ގުބާރު 25

18 Oct 2020 | 16:26

"މަންމާ މަލާޒު އަހަރެމެންނާއި ވަކިވެގެން ހިނގައްޖެ." ސާރާގެ މި ޖުމްލައިން ފަރީދާ ހުއްޓުން އެރިއެވެ. ފަރީދާއަށް، ސާރާ ގައިން ވަގުތުން އަތް ދޫކޮށްލެވުނެވެ. ހީވީ މުޅި ދުނިޔެ ހުއްޓުނު ހެންނެވެ. "އޭ.... ކީކޭ؟." ބޭއިހްތިޔާރުގައި ފަރީދާއަށް ބުނެލެވުނެވެ. "މަންމާ، މިއީ ވަރަށް ބޮޑަށް ހިތްވަރުކުރަންވީ ވަގުތެއް. ދަރިއަކު ގެއްލުމުން މަންމައެއްގެ ހިތަށް ކުރާނެ އަސަރު ވިސްނާލަންވެސް އަހަރެންނަށް ނޭންގޭ. އެކަމަކު މުސްލިމުންނަށް އޮތީ ކެތްތެރިވުން." ސާރާ، ފަރީދާއަށް އެކި ގޮތްގޮތުން ހިތްވަރު ދިނެވެ. އޭރުވެސް ފަރީދާ އިނީ އެ އިންގޮތަށް ހުއްޓުން އަރާފައެވެ. އެވަގުތަކީ ވަހީދުވެސް އައިސް ގެއަށް ވަން ވަގުތެވެ. ވަހީދު ފެނުމާއެކު، ސާރާ ކޮޅަށް ތެދުވިއެވެ. ފަރީދާ އިން ގޮތް ފެނިފައި ކޮންމެވެސް ކަމެއް ވަރަށް ގޯސްކޮށް ހިނގައިފިކަން ވަހީދަށް އެނގުނެވެ.

"ބައްޕާ މަލާޒު". ސާރާ މިހެން ބުނުމަށް ފަހު ދެއަރިއަށް ބޯ ހޫރާލިއެވެ. ވަހީދަށް ސާރާގެ އިޝާރާތުން ވެގެން އުޅޭ ގޮތް ވަރަށް ރަނގަޅަށް ސާފުވިއެވެ. އެހިނދު ވަހީދު މަޑު ހިނގުމެއްގައި ހިނގާފައި އައިސް ފަރީދާގެ ގައިގައި ފިރުމާލިއެވެ. އެހިސާބުން ފަރީދާއަށް އަޑުންއަޑު ނަގާފައި ރޮވުނެވެ. އެ އަޑު އިވޭ ކޮންމެ މީހަކަށްވެސް ރޮވޭނެކަން ކަށަވަރެވެ. ފަރީދާ ރުއީ ހިތްދަތިކަމުގެ އިންތިހާގައެވެ. ދެމަފިރިން އެކުގައި ރޯތަން ފެނުމުން ސާރާއަށް ވެސް ރޮވެން ފެށިއެވެ. ނަމަވެސް އެވަގުތަކީ ސާރާ އެންމެ ކެތްތެރިވާން ޖެހޭ ވަގުތުކަމަށް ވުމާއެކު، އޭނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލާފައި ވަހީދުގެ ދެމަފިރިންނަށް އޭނާ ހިތްވަރުދިނެވެ. އެތައް ގަޑިއިރެއް ހޭދަވެގެން ދިޔައީ އެކި ވާހަކަތައް ދެއްކުމުގައެވެ.

ސާރާ އެގެއިން ނިކުމެގެން އައިއިރު ހުރީ ފުދޭވަރަކަށް ލަސްވެފައެވެ. ޓެކްސީއަށް އަރަމުން ކުށްލިއަކަށް ހަނދާންވީ އިގްބާލު މަތިންނެވެ. އޭނާ ފޯނު ނަގައި ބަލާލިއިރު އިގްބާލުގެ ފަސް މިސްޑް ކޯލު އޮތެވެ. އޭނާ ވަގުތުން އިގްބާލަށް ގުޅިއެވެ. އަދި ގުޅާފައި މިހާރު ގެއަށް ދަނީ ކަމުގައި ބުންޏެވެ. ގެއަށް ވަންއިރު އިގްބާލު ހުރީ ރޭގަނޑުގެ ކެއުން ތައްޔާރުކޮށްފައެވެ. އިގްބާލުގެ އޯގާތެރިކަން ފެނިފައި ސާރާ ހުންނަނީ ބަސްމަދުވެފައެވެ. މިޒަމާނުގައި މިގޮތަށް ލޯބިވާނީ ކާކު ހެއްޔެވެ؟. އިގްބާލަކީ ވަރަށް ތަފާތު މިޒާޖެއްގެ މީހެކެވެ. ފިރިހެނުންގެ ތެރޭގައިވެސް ރަނޅު މީހުން އުޅޭކަން ސާބިތުކޮށްދޭ ދިރިހުރި މިސާލެކެވެ.

ގެއަށް ދެވުމާއެކު، ފަރީދާއާއި، ވަހީދުގެ ވާހަކަ އިގްބާލު އެހިއެވެ. ސާރާ ކަންވީ ހުރިހާ ގޮތެއް އިގްބާލަށް ކިޔައިދިނެވެ. އިގްބާލުގެ ސާރާގެ ހުރިހާ ވާހަކައެއްވެސް ކަނުލާ އަޑުއަހައެވެ. ސާރާ އެރޭ މަލާޒުއާއި ސާރާގެ ގުޅުމާއި ބެހޭ ވަރަށް ގިނަ ހާއްސަ ވާހަކަތައްވެސް އިގްބާލަށް ކިޔައިދިނެވެ. ވާހަކައިގައި ތިބިއިރު ގަޑި ހޭދަވެގެން ދިޔަގޮތްވެސް ނޭންގުނެވެ. ވަކި ހިސާބަކުން ވާހަކަ މެދުކަނޑާލުމަށްފަހު ކާން ސުފުރާ މައްޗަށް އެރިއެވެ. ކައި ނިމިގެން ދެމީހުން ދިޔައީ ނިދަންށެވެ.

ޖެހިގެން އައި ދުވަހު ހެނދުނުގެ އިރު އެރީ ވަރަށް އުފާވެރި ހަބަރަކައިގެންނެވެ. އިގްބާލުގެ ފޯނަށް ގުޅީ ޝީފާނެވެ. މިހުރިހާ ކަމެއްގެ ތެރޭގައި ޝިފާންގެ އެހީތެރިކަން ދިޔައީ އަބަދުވެސް ލިބެމުންނެވެ. އެއީ ވެސް ސާރާއާއި އިގްބާލަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ނިޝާ މަލާރި މީހުންނަށް ފަންސަވީސް އަހަރުގެ ޖަލު ހުކުމެއް އައެވެ. މިއީ އިންސާފު ހޯދަން އުނދަގޫ ބިމެއްގައި މިހާ ފަސޭހައިން އިންސާފު ލިބުނު ފުރަތަމަ ފަހަރޭ ބުނުމަކުން ދޮގަކަށް ނުވާނެވެ. ހައްގަށް ނަޞްރު ދެއްވާނެކަމީ ޔަގީންކަމެކެވެ. މުޅި ސޯޝަލް މީޑިއާގައިވެސް މީހުން ދައްކަމުން އައީ އެވާހަކައެވެ. މިއަދަކީ ސާރާއަށް އުފާވެރި ދުވަހެކެވެ. އަންހެނަކަށްވެ ހުރެ، އެއްވެސް ކުށެއް ނެތި ދިރިއުޅުން ބަނަވެ، ދުނިޔެއާއި ވަކިވެގެން ދާންޖެހުނު އަންހެނަކަށް އިންސާފު ހޯދައިދެވުނު ކަމުގެ އިހުސާސް ސާރާއަށް ކުރެވެން ފެށިއެވެ.

ނަމަވެސް ހިތާމައަކީ ނާޝިދުމެން ފަދަ މީހުން އަދިވެސް މި ކުޑަކުޑަ ދިވެހިރާއްޖޭގައި ހިމާޔަތް ހޯދައިގެން އުޅޭކަމެވެ. ނިޝާގެ މަރަށް އިންސާފު ލިބުނުއިރުވެސް ނާޝިދު ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީއެވެ. ނާޝިދު ހޯދުމަށްޓަކައި އިންޓަޕޯލުންވެސް މިހާރު ވަނީ ނޯޓިސް ނެރިފައެވެ. ސާރާގެ އުއްމީދަކީ ނާޝިދުމެން ފަދަ މީހުންނަށް ލިބެންވާ ހައްގު އަދަބު ލިބުމެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ކޯހުގެ އިމްތިހާނުގެ ދުވަސް ބޯމަތިވެއްޖެއެވެ. އެއީ ފުރަތަމަ ސެމިސްޓާގެ އިމްތިނާނެވެ. ދިރިއުޅުމުގައި ކުށްލި ކުށްލިއަށް އެކި ކަންކަން ހިނގައިގެން ދިއުމާއެކު ސާރާ އަދި އިގްބާލަށްވެސް ކިޔެވުމައިގެން އުޅޭނެ މާގިނަ ވަގުތު ތަކެއް ނުލިބުނެވެ. ނަމަވެސް ވަރަށް ހިތްވަރައެކު ދެމީހުންވެސް އިމްތިހާނަށް ތައްޔާރުވިއެވެ.

ހަފްތާއެއްގެ ތެރޭގައި އިމްތިހާނު ނިމުނެވެ. ދެމީހުންވެސް އުއްމީދު ކުރަމުން އައީ ރަނގަޅު ނަތީޖާއަކަށެވެ. ނަތީޖާ ލިބެންވެސް އަދި ހަފްތާއެއް ނަގާނެއެވެ. ދެން އައީ މިޑް ބްރޭކެކެވެ. މިޑް ބްރޭކުގައި ސާރާ ބޭނުންވީ ކޮންމެވެސް އައު ކަމެއް ދަސްކުރާށެވެ. އޭރުވެސް ސާރާ ދިރިއުޅެމުން އައީ އިގްބާލުގެ އެޕާޓްމަންޓުގައެވެ. ސާރާ އަބަދުވެސް ކޭކު އަޅަން ބޭނުންވެއެވެ. ސާރާ ގޭތެރޭގައި ހުރެގެން ދަސްކުރަން ބޭނުންވި ކަމަކީ އެއީއެވެ. އިންޓަނެޓް މެދުވެރިކޮށް އެކި ވީޑިއޯތައް ބަލައިގެން، ކޭކު އެޅުމަށް ބޭނުންވާ ތަކެތި ހަމަކޮށްގެން ސާރާ އެ މަސައްކަތް ފެށިއެވެ. އޭނާ އެޅި ފުރަތަމަ ކޭކުގެ ރަހަ ދެއްކީ އިގްބާލަށެވެ. އިގްބާލަށް އޭގެ ރަހަ ވަރަށް ކަމުދިޔައެވެ. އަދި އޭނާގެ ދަރިފުޅަށް ކޭކެއް އަޅައިދިނުމަށް ސާރާގާތުން އެދުނެވެ. ސާރާ އުފަލާއެކު އެކަމަށް އެއްބަސްވިއެވެ.

އެއީ އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ސާރާ އަވަދިނެތި އުޅުނީ އިގްބާލުގެ ދަރިފުޅަށް އަޅައިދޭން ބުނި ކޭކު ތައްޔާރުކުރުމުގައި ބަދިގެ ތެރޭގައެވެ. އެވަގުތަކީ އިގްބާލު ގޭގައި އުޅުނު ވަގުތެއް ނޫނެވެ. އެޕާޓްމަންޓުގެ ބޭރުގައި ހުރި ރަނގަބީލަށް މީހަކު ފިތާލި އަޑު އިވުނެވެ. އެތަނަކީ ސާރާއާއި އިގްބާލު ފިޔަވާ އިތުރު މީހަކު އަންނާނެ ތަނެއް ނޫނެވެ. "ކާކުބާ." ކޭކު މިކްސްޗަރ ސިންކު ކައިރީ ބަހައްޓާފައި އަތް ދޮވެގެން ގޮސް ދޮރުގައި ބޭރުބަލަން ހަރުކޮށްފައި ހުރި ޕީޕްހޯލުން ބޭރުގައި ހުރީ ކާކުތޯ ބަލާލިއެވެ. ދޮރުމަތީގައި ހުރީ، އިގްބާލުގެ ކުރީގެ އަންހެނުން ޝާލިޔާއެވެ. ޝާލިޔާ ފެނުމާއެކު ސާރާ ހުރީ ދެ ހިޔާލެއްގައެވެ. ދޮރު ހުޅުވާނީ ތޯ ނުވަތަ ނޫންތޯއެވެ. ޝާލިޔާ އަނެއްކާ އެ އައީ ކީއްކުރަންބާއެވެ.

ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް ބެލުމަށްފަހު، ސާރާ ދޮރުހުޅުވިއެވެ. ސާރާ ފެނުމާއެކު ޝާލިޔާ ހީލިއެވެ. ޝާލިޔާގެ ހިނިތުންވުން މާނަކުރާނެ ގޮތެއް ސާރާއަކަށް ނުވިސްނުނެވެ. "އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟." ޝާލިޔާ އަހާލިއެވެ. "އަހަ..ނޫން. މިބުނީ ވަދޭ ވަދޭ." ސާރާ ހުރީ ވާނުވާ ނޭންގޭފަދަ ގޮތަކަށެވެ. ޝާލިޔާ އެތެރެއަށް ވަނުމާއެކު އޭނާގާތު އިށީނުމަށް ސާރާ އެދުނެވެ. ސާރާއަށް ކޮޅަށް ހުރެވުނީ ޝާލިޔާ ބުނެފާނެ އެއްޗަކާއި މެދު ވިސްނާލަންށެވެ. "ތީތަ ސާރާއަކީ؟." ޝާލިޔާ ސުވާލުކުރިއެވެ. "އާ.. މީ ސާރާއަކީ. އިގްބާލު ހޯދަންތަ ތިޔައީ؟." ސާރާ މަޑުމައިތިރ ރާގެއްގައި އަހާލިއެވެ. "ނޫން. އިގްބާލު ހޯދާކަށް. އަހަރެން މިއައީ ސާރާ ހޯދަން. ސާރާގާތު ވާހަކައެއް ބުނަންވެގެން." ޝާލިޔާ ކޮޅަށް ތެދުވިއެވެ.

"ސާރާ. އަހަރެންނަށް އެނގޭ އިގްބާލު ސާރާދެކެ ވަރަށް ލޯބިވާކަން. އަހަރެމެންގެ ކައިވެންޏަށް ފަސް އަހަރަށްވުރެ ގިނަ ދުވަސް ހޭދަވެގެން ދިޔަ އިރު، އަހަރެން އިގްބާލާއި މެދު އެތައް ކަމެއް ގޯސްކޮށް ކުރިން. ދުވަހަކުވެސް، ސާރާ ފިޔަވާ އެހެން އަންހެނަކާއި ވާހަކަވެސް ނުދައްކާ. މީހުން ބުނެ އުޅޭ އެއްޗެއްގެ މުހިއްމުކަން އިހުސާސް ވާނީ އެ އެއްޗެއް ބީވެގެން ދިއުމުންނޭ. ސާރާ އަހަރެން އަލުން އިގްބާލުގެ ހަޔާތަށް އަންނަން ބޭނުން. އަހަރެންގެ ނުބައިކަން އަހަރެންނަށް އިހުސާސްކުރެވެން ފަށައިފި. އަހަރެންނަށް ކުރެވުނު ކަންކަން ރަނގަޅުކޮށް އަދި އެއް ފަހަރު އިގްބާލާއެކު އުޅެން އަހަރެން ބޭނުން." ޝާލިޔާ ރޯންފެށިއެވެ.

ހަމަ އެވަގުތަކީ އިގްބާލު ގެއަށް އައިސް ވަން ވަގުތެވެ. ޝާލިޔާ ފެނުމާއެކު، އިގްބާލުގެ މޫނުމަތިން ފެނުނީ ނުރުހުމާއި، ނަފްރަތުގެ އަސަރެވެ. ޝާލިޔާ ދެއްކި ވާހަކަތަކަށް ރައްދު ދިނުމަށް އެއީ އެންމެ ރަނގަޅު ވަގުތު ކަމުގައި ސާރާއަށް ވިސްނުނެވެ. "ޝާލިޔާ އިގްބާލަށް ދިން އަނިޔާއާއެކު ހިތާމަކޮށް މައާފަށް އެދުނީތީ އަހަރެން އުފާކުރަން. ޝާލިޔާއަށް ހެޔޮ ވިސްނުން ލިބުނީތީވެސް އުފާކުރަން. އެކަމަކު ޝާލިޔާ އަހަރެންނަށް މަޢާފުކުރޭ. އިގްބާލު އެނބުރި ޝާލިޔާގެ ދިރިއުޅުމަށް ދާކަށް އަހަރެންނެއް ނޭދެން. އަހަރެންނަށްވެސް އިގްބާލުދެކެ ލޯބިވެވިއްޖެ. މިއީ ކުށަކަށް ވިޔަސް ހެޔޮ." ސާރާގެ އެ ޖުމްލައިން އިގްބާލުގެ އަތުގައި ހުރި ކޮތަޅުތައް އޭނާގެ އަތުން ދޫވިއެވެ. އޭނާ އިންތިޒާރަށް ނިމުމެއް އައީއެވެ. އޭނާއަށް ސާރާގެ ލޯބި ކާމިޔާބުވީއެވެ. އިގްބާލުގެ ވިއްސި ވިހާލިވެފައިވާ ދިރިއުޅުމަށް އާރޯކަމެއް ގެނެސްދިން މީހަކީ ސާރާއެވެ. ނަމަވެސް ޝާލިޔާއަށް އެ ޖުމްލަތައް އަޑުއަހަންވީ ފަސޭހަ ކަމަކަށް ނޫނެވެ. އޭނާ ދަތްކުނޑި ވިކާލިއެވެ. އަދި ސާރާއާއި ދިމާލަށް ބަލައިލި ގޮތުން ހީވީ ހަމަ ދެންމެދެންމެ ސާރާ މަރާލަފާނެ ހެންނެވެ. ޝާލިޔާ ހުރިގޮތް ފެނިފައި ސާރާ މަޑުމަޑުން ފަހަތައް ޖެހެން ފެށިއެވެ.


Advertisement

ކޮމެންޓް

Advertisement