖެހޭ މަޢުލޫމާތުތަކެއް ހާމަކުރެވިފައިވަނީ އޮޅިގެން ކަމަށާއި އެ ކަމަށް މަޢާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން އެ މުވައްޒަފަށް ފިޔަވަޅު އެޅުމަށް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ.

Advertisement

ކޮމެންޓް