ސްޓޭޖުމަތީ މިއުޒިކު ކުޅެން ހުއްޓާ މަރު ނުގެންދެވިކަން އެއީ ﷲގެ ރަޙުމަތް: ޢަލީ ރަމީޒު

16 Oct 2020 | 19:45

ސްޓޭޖުމަތީ މިއުޒިކު ކުޅެ ލަވަކިޔަން ހުއްޓާ މަރު ނުގެންދެވިކަން އެއީ ﷲ ތަޢާލާ އޭނާ އަށް ލެއްވި ވަރަށް ބޮޑު ރަޙްމަތެއްކަމަށާއި އެކަމަށްޓަކައި ﷲ އަށް ޙަމްދުކުރާކަމަށް މިއުޒިކާ ލަވައިގެ ދާއިރާއިން ދުރުވެފައިވާ ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ޢަލީ ރަމީޒު މިހެން ވިދާޅުވެފައިވަނީ ހދ. ނޮޅިވަރަމްގެ ޒުވާނުންނާއި އަދި އެރަށުގެ ރައްޔިތުންނާއިއެކު ރޭ ބޭއްވި އޮންލައިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޖަމްޢިއްޔަތުއްސަލަފާއި ނޮޅިވަރަމްގެ ދީނީ ޖަމްޢިއްޔާއެއްކަމަށްވާ ޖަމްޢިއްޔަތުއްރިސާލާ ގުޅިގެން ކުރިޔަށް ގެންދިޔަ "ޢަލީ ރަމީޒާއި އެކު" މިއިވެންޓުގައި ޢަލީރަމީޒުވަނީ އޭނާގެ މިއުޒިކީ ޙަޔާތުގެ ގިނަ ތަޖުރިބާތަކެއް ހިއްސާކުރައްވާފައެވެ. އަދި މިއުޒިކާއި ލަވައިން ދުރުވި ސަބަބާއި އޭގެފަހުން އޭނާއަށް ލިބިގެންދިޔަ ހިތްހަމަޖެހުމާއި އުފާވެރިކަން ހިއްސާކުރައްވާފައެވެ.

ރަށުގެ ގިނަ ބަޔަކު ހާޒިރުވި މި އޮންލައިން އިވެންޓުގައި ބައިވެރިންގެ ފަރާތުންވެސް ޢަލީ ރަމީޒަށް ސުވާލުތައް ކުރިއެވެ. އަދި އެސުވާލުތަކަށް ޢަލީރަމީޒުވަނީ ވަރަށް ތަފްސީލުކޮށް ޖަވާބުދެއްވާފައެވެ. ނޮޅިވަރަމް ބަނދަރު ސަރަޙައްދުގައި ކުރިޔަށްދިޔަ މި ބައްދަލުވުން ނިންމާލަމުން މިޔުޒިކާއި ލަވަ އަޑުނޭހުމަށް ޒުވާނުންނަށްވަނީ ނަޞޭޙަތްތެރިވެފައެވެ.

ރޭގެ އިވެންޓުގައި ޢަލީރަމީޒުއާއެކު ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދުވެސް ބައިވެރިވެވަޑައިގަތެވެ. އަދި ހާޒިރުވެތިއްބެވި ބޭފުޅުން ކުރައްވަމުންގެންދެވި ދީނީ ސުވާލުތަކަށް ޝައިޚް ޖަވާބުދެއްވިއެވެ.

ރޭގެ އިވެންޓާއި ބެހޭގޮތުން އިވެންޓު އިންތިޒާމުކުރުމުގައި އެރަށުން އިސްކޮށް ޙަރަކާތްތެރިވި މުޙައްމަދު ޒިޔާދު ވޮއިސްއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ރޭގައި ބޭއްވި އިވެންޓަކީ ވަރަށް ކާމިޔާބު އިވެންޓެއްކަމަށާއި ހާޒިރުވީ މީހުން ތިބީ އިވެންޓާއިމެދު ވަރަށްބޮޑަށް ހިތަހަމަޖެހި އުފާވެފައިކަމަށެވެ.

"ރޭގެ އިވެންޓު ވަރަށް ކާމިޔާބު މާޝާﷲ. މީހުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ. އުފާވެފަ. ޢަލީރަމީޒުއާގުޅޭގޮތުން އޭނަގެ ދުލުން އިވިގެންދިޔައީ ވަރަށް އިންޓަރެސްޓިމް ވާހަކަތަކެއް. ވަރަށް ހަބޭސް ރޭގެ އިވެންޓު. އަދި ވަރަށްގިނަ ޒުވާނުންނަށް ވަރަށް ވަރުގަދަ މެސެޖުތަކެއް ލިބިގެންދިޔަ. އަދިވެސް އެ އިވެންޓު ބާއްވައިދިނުމަށް ގިނަބަޔަކު އެދެމުންދަނީ. ވަރަށްގިނަ މީހުން އައި ރޭގެ އިވެންޓަށް އެމީހުންގެ ހަމަ ވަރަށް މުހިއްމު ކަންތައްތައް ކެންސަލްކޮށްލާފަ. ވަރަށްބޮޑަށް ހިތްހަމަޖެހިއްޖެ. ވަރަށް ފުރިހަމަ ރޭގެ އިވެންޓު" ޖަމްޢިއްޔަތުއްރިސާލާގެ ގެ އިސް އޮފިޝަލެއްކަމަށްވާ މުޙައްމަދު ޒިޔާދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް